ކިޔޭވް (26 ފެބްރުއަރީ 2022) : ޔުކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށްޓަކައި ރަޝިއާ ސިފައިން ތިން ފަރާތުން ހަމަލާތައް ދެމުން ގެންދާއިރު އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކިޔޭވް އިން ބޭރުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ހުށަހެޅުމަކަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ ދެކޮޅު ހައްދަވައިފިއެވެ.

އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި އެމެރިކާގެ ރައީސަށް ޖަވާބު ދެއްވަމުން ޒިލިންސްކީ ވަނީ އޭނާ ބޭނުންވަނީ ގައުމުން ބޭރަށް ދާނެ ފްލައިޓެއް ނޫންކަމާ ބޭނުންވަނީ ރަޝިއާގެ ވަރުގަދަ ހަތިޔާރުތަކާ ކުރިމަތިލައި ގައުމު ދިފާއު ކުރެވޭވަރުގެ ބާރުހުރި އެމެރިކާގެ ހަތިޔާރުކަމަށް ވިދާޅުވެފައެވެ.

ޔުކްރޭންގައި ތިއްބަވަ ބޭރުގެ މުރާސިލުން ބުނާގޮތުގައި ތިންފަރާތުން ރަޝިއާ ސިފައިން މިހާރު ވަނީ ކިޔޭވް ވަށާލާފައެވެ. ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ އިއްޔެވަނީ ޔުކްރޭންގެ ދިފާއުގައި އެމެރިކާއާއި ނޭޓޯ މަސައްކަތް ނުކޮށް ރަޝިއާގެ ޝިކާރައަކަށް ވުމަށް ޔުކްރޭން ދޫކޮށްލާފައިވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

އަދި ޔުކްރޭންގެ ރައީސް އިއްޔެވަނީ ރަޝިއާއަށް އަމާންދޭނެކަމުގެ އިޝާރާތެއްވެސް ކުރައްވާފައެވެ. އިއްޔެ ދެއްވި ބަޔާނެއްގައި ޒިލިންސްކީ ވަނީ ރަޝިއާ ބޭނުންވާގޮތަށް ޔުކްރޭންއަކީ ވަކި ކޮޅަކަށް ނުޖެހޭ އަދި ހަތިޔާރުނެތް ގައުމަކަށް ހެދުމަށް ތައްޔާރަށް ހުންނެވިކަމަށާ އެކަމާބެހޭގޮތުން ރަޝިއާއާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ.

ޒިލިންސްކީ މިގޮތަށް ވިދާޅުވުމުން ރަޝިއާގެ ޚާރިޖީ ވުޒާރާއިންވަނީ އެކަމަށް މަރުހަބާކިޔައި މިވާހަކަތައް ބާއްވާ ތަނަކީ ބެލަރުސްގެ ވެރިރަށް މިންސްކް ކަމަށް ކަނޑައަޅައި ވާހަކަތަކުގައި ބައިވެރިވުމަށް ރަޝިއާއިން ޑިޕްލޮމެޓުން ފޮނުވާނެކަމަށްވެސް ބުނެފައެވެ.

ނަމަވެސް އެއަށްފަހު ޒިލިންސްކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު އޭނާގެ ޚިޔާލަށްވަނީ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ރޭގައި ޔުކްރޭންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޔުކްރޭންއަކީ ވަކި ކޮޅަކަށް ނުޖެހޭ އަދި ހަތިޔާރުނެތް ގައުމަކަށް ހެދުމަށް ޒިލިންސްކީ ހުށަހެޅުއްވި ހުށަހެޅުމާމެދު ގޮތެއް ނިންމާނީ މިއަދު ކަމަށް ބުނެފައެވެ.

ކިޔޭވް ހިފުމަށްޓަކައި ރަޝިއާ ސިފައިން ގެންދަނީ ތިންފަރާތުން އެސިޓީއަށް ހަމަލާތައް ދެމުންނެވެ. އަދި ކިޔޭވްގެ އުތުރަށް ރަޝިއާ ސިފައިން ވަދެގެންފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޔުކްރޭންގެ ހަނގުރާމައިގާ ރަޝިއާ ސިފައިންނާއި ޔުކްރޭންގެ ސިފައިންނާ ދެމެދު މިހާރު އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ގެންދަނީ ޔުކްރޭންގެ ވެރިރަށް ކިޔޭވްގައެވެ.

ކިޔޭވްގެ ހަނގުރާމައިގާ ޔުކްރޭން ސިފައިން ދޭ ހަމަލާތަކުން ރަޝިއާ ސިފައިންނަށްވެސް ގެއްލުންތައް ލިބެމުންދާކަމަށާ އަދި ބައެއް އަވަށްތަކުގައި ރަޝިއާ ސިފައިންގެ ކުރިއެރުން ހުއްޓުވޭ މިންވަރަށް ޔުކްރޭން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. މިކަމާގުޅިގެން ހަނގުރާމަ ދިގުލައިގެން ދިޔަނަމަވެސް އިތުރު ބާރުތައް ގެނަސްގެންވެސް ލަސްތަކެއްނުވެ ރަޝިއާއިން ކިޔޭވް ހިފާނެކަމަށް ތަޖްރިބާކާރުން ބުނެއެވެ.

ޔުކްރޭންގެ ރައީސް ޒިލިންސްކީ ގެންދަވަނީ ކިޔޭވްގައި ހުންނަވައިގެން އިރުއިރުކޮޅުން ވީޑިއޯ މެސެޖްތައް މެދުވެރިކޮށް ޔުކްރޭންގެ ރައްޔިތުންނާ މުޚާތަބު ކުރައްވަމުންނެވެ. ޒިލިންސްކީގެ އަރިހުގައި އޭނާގެ މުސްތަޝާރުންނާއި ޔުކްރޭން އެންމެ އިސް މަސްއޫލުވެރިން އެބަތިއްބެވިއެވެ.

ރަޝިއާގެ މަގްސަދަކީ ކިޔޭވް ހިފުމަށްފަހު ޔުކްރޭންގައި މިހާރުއޮތް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރު ވައްޓާލައި ރަޝިއާއަށް ވާގިވެރިވާ ސަރުކާރެއް ޔުކްރޭންގައި ގާއިމް ކުރުންކަމަށް ވަނީ ބެލެވިފައެވެ. ރަޝިއާގެ ޚާރިޖީ ވަޒީރު ވަނީ ޔުކްރޭންއަކީ ވަކި ކޮޅަކަށް ނުޖެހޭ އަދި ހަތިޔާރުނެތް ގައުމަކަށް ހަދަންޖެހޭ ކަމަށާ ނޭޓޯއިން ރަޝިއާއާ ދެކޮޅަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައި އޮތުމުގެ ފުރުސަތު ދެން ޔުކްރޭނަށް ނޯންނާނެކަމަށް ވިދާޅުވެފައެވެ.