24 Mar 2022, 07:45
ރަސޫލު ސަައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ." މާތް ﷲ އެމީހަކަށް ހެޔޮގޮތް އިރާދަކުރައްވައިފި މީހަކަށް އެ އިލާހުގެ ހަޟުރަތުން އިމްތިހާންތައް މެދުވެރިކުރައްވައެވެ."
***
"ނަވޫދުގެ އަތުގެ ހަރަކާތް ލަސްވެ ހުއްޓުމަކަށް އައެވެ. އޭނަ މަރުތެޔޮ މޭޒުމަތީގައި ބޭއްވިއެވެ. އެއްޗެކޭ ބުނަންވެގެން އެނބުރުނުއިރު ހުމާމް ގޮސް އަވަދިވެއްޖެއެވެ. ހަފޫޓްގެ ފޮތް ސްޓެޗޫއެއް އެންމެ ދުވަހަކުން ނިންމާނީ ކިހިނެއްހެއްޔެވެ؟ ނަވޫދު އަތަށް ލައްވާފައި ހުރި ހުދުކުލައިގެ އަންގީ ބޭލުމަށްފަހު ވަޑާން ސާމާނު އަޅާފައި ހުރި ކިޓް ހިފައިގެން އޭނައާއެކު އައުމަށް ލައިލްއަށް އިޝާރާތްކުރިއެވެ.
" ހިނގާ އެ ފޮތް ފިހާރަ ޗެކްކޮށްލަން..."
"ރޯޒްކްލިފް ފޮތް ފިހާރަ؟ މިއަދު އެތަން ހުޅުވަން ވަރުގަދަ ރަސްމިއްޔާތެއް އޮތް ވާހަކަ އެހިން. މިހެދުމުގައި އެތަނަށް ދާން ކެރޭނީ ކިހިނެއްތަ؟"
" އަހަރެމެން މިދަނީ މެހުމާނުންގެ ގޮތުގައެއްނޫން. މަސައްކަތެއްގައި މިދަނީ...."
"މުސްކުޅި ހުމާމްގެ ކަންތަކޭ މިއީ. އެއްދުވަސްކުރިން އަހަރެމެންނަށް އަންގަންވާނެ ދޯ. އަހަރެންވެސް ކުއްޔަށް ނަމަވެސް ސޫޓެއް ހޯދީމު..." ލައިލް ކުސްތަޅައިލިއެވެ. އަދި އޭނަގެ ކަޅު އަވިއައިނު ނަގާ ގަމީހުގެ ގިރުވާނުގައި އަޅުވައިލިއެވެ. އެންމެ ކުޑަވެގެން އޭނަގެ ލޯބިވާ އަވިއައިނުގައި އޭނަ "ކޫލް" މީހެއްގެ ގޮތުގައި ފެންނާނެއެވެ.
***
"އަލްވާ. ހާދަ ގިނަ އަންހެން ކުދިން މި ވަޒީފާއަށް ކިއޫ ހަދާލާފައި މިތިބީ...." މެހެކް ހަށަން ބަދެލަމުން އަލްވާގެ ކަންފަތް ބުޑުގައި ތަންކޮޅެއް ބާރަށް ކިޔައިލިއެވެ." ތައުލީމީގޮތުން އެންމެ ކުރީގައި އުޅޭ ކުއްޖެއް އެމީހުން ބޭނުންވެއްޖެއްޔާ؟"
"ހައިސްކޫލްގެ އޭ ސްޓާރ ދަރިވަރަކު ޕާޓްޓައިމްގައި ސާފުކުރާ މީހަކަށް އަންނަން ވީ ކީއްވެތަ؟" އަލްވާ އަވަހަށް މެހެކްގެ އެ ހުށަހެޅުން އެއްފަރާތްކޮށްލާފައިގޮސް ކިއޫޫ ގައި ހުއްޓުނެވެ. އަލްވާއަށް ކިއޫގައިވެސް ހިމޭނުން ހުރެވުނީއެއް ނޫނެވެ. ކަރު ދަމަދަމާފައި ކުރީގައި ތިބި ކުދިންނަށް ބަލަން ހަދައިގެން އޭނައާއި ޖެހިގެން ކުރިއަށް ހުރިކުއްޖާގެ ގައިގާވެސް އަޅައިގަތެވެ. އެކުއްޖާ ކަޅި އަޅާލާފައި ދެން ފޫހި ނަޒަރަކުން ބަލައިލުމަށްފަހު އަލްވާއާއި ވީހާވެސް ދުރުގައި ހުންނަން ކުރިއަށް ޖެހިލިއެވެ. މެހެކްއަށް ފެނުނީ އަލްވާގެ ހިނިތުންވުން ފޭދި ބޭއިޚުތިޔާރުގައި އޭނަ ލޮލުގައި އަތް އެޅިތަނެވެ.
"އަލްވާ. މި ޖޮބް ލިބޭނެކަމަށް ވަރަށް ހީވޭ. ކިހާ ބޮޑަށް ފޮތްދެކެ ލޯބިވަން. އަދި އަހަންނަށް ކިޔާދޭ ހުވަފެން މަތިން ހަނދާން އެބަހުރިތަ؟"މެހެކްގޮސް އަލްވާއާއި އަތް ގުޅުވައިލިއެވެ." އަލްވާ ބޭނުންވަނީ ލިޔުންތެރިއަކަށްވާން. ދުރުތަންތަނަށް ގޮސް ދަތުރުތަކާއި ބެހޭގޮތުން ލިޔަން. އަދި ދިމާވާ މީހުންގެ ވާހަކަ ލިޔަން. ނިއުޔޯކް ޓައިމްސް ބެސްޓް ސެލާއަށް ޖައްސާލާވަރުގެ ވާހަކަ ލިޔުންތެރިއަކަށް ވާން. މަޝްހޫރު ވާހަކަ ފޮތްތަކެއް ނެރުމަށްފަހު އެހިސާބުން އަނެއްކާ ދުނިޔޭގައި ދަތުރުކުރުމުގައި ދެމިހުންނަން ބޭނުމީ. ދުނިޔޭގެ އެންމެން މިސް އަލްވާގެ ދެން ނިކުންނާނެ ފޮތެއްގެ އިންތިޒާރުގައި އޭނަ ހުރިތަނެއް ނޭގިގެން ވިސްނާއިރު އަލްވާ ހުންނާނީ އެތްތަކާއި ޖިރާފީތައް ވަށާލައިގެން ޓެންޒޭނިއާގެ ވައިލްޑްޕާކެއްގައި.. އޮފްކޯޒް މަވެސް ހުންނާނަން....." މެހެކްގެ ވާހަކަތަކުން އަލްވާ ހިނިއައެވެ. މެހެކް އެއިން ކޮންމެ ތަންކޮޅެއް ވަކިވަކިން ހަނދާން އެބަހުއްޓެވެ. އެކަމާއި އޭނަ އުފާވިއެވެ. އެއީ އޭނަގެ ފުރާވަރުގެ ހުވަފެނެވެ. އަދި އުއްމީދުކުރަނީ ދުވަހަކުވެސް ބަދަލުނުވާނެ ކަމުގައެވެ.
"އެކީގައި ދަތުރުކުރުމަކީ ވަރަށް މަޖާ ވާނެކަމެއް....އެކަމަކު އައިމް ސޮރީ" ކުއްލިއަކަށް މެހެކްގެ އަޑުވެސް ބަދަލުވެ އަލްވާގެ އަތުގައި ވިކައިގަތީނުން ހަންގަނޑުވެސް ވީދާނުލީ ކިރިޔާއެވެ.
"ކީއްވެ؟" އަލްވާ ހަޅޭއްލަވައިގެންފައި އެބުރި ބަލައިލިއެވެ. މެހެކްގެ ލޯ ހުއްޓިފައިވަނީ ތަންކޮޅެއް ދުރުން އެންމެ ތަންކޮޅަކަށެވެ.
"ކޯނޗެއް ފެންނަނީ؟" އަލްވާ ބޮޑުވާ އިނގިލި ހިއްލާލައިގެންވެސް ފެނޭތޯ ހޯދިއެވެ. އެކަމަކު އެކަމެއްނުވިއެވެ.
"އައިމް ސޮރީ އަލްވާ. ހިޔެއް ނުވޭ އަލްވާއާއިއެކީ މަށަށް ދަތުކުރުކުރެވޭނެހެން.." މެހެކް އަވަސްއަވަހަށް އެސްފިޔަ ޖަހައިގަތެވެ." އެންމެ ގޯޖަސް ފިރިހެނާ މި ފިހާރައަށް ވަދެއްޖެ. އެހެންވީމަ މިއީ ވާން ހުރިގޮތް...." މެހެކް ތުއިކޮށް ހަޅޭކެއް ލަވާފައި ދަބަހުން ކުޑަ ލޯގަނޑެއް ނެގިއެވެ. އަދި ކުއްލިއަކަށް ލައިގެން ހުރި އެއްޗިއްސަށް ބަލައިލީ އޭނަ ލައިގެން ހުރީ ކޯނޗެއްކަން ހަދާންވެފައި އަނގަޔަށް ގޮތެއް ހަދައިލަމުންނެވެ. އޭނައަށް އަޑެއް ލައްވައިލެވުނެވެ.
"އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ މި ކަޑަ ޔުނިފޯމްގައި ހުއްޓާ އަހަރެންގެ ވެދާނެ ފިރިމީހާއާއި ފުރަތަމަ އެންކައުންޓަރ ވީކަމަށް...."
އަލްވާ މެހެކްއަށް ބަލައިލީ އޭނަ މޮޔަވެގެން ބަލާފަދަ ގޮތަކަށެވެ. ފެންނަ ކޮންމެ ރީތި ފިރިހެނަކަށް މެހެކްފަދަ ސްމާޓް އަންހެންކުއްޖަކު ދީވާނާ ވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ޔަގީނުންވެސް ފޮތްތަކަށް ސްމާޓްވެފައި ދިރިއުޅުމަށް ސްމާޓެއް ނޫނެވެ. އެދެމީހުންގެ ފުރާވަރުގެ ހުވަފެންތަކުގައި ވަރަށް ބޮޑު ފަރަގެއްވެއެވެ. މެހެކްގެ ހުވަފެނަކީ ފުރިހަމަ ބައިވެރިޔަކު ހޯދައިގެން އަވަހަށް ކައިވެނި ކުރުމެވެ. އަދި މުސްތަގުބަލްގެ ބައިވެރިޔާއާއެކު މަސައްކަތްކޮށް މުއްސަންޖަކަށް ވުމަށެވެ. މުއްސަދިވެ އަރާމު ދިރިއުޅުމެއް ހޯދުމުން އެމީހުން ދަރިން ހޯދުމެވެ. އަދި ދަރިން ބަލަން މެހެކް އެތައް ޚާދިމާއިން ގެންނާނެއެވެ. އަދި ރަސްދަރިކަލުންނާއި ރަސްދަރިކަނބަލުން ފަދައިން ދަރިންތައް ބޮޑުކުރާނީއެވެ. އަލްވާ ގަބޫލުކުރާގޮތުން މެހެކް ޖެހެނީ މިފަދަ ޑްރާމާތައް ބެލުން ހުއްޓާލުުމަށެވެ.
އެވަގުތުކޮޅު އަލްވާއަށް ބިމާއި ދިމާލަށް ކަޅި ހިންގައިލެވުނުއިރު އެކަނި އެއްލާލެވިފައި އޮތް ސްޓައިލިޝް އަވިއައިނެއް ފެނުނެވެ. އިރުގެ އަވި ސީދާ އެ އައިނަށް އެޅި ވިދަމުން ދިޔައީ ހަމައެކަނި އަލްވާގެ ލޮލަށް ފެންނަން ބޭނުންވި ފަދައިންނެވެ. އަލްވާއަށް ވަށައިގެން ހޯދައިލެވުނީ އޭގެ ވެރިޔާ އެ އައިނު ހޯދަން އުޅޭތޯ ބެލުމަށެވެ. އެކަމަކު އެންމެންވެސް ދިޔައީ އެ އައިނަށް ފައިން ނާރަންވެގެން އެއްފަރާތްވެލަމުންނެވެ. އެ ނަގަންވެސް މަސައްކަތެއް ނުކުރެއެވެ. އަލްވާގެ ހިނިތުންވުން ފުޅާވިއެވެ. އެންމެ މިނިޓެއްވެސް ބޭކާރުކޮށްލަން ނަހަދާ އޭނަ ވަށައިގެން ހޯދައިލީ އޭގެ ވެރިޔާއަށް އެންމެ ފަހު ފުރުސަތު ދިނުމަށެވެ. އެކަމަކު އެއްވެސް މީހަކު ބިންމަތިން އެއްޗެއް ހޯދަން މަސައްކަތެއްނުކުރެއެވެ. އަލްވާ އެ ކަޅު އައިނު ނަގާފައި ލޮލުގައި އަޅައިލުމުން އެހެން ހުރިހާ އަންހެންކުދިންގެ ތެރެއިން އޭނަ އެހެން މީހުންގެ ލޮލުގައި އަޅައިގަންނަހާ ތަފާތުކޮށް ފެންނާން ހުއްޓެވެ. ސަބަބަކީ ސްކޫލް ޔުނިފޯމުގައި މޫނަށްވުރެ އެތައް ގުނަ ބޮޑު ފިރިހެން ފާޑުގެ އައިނެއް ޖަހާލައިގެން ހުރުމުން ސްކޫލުގެ ހަލަނިކުއްޖެއްކަމުގައި ފެންނާތީއެވެ.
ފޮތް ފިހާރައިގެ ކުރިމަތީގައި ސްޓެޗޫ ބަހައްޓަންވީތަނުގައި ފާރުގައި ނަވޫދު މިން ނަގަމުން ދިޔައިރު ލައިލް އަވަދިނެތި އުޅުނީ އޭނަގެ އަވި އައިނު ނުފެނިގެންނެވެ.
ފޮތްފިހާރައިގެ އެތެރޭގައި ސުފިޔާން ރަތްކުލައިގެ ރިބަން ފަށް ކަނޑައިލުމުން އަތްތިލަބަޑީގެ އަޑުން ތަނުގެ ހިމޭންކަން މުގުރާލައިފިއެވެ.
"މަރުހަބާ ސަރ..." ކިނާން އޭނަގެ ބޮސްއާއިމެދު ފަޚުރުވެރިވިއެވެ." ކޮންމެވެސް ވަރަކަށް ރިޕޯޓަރުން މަނިކުފާނާއި އިންޓަވިއުކުރަން މަޑުކޮށްލައިގެން އެބަތިބި. އެކަމަށް މަޑުކޮށްލާނީ ތޯ ނޫނީ އަޅުގަނޑު އެމީހުން ފޮނުވައިލަންތޯ؟"
"އެއީ މާ ބޮޑުކަމެއްނޫނެއްނު. ހަމައެކަނި އިންޓަވިއުއެއް...." ސުފިޔާން ރިޕޯޓަރުންނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ސުފިޔާނުގެ ރުހުން ލިބުމާއެކު ރިޕޯޓަރުން އޭނަ ވަށާލަަމުން ސުވާލަކަށްފަހު ސުވާލެއް ކުރިމަތިކުރާން ފެށިއެވެ.
"މިހާ ބޮޑު ކުންފުންޏެއްގެ ސީއީއޯގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ހުވަފެނަކީ ކޮބައިތޯ؟
"މުސްތަގުބަލަށްޓަކާ ކޮންފަދަ ޕްރޮޖެކްޓެއްތޯ ކުރިއަށް އޮތީ މިސްޓަރ ސުފިޔާން؟"
"މަނިކުފާނުގެ އެންމެ ގަޔާވާ ފޮތްތަކަކީ ކޮބައިތޯ؟
އެތަނުން ރިޕޯޓަރަކު ލަދުވެތިކަން އެއްފަރާތްކޮށްލާފައި ޒާތީ ސުވާލެއްކުރިއެވެ." މަނިކުފާނުގެ ކޮއްކޯފުޅު ސަދަފް ހުސްހަށިބައިތޯ؟"
އެތައް ސުވާލުތަކުގެ ތެރެއިން ސުފިޔާން ބޭނުންވި ސުވާލަށް ޖަވާބުދީފައި އެހެން ސުވާލުތަކަށް ޖަވާބު ދިނުމުން އެއްކިބާވިއެވެ.
***
"ލައިލް...އަަޑު އެބައަހަންތަ؟"ނަވޫދް ކޮނޑުމަތިން ބޯ ދިއްކޮށްލިއެވެ. މިވަގުތު ލައިލް އެ ގެއްލުނީ ކޮންތަނަކަށް ވަދެހެއްޔެވެ؟ ނަވޫދު ފުން ނޭވާއެއް ދޫކޮށްލިއެވެ. ފޫޓު ފީތާ ބާއްވާފައި އޭނަގެ މަސައްކަތްކުރާ ސާމާނު އަޅާ ފޮށި ހާވާލުމަށްފަހު ނޯޓް ފޮތްނެގިއެވެ. އެމޮޔަ ލައިލް އޭނައަށް އެެހީނުވަންޏާ އޭނައާއެކު އައުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ނަވޫދްގެ މަސައްކަތް ނިންމާލުމަށްފަހު ސްޓެޗޫ ބަހައްޓަންވީތަން ފާހަގަކޮށްލާފައި ސާމާނުތައް ނަގައިގެން ލައިލްގެ ހިލަމެއް ވޭތޯ ވަށައިގެން ނަޒަރު ހިންގައިލިއެވެ.
ފޮތްފިހާރައިގެ އެއްފަރާތުގައި ކައުންޓަރެއް ކަހަލަ ތަނެއް ހަދާފައި އަންހެންކުދިންގެ ދިގު ކިޔޫއެއް އޮތްތަން ފެނުނެވެ. އެކުދިން ފޯމްތައް ފުރާ އެ ހަދަނީ އެތަނުން ވަޒީފާ އެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. އަންހެންކުދިން ތިބިތަނެއް ވިއްޔާ އެދިމާލަކަށް ލައިލް ދަމާފައި ގެންދާނެކަން ނަވޫދް ދަނެއެވެ. އެންމެ ފަހުން ނަވޫދްގެ ނަޒަރުގައި ލައިލް އަޅައިގަތެވެ. ފޮތް ފިހާރައިގެ މާސިންގާ ބިއްލޫރި ދޮރުކައިރީގައެވެ.
"މަޑުކޮށްބަލަ...." މީހަކު އޭނަގެ ގިރުވާނުގައި ހިފާ ދަމައިގެން ދާން ފެށިއެވެ."ނަވޫދް. މިނިޓެއް ދީބަލަ..."
"އަދިވެސް އަވިއައިނު ހޯދުމުގައި ތިއުޅެނީ؟" ނަވޫދް އެހުމާއެކު ލައިލް ބޯ ހޫރައިގަތެވެ.
"އެއީ ފޭކް އެއްޗެއްނު. ސޭލް އަޅުވައިގެން އުޅެނިކޮށް ގަނެފައި އަދި ލެންސް ވެއްޓުނީމަ ސުޕަގްލޫވެސް ޖަހާފައި ހުރީ. އެހެންވީމަ އިތުރު އައިނެއް ގަނެވިދާނެ...."
"ދެން ކޯންޗެއް ތި ހޯދަނީ؟"
"ރޯޒްކްލިފްގެ ވެރިޔާ ފޮތް ފިހާރައިގެ ތެރޭ ވީ. ނުދެނެހުރިންތަ؟ އޭނަގެ ކޮއްކޮވެސް ހުރެދާނެއްނު. ސަދަފް...ހަނދާން އެބަހުރިތަ؟ އޭނަ ފެނުނީމަ ބަލައްޗޭ...." ލައިލް ހިނިއައިސްފައި ހުރިގޮތުން ފޯރިހިފާފައި ހުރިވަރު އެނގެއެވެ. ލައިލް އުޅޭގޮތާއިމެދު އަޅާލާވަރަށްވުރެ ނަވޫދްގެ ހާލު ބޮޑެވެ. ސްކޫލް ކުއްޖާއާއި އެކްސިޑެންޓްވެ ކުޑަހުޅަށް އަނިޔާވުމަށްފަހު ރިހުން ގަދަވާން ފެށުމުން އޭނަ މިވަގުތު ބޭނުންވީ ފަޔަށް އަރާމެއް ދިނުމަށެވެ.
ނަވޫދް ދާން އެނބުރިލިތަނާ އޭނަގެ ލޯ ހުއްޓުނީ ކިޔޫގައި ތިބި ސްކޫލް ކުދިންނަށެވެ. ކުލަތަކުގެ ތެރެއިން ހުދު ޔުނިފޯމް ފާހަގަވެއެވެ. އެދެކުދިންގެ ތެރެއިން އިސްތަށިގަނޑު މައްޗަށް ނަގާ އައްސާލައިގެން ހުރި ކުރު ކުއްޖާ ހުރީ ލައިލްގެ އައިނު އަޅައިގެންނެވެ. އޭގައި ހުރި ރީދޫކުލައަކުން ތަފާތެވެ. އެއީ ކުއްލިއަކަށް އޭނަގެ ބައިސްކަލް ކުރިމައްޗަށް ނުކުތް އަންހެންކުއްޖާއެވެ. އޭނަ ބޯ އަރިކޮށްލާފައި ޝައުގުވެރިކަމާއެކު އެކުއްޖާއަށް ނަޒަރު ހުއްޓައިލިއެވެ. އެ ޔުނިފޯމްވެސް އެހާ ދަންނަކަމަށް ސިކުނޑި ބުނަނީ ކީއްވެބާވައެވެ. ނަވޫދް އަމިއްލަ ފަޔާއި ދިމާލަށް ބަލައިލިއިރު ތުންފަތަށް ސަކަ ހިނިތުންވުމެއް ވެރިވިއެވެ.
"އޭ. އަހަރެން ކަލޭގެ އައިނު ހޯދަދީފާނަން..." ނަވޫދް ލައިލްއަށް ގޮވައިލިއެވެ.
"ހަހް؟" ލައިލްއަށް ހީކުރެވުނީ އޭނައަށް ނުބައިކޮށް އަޑުއިވުނީކަމަށެވެ.
"އެކްސްކިއުޒް މީ؟
"ވަޓް؟" އައިނު ވަގަށް ނަގައިގެން ހުރި އަންހެންކުއްޖާ ނަވޫދްއަށް ބަލައިލަމުން އަދަބުވެރިކަމެއް ނެތްގޮތަކަށް އެހިއެވެ. މެހެކްވެސް އުޅަބޮށި އަޅުވައިލީ އަލްވާގެ ރާގުގައި ހުރި ބޭ އަދަބީ ރާގަކުންނެވެ. އަލްވާ އަބަދުވެސް މީހުންގެ ކުރިމަތީގައި އޭނަ ލަދުގަންނަވައިލައެވެ.
"އެއީ ކާކުތަ؟" މެހެކް އަހައިލީ ވައި އަޑަކުންނެވެ.
އަލްވާގެ މައިންބަފައިން އޭނަ ބަލާބޮޑުކުރީ ފުދޭވަރަކަށް ހަރުކަށިކޮށެވެ. އޭނައަށް އެމީހުން ދަސްކޮށްދިނީ ބީރައްޓެހިންނާއި ފަހަރެއްގައިވެސް އަނގައިން ނުބުނުމަށާއި ދުރުން އުޅުމަށެވެ. އެއިން މީހަކު އޭނައާއި ގާތަށް އަތުވެއްޖެއްޔާ އަލްވާގެ އެންމެ ނުލަފާ ބައި ދައްކައިލުމަށް ކިޔައިދިނެވެ. އޭރުން އޭނައަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އަންނަ މީހަކުވެސް ބިރުގަނެ ޖެހިލުންވެދާނެއެވެ. ކޮންމެ ދުވަހަކު ޚަބަރުން އިވެނީ ކުޑަކުދިން ކިޑްނެޕްކުރާ ވާހަކައާއި ގެއްލެމުންދާ ވާހަކަތަކެވެ. އޭގެ ތެރޭގައި ގިނައީ އަންހެންކުދިންނެވެ.އެގޮތަށް އޭނަބޮޑުކުރީ ކީއްވެކަން އަލްވާއަށް ވިސްނެއެވެ. އަލްވާގެ އިނގިލިތައް މެހެކްގެ އިނގިލިތަކާއި ގުޅި ލާމެހުނެވެ. ދުވަންވެއްޖެއްޔާ ދުވަންވެސް އޭނަ ހުރީ ތައްޔާރަށެވެ. އަދި ފުރާނަ ދުއްވާލައިގެންވެސް އޭނަގެ ގާތް އެކުވެރިޔާ މެހެކް ސަލާމަތްކުރާނެއެވެ. ފިރިހެންވެރިން އަބަދުވެސް މެހެކްއަށް ބަލަނީ ނުބައި ތަފާތު ނަޒަރަކުންނެވެ. އެކަމަކު އޭނަގެ ކުރިމަތީގައި މިހިރަ ފިރިހެނާގެ ލޯ ހުއްޓިފައިވަނީ އޭނާއަށެވެ. އެ ޒުވާނާގެ ލޮލާއި ލޯ ގުޅުމާއެކު އަލްވާ ހިންދިރުވައިލިއެވެ. ވަގުތުން އެއީ ކާކުކަން ދެނެގަނެވުނެވެ. އޭނަގެ ހަނދާނުގެ ބައި ވަރަށް ފައްކަލެވެ. އޭނަ ފަހަރެއްގައިވެސް މޫނެއް ހަދާން ނައްތައެއްނުލާނެއެވެ. އެއީ އެ ހޭވިފައިވާ ކަޅުއިސްތަށިގަނޑާއި ގަދަ މުށިލޮލުގެ ވެރިޔާއެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އޭނައަށްވެސް "ނޯމަލް" ލޮލެއް ލިބޭނެނަމައޭ ހިތަށް އެރިއެވެ. އޭނަ ދަންނަ ކަޅުކުލައިގެ އިސްތަށިގަނޑުގެ ވެރިންނަށް ލިބިފައިވަނީ ހަމަ ނޯމަލް ލޮލެވެ. އޭނަގެ ލޮލުގައި ދެކުލަ ހުންނަނީ ކީއްވެހެއްޔެވެ؟ ޖެނެޓިކްސް މަސައްކަތްކުރާގޮތެއް އަލްވާއަކަށް އެނގިފައެއް ނެތެވެ.
އަލްވާގެ ކުރިމަތީގައި މިހިރީ އަމިއްލަ ބުޅަލަށް އަނިޔާކުރިކަމަށް އޭނަ ތުހުމަތުކުރި ޒުވާނާއެވެ. އެންމެފަހުން އެކަން ހިނގިގޮތް ބަލައިލިއިރު އޭނަގެ ލޯބިވާ ބުޅާ ފެންވެރުވީއެވެ. ގަންބައިލީއެއް ނޫނެވެ.
"އަހަރެންގެ ފަހަތުން އަންނަނީ ކީއްވެ؟" އަލްވާގެ ބުމަ ގޮށްޖެހުނެވެ. އޭނަ ކޮނޑުވެސް ހަތަރެސްކަން ކޮށް ދަތްދޮޅި އުފުލައިލަމުން އޭނަގެ މަޑު އަސަރުތައް އެކުލެވޭ މޫނަށް ގެނެވޭނެ އެންމެ ނުލަފާ ވައްތަރު ޖެއްސިއެވެ.
"ހޭއި ސޮރީ. އަހަރެންގެ ބޯއިފްރެންޑެއް ހުރޭ..." މެހެކް އެދޭތެރެއަށް އަނގަ ބޭނިއެވެ. އަދި އަތުން އަލްވާއަށް އިޝާރާތްކުރަމުން އެންގީ އޭނަ މިކަންތައް ހަމަޔަކަށް އަޅުވައިލާނެކަމަށެވެ. މެހެކްއަށް މިއީ ހަމަ އާދައިގެ ކަމެކެވެ. ކިތަންމެ ފަހަރަކު ޒުވާނުން އޭނަގެ ގާތަށް އައިސް ނަމާއި ފޯނު ނަމްބަރު ހޯދަން ހުށަހަޅައެވެ.
"މިދުވަސްވަރު ކުޑަ ވަގުންނަށްވެސް ސްކޫލުން ޖާގަދޭތަ؟" ނަވޫދު ގެ ރާގުގައިވީ މަލާމާތުގެ ގޮތެވެ. އަދި އޭނަގެ ހަށިގަނޑުގެ ބުރަދަން ކަނާތު ފަޔަށް ވާނެހެން ހުއްޓިލިއެވެ. މެހެކްވެސް ވާނުވާގައި ހުރެފައި އަލްވާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ތި އަވިއައިނު. ތީ ތިކުއްޖާގެ އެއްޗެއް ނޫނެއްނު؟" ނަވޫދަށް އެ ސުވާލުކުރެވުނުއިރު ލައިލްވެސް އެހިސާބާއި އަރާ ހަމަވީއެވެ.
"އޭ...." ލައިލްވެސް ތުހުމަތުގެ އިނގިލި ދިއްކޮށްލަމުން ހަޅޭއްލަވައިގަތެވެ."ތިއީ މަގޭ އެއްޗެއް. މަގުމަތީ އުޅޭ ފޭރޭމީހުންނަށްވުރެ މިކުދިން ނުބައި......"
އަލްވާގެ އަނގަ ހުޅުވުނީ ލިބުނު ޝޮކާއި ފޫހިވީވަރުންނެވެ.އެއްވެސް ތާކުން ތާކުނުޖެހޭ ތުހުމަތެއް ކުރެވުނީއެވެ. މެހެކް ނުހިފެހެއްޓިނަމަ އެ ޒުވާނުންނާއި ވަރުގަދަ ކުރިމަތިލުމަކަށް އޭނަ ދިޔައީހެވެ.
ނުނިމޭ