"ތިބާ ކުރާ ކޮންމެ މަސައްކަތަކީ ﷲ ޖައްލަ ޖަލާލުހޫގެ ރުހިވޮޑިގަތުން ހޯދަން ކުރާ މަސައްކަތަކަށް ހަދާށެވެ. އޭރުން މީސްތަކުން އެކަމުގެ އަގު ވަޒަން ނުކުރިކަމުގައި ވިޔަސް ތިބާއަށް މާޔޫސްވުމެއް ނުލިބޭނެއެވެ. އެއީ އިޚުލާސްތެރިންގެ މަގެވެ."

***

ސަދަފް ކާރުގައި ހަމަޖެހެންދެން މަޑުކޮށްލައިގެން އިނުމަށްފަހު ސުފިޔާން ކާރު ސްޓާޓްކޮށްލިއެވެ. ކާރަށް އެރުމާއެކު ހާވާލުމަށްފަހު ސިގްރެޓްފޮށި ނެގިއެވެ. ސުފިޔާން ކޮއްކޮއާއި ދިމާލަށް ބަލާނުލިކަމުގައި ވިޔަސް ބޯ ހޫރައިލީ ދެރަވެފައެވެ.

"ތިކަން ހުއްޓައިނުލާނީތަ؟" ސުފިޔާންގެ ނަޒަރު ހުއްޓިފައިވީ މަގަށެވެ. މިނިވަންވެފައިވާ އަތުން އޭނަ ކާރުގެ ބިއްލޫރިތައް ތިރިކޮށްލީ ސިގްރެޓް ދުންތައް ބޭރުކޮށްލުމަށެވެ.

"އަޅުގަނޑު ނާސްތާއަކަށް ބޭނުންކުރީ ހަމައެކަނި ޖޫސްތަށްޓެއް. މިއިނީ ހަމަ ވަރަށް ނުބައި މޫޑެއްގައި ޖީޒް..."ސަދަފް ކުޑަކޮށް ކެއްސަައިގަތެވެ.

"ތިއީ ދިގު މުއްދަތަށް ކުރީމަ ރަގަޅުކަމެއްނޫން. އެކަން އެނގެއެއްނު" ސުފިޔާން ވިސްނައިދިނެވެ."އަދި ތި ޖޮބާއި ގަޔާނުވަންޏާ ކެނޑެންވީނު. މަންމައަށްޓަކާ އެހެން މޫނެއް ދައްކަނީ ކީއްކުރަންތަ؟"

"އަޅުގަނޑު ޖޮބްދެކެ ނުރުހެއޭ ތިބުނީ ކީއްވެތަ؟ އައި ލަވް އިޓް.."ސަދަފް ކުޑަކޮށް ހީލިއެވެެ. އަދި ލޯގަނޑުން މޫނުގައިވާ މޭކަޕް ޗެކްކޮށްލިއެވެ." އަޅުގަނޑުގެ ސޮއި ހޯދަން މީހުން މޮޔަވެފައި އެތިބެނީ. ދިރިއުޅުން ކިހާ ފައްކާ.."

އަމިއްލަ ނަފުސަށް އޮތް ފުރިހަމަ އިތުބާރު ދައްކުވާފަދަ ހިނިތުންވުމަކާއެކު އޭނަ ސީޓުގައި ހަމަޖެހިލަމުން ދިގުކޮށް ދަމައިލިއެވެ. ދެވަނަ ސިކުންތުކޮޅުގައި އެ އޮތީ ސުފިޔާންގެ އަތުގައެވެ.

"ހޭއި...." ސުފިޔާން އެ ސިގްރެޓް ކުޑަދޮރުން ބޭރަށް ހޫރައިލިތަން ފެނި ސަދަފްއަށް އަޑެއް ލައްވައިލެވުނެވެ. ސުފިޔާން ކާރު މަޑުކޮށްލާފައި ނުކުމެ ބޫޓުން އަރާ ސިގްރެޓް ނިވާލައިފިއެވެ. އަދި ކުޑަދޮރުން ބަލައިލަމުން ހީލިއެވެ."މިއަންނަނީ އިނގޭ."

ކައިރީގައި ހުރި ފިހާރައަކުން ގެނެސްދިން ޗޮކްލެޓެއް ސުފިޔާން ދިއްކޮށްލުމުން ސަދަފް ހައިރާންކަމާއެކު ބަލައިލިއެވެ." ތި ކައިލާ. ތި ކައިލުމަކުން އަދި ގޯހެއްނުވާނެ.."

ސަދަފް ވަގުތުން އެ އަތުލިއެވެ. އެދެބެންގެ މައިންބަފައިންނަށް ރޭކާނުލަނީ ސަދަފް އޭނަގެ ފުރިހަމަ ގަދަރުވެރި ބޭބެ ސުފިޔާންއާއި ހުރި ތަފާތެއްގެ ބޮޑުކަމެވެ.

***

"ގުޑް މޯނިން ސަރ.." ސުފިޔާންގެ އެސިސްޓެންޓް ކިނާން އޭނައަށް ސަލާމް ކުރިއެވެ. އަދި ކާރުގެ ދޮރު ހުޅުވައިލަދިނެވެ. އޭނަ ކިނާންއާއި ހީލީ ގާތްގޮތަކަށެވެ." ފަސްއަހަރު ފުރުމުގެ ތައްޔާރީތައްކުރިއަށް ދަނީ ކިހިނެއްތަ؟"

ރޯޒްކްލިފް އިމާރާތުގެ ތެރެއަށް ވަދެގެން ދަމުން ސުފިޔާން ސުވާލުކުރިއެވެ.އޭނަ ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭ ކުރި ބުރަ މަަސައްކަތާއި އަޒުމް ވަރުގަދަކަމާއެކު އޭނަ ބިޒިނަސް ޑިގްރީއިން މާސްޓަސް ހަދާ އަދި ޑޮކްޓަރޭޓް ޑިގްރީއެއްވެސް ހާސިލުކުރިއެވެ. އޭނަ މަސައްކަތްފެށީ އާދައިގެކޮށެވެ. އެތެރެކުރާ މުދާތައް ވިއްކައިގެން އޭނަގެ ދެ އެކުވެރިންނާއެކު ފެށި ކުޑަ ވިޔަފާރި ފުޅާވެގެން ދިޔައީ ހީނުކުރާފަދަ އަވަހަށެވެ. މިހާރު ރޯޒްކްލިފްއަކީ ދުނިޔެއަށް މަޝްހޫރު ކުންފުންޏެކެވެ. އަތުން ތައްޔާރުކުރާ އެއްޗެއްސާއި ނާދިރު ހޯމްވެއާގެ އިތުރުން ބޮޑެތި މޯލްތަކާއި އޮންލައިން މާކެޓްވެސް ހިމެނެއެވެ. މިހާރު އެ ވިޔަފާރީގެ ނެޓްވޯތް ބިލިއަނަށް އަރާއިރު އެ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ރޯޒްކްލިފްގެ ފަސްވަނަ އަހަރީދުވަސް އަދި އެމީހުންގެ ބޮޑު ކާމިޔާބު ފާހަގަކުރަންވެގެން އެ ޝަހަރުގެ އެންމެ ބޮޑު ފޮތް ފިހާރަ ހުޅުވަން އެތަނުން ތައްޔާރުވިއެވެ. އާއްމުން ކިޔައިލަން ހިލޭ ފޮތްތައް ދޫކުރާގޮތަށެވެ. ސުފިޔާންއަކީވެސް ފޮތް ކިޔުމަށް ލޯބިިކުރާ ޒުވާނެކެވެ. އަދި ފޮތް ފިހާރައެއް ހުޅުވުމަކީ އޭނަގެ ހުވަފެނެކެވެ.

"ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހަތަރެއް ޖަހާއިރު....ސަރ" ކިނާންގެ އަތުގައި އޮތް ފައިލެއް ހުޅުވައިލަމުން ބުނެލިއެވެ.

"އަހަރެންވެސް އެތާ ހުންނަން ޖެހޭތަ؟"

"އޮފްކޯޒް ސަރ." ކިނާން ހިނިތުންވެލިއެވެ.

"މިއަދު ހާދަ ފާޑަކަށޭ ތިއުޅެނީ؟ އެއްގޮތަކަށްވެސް ނުފިލާ ހިންޏެއް މޫނުގައި ތިވަނީ ކީއްވެތަ؟"

"ތިބުނީ ކީކޭތަ؟ އަހަރެން ހެވިފައިތަ މިހިރީ؟" ކިނާން މައުސޫމްގޮތަކަށް އަހައިލިއެވެ." ސަރ ފެނުމުން އުފަލުންކަމަށް ވާނީ.." ކިނާން ކަރުކެހިލާފައި މޫނުމަތީގެ ޝުއޫރުތައް ފޮރުވައިލިއެވެ.

ސުފިޔާން ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ބާރު އަޑަކާއިއެކު ޕާޓީ ޕޮޕާ ފަޅައިގެން ދިޔުމާއެކު ކޮންފެޓީތަކާއި އަދި ރަންކުލައިގެ ވިދާ އެއްޗެހިން އޭނަ ފެންވަރުވައިލުމުން އަމިއްލަ ހަށިގަނޑު ސަމާލު ކުރެވުނީ ހަމަ ކިރިޔާއެވެ.

"މަރުހަބާ ސަރ...." އެތަނުގައި ތިބި މީހުން އެއް އަޑަކުން ކިޔައިލިއިރު އެންމެންގެ މޫނުމަތިން ފެނުނީ ފުޅާ ހިނިތުންވުމެވެ. ރޯޒްކްލިފްގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ ޗީފް މާކެޓިން އޮފިސަރ އަދިވެސް މަތީ މަގާމުގައި ތިބި ހަޔެއްކަ މީހުން އެތާ ޖަމާވެގެން ތިބީ ބޮލުގައި ޕާޓީ ތޮފިިތައް އަޅައިގެން ކަރުގައި ރިބަންތަކުން ޑިޒައިންކޮށްފައިވާ އެއްޗެހި އަޅައިގެންނެވެ. އެކެއްގެ އަތުގައި ސްޓްރޯބެރީ ޖަހާފައި ހުރި ހުދު ބޮޑުކޭކެއްވިއެވެ. އެމީހުންގެ ސާހިބާއަށް އެގޮތަށް މަރުހަބާކިޔުނީތީ ކިނާން ހުރީ ނިކަން އުފާވެ ހިނިތުންވެފައެވެ.

ކުއްލިއަކަށް ސުފިޔާންގެ މޫނުގައިވި ކުލަވަރު ފެނި ފަހަރަކު މީހެއްގެ މޫނުމަތީގައި ވި ހިނިތުންވުން ފިލާ ގާތްގަނޑަކަށް ބިރުވެރިކަމަށް ބަދަލުވިއެވެ. ސުފިޔާން އެމީހުންގެ "ސަޕްރައިޒް"ދެކެ ނުރުހުނީބާވައެވެ.

"ހޭ މިއީ ރަގަޅުކަމެއްނޫން...."ސުފިޔާން ބޯ ހޫރައިލިއެވެ. އަޑު ކިތަންމެ މަޑުވިޔަސް އެހެން މީހުންނަށް އިވޭވަރުވިއެވެ. ކިނާންގެ ހިނިތުންވުންވެސް ފޭދުމާއެކު ސުފިޔާންގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. ކިހިނެއްވީހެއްޔެވެ؟ މިއީ އެމީހުން ގެ ބޮސްގެ ފަރާތުން އުއްމީދުކުރިގޮތެއް ނޫނެވެ.

"އެނގެއެއްނު އަހަރެން ނުރުހޭކަން......" ސުފިޔާން ދިގުނޭވާއެއްލިއެވެ. ކިނާން ގެ އެސްފިޔަތައް ތިރިވިގޮތަށް ނަޒަރު ހުއްޓުނީ ތަޅުންމަައްޗަށެވެ. މޫނުން ފެނުނީ މޮޅިވެރިކަމެވެ. އެމީހުން ސުފިޔާންއާއި ކިތަންމެ އެކުވެރިޔަސް އަދި މަސައްކަތުގެ މާހައުލުގައި ގާތް ގުޅުމެއް އޮތަސް އޭނައަށް ނާންގާ އެފަދަ ޕާޓީއެއް އޮފީހުގައި ބޭއްވިގެން ނުވާނެއެވެ. އެއީ އެންމެ ޕްރޮފެޝަނަލް ގޮތެއް ނޫނެވެ.

"އެނގެއެއްނު އަހަރެން ސަޕްރައިޒް ލިބުމާއި ގަޔާނުވާކަން. ގޯޝް. ބިރުން ހަލާކުވެއްޖެ......" ސުފިޔާން ކިނާންގެ ކަނދުރާގައި އަތް އަޅުވައިލަމުން ހޭންފެށިއެވެ. އޭނައަށް ފެނުނީ އެންމެން މަޖާވެގެން ހޭންފެށި ތަނެވެ." ތެންކިއު ގައިސް. ހާދަ ބުރަކޮށް މަސައްކަތްކޮށްފިން. އަހަރެމެން މިއަދު މިހިސާބަށް މިއައީ..... އެންމެނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން..."

ސުފިޔާން ކޭކާއި ދިމާލަށްގޮސް އޭގެ މަތީގައި ޖަހާފައި ހުރި އުއްބައްތި އެންމެ ފަހަރަކު ފުމެލައިގެން ނިވައިލިއެވެ. އެންމެންވެސް އަތްތިލަބަޑިތަޅައިގަތުމާއެކު އެތަނުގައިވި ނުތަނަވަސްކަން އެއްކޮށް ފިލާ ކުރީގެ މަޖަކަމާއި އުފާވެރިކަން އަނބުރާ އިއާދަވިއެވެ. ސުފިޔާންއަކީ އާއްމުކޮށް ފެނިއުޅޭފަދަ ސީއީއޯއެއްނޫނެވެ. އެންމެން ބިރުގަންނަ އަދި ބޮޑާކަމުގެ އެއްވެސް ސިފައެއް އޭނަގެ ނެތެވެ. އެހެން މީހުން އޭނައަށް އިހުތިރާމް ކުރުވަން ޖައްސަން މަޖުބޫރެއް ނުކުރުވައެވެ. އޭނަ އެމީހުންނާއެކު މަސައްކަތްކުރަނީ އެމީހުންނާއި އެއް ހަމައެއްގައެވެ. ކާމިޔާބުގެ ހައްގަކީވެސް އެންމެން ގުޅިގެން ކުރި މަސައްކަތެވެ.

***

"އާވާ. އަހަރެމެން ގެއްލިއްޖެއްޔާ؟ މިއި މާކެން ކަހަލަ ތަނެއްނޫން. މިއީ ވެރިރަށް. އެހާ ބޮޑު....." މެހެކް އަލްވާގެ އަތުގައި ނިކަން ބާރަށް ހިފަހައްޓައިގެން ހުރެ ވަށައިގެން ހޯދަމުން ދިޔައެވެ.

"ކަންބޮޑުނުވޭ މެހެކް...." މެހެކްއަށްވުރެ އިސްކޮޅުން އެތައް އިންޗިއެއް ކުޑަނަމަވެސް އަލްވާގެ މޫނުމަތިން ފެނުނީ އަމިއްލަ ނަފުސަށް އިތުބާރުކުރާ ވަރާއި ހަމަޖެހޭކަމެވެ. އޭނަގެ އަތުގެ ނުފުށް ފެންނަ ފަދައިން މުޅި އެ ޝަހަރު ހިތުދަސްވެފައިވާފަދައެވެ.

"އަހަރެމެން މިދަނީ ކޮން ދިމާލަކަށް؟" މެހެކް ސުވާލުކުރިއެވެ."އަހަރެމެން މިތިބީ އެމްސްޓަޑަމްގެ ހިތުގައި.މިހާރު ހަމަ ރަގަޅަށްވެސް މަގުއޮޅިއްޖެހެން ހީވެއްޖެ..ކިހިނެއް ގަޑިއަށް ގެއަށްދާނީ؟"

"ގޯޝް މެހެކް. އަހަންނަށް އެނގޭ ތީ ވޮރީވާޓެއްކަން."އަލްވާ މެހެކްއަށްވުރެ ކުރީގައި ހުރެ ހިނގަމުން ދިޔައެވެ."ބަލައިލަބަލަ މިހިރަ އިމާރާތެއް. މި އިމާރާތުގެ ކުރިވެސް މަށަކަށް ނުފެނޭ..."

އަލްވާ އިރުގެ ހޫނުގަދަ ދޯދިތަކުން ލޯ ހިމާޔަތްކުރަން މޫނަށް އަތް ދިއްކޮށްލައިގެން ހުރެ އެ އިމާރާތަށް ބަލަމުން ދިޔައީ ޝައުގުވެރިވެފައެވެ." ރޯޒްކްލިފް..."

"މިތަނުގެ އިމާރާތްތަކުގެ ނަންތައްވެސް އެހާ ރީތި.. ހާދަ ލޯބިވެއޭ.." އެހެން އިމާރާތެއް ފެނުމާއެކު އަލްވާ އެދިމާލަށް ހިނގައިގަތެވެ. ފޯރިއައިސްފައި ހުރިވަރުން މިހުރެވުނީ ކާރުބާރޫބޮޑު މަގެއްގެ މަތީގައިކަންވެސް ހަނދާން ނައްތައިލެވިއްޖެއެވެ. ކާރުތަކާއި އެހެން އުޅަދުތައް ހުއްޓުމެއްނެތި އެކި މަންޒިލްތަކަށް ދަތުރުކުރަނީއެވެ. އެ ފިރިހެންކުއްޖާ ބްރަކި ނުޖެއްސިނަމަ އޭނަގެ ބައިސްކަލް ދަށުވެ އަލްވާގެ އިނގިލިތައް ބިންދައިގެން ދިޔައީސްކަން ޔަގީނެވެ. އަލްވާ ބިންމަތީގައި އިށީދެ އިންތަން ފެނި މެހެކްއަށް ތޫނުކޮށް ހަޅޭއްލަވައިގެންފާ އެދިމާލަށް ދުއްވައިގަނެވުނެވެ.

"ކަންބޮޑުނުވޭ އަހަރެން މުޅިން ރަގަޅު..." އަލްވާ ބައިސްކަލް ދުއްވަން އިން ޒުވާނާއަށް އެކަމުގައި މައްސަލައެއް ނެތްކަމަށް ބުނެލިއެވެ. ހަގީގަތުގައި ކުށްކުރީވެސް އަލްވާއެވެ. އޭނަ ހިނގަމުން ދިޔައީ އަމިއްލަ ނަފުސަށް އަޅައިލުމެއް ނެތިއެވެ.

އަލްވާ ޔުނިފޯމްގައި ހުރި ހިރަފުސް ފޮޅައިލިއެވެ. ފަޔަށް ލައްވާފައި ހުރި ސްޓޮކިންވެސް ކަޅުން އަޅިކުލައަށް ބަދަލުވިއެވެ. އެހާ ހަލަބޮލި މަގެއްގެ މެދަށް ލަދުވެތިކަމާއެކު ވެއްޓުނުކުއްޖަކާއި ބަލާފައި އެމޫނުން ފެނުނީ އަޖައިބެއްފަދަ އުފަލެކެވެ. މެހެކް އަލްވާގެ އަތުގައި ހިފާ ނަގާފައި އޭނަ ކިހިލީގައި ޖަހައިގެން ހުރި ނޫސް ހުޅުވާލައިފިއެވެ. މެހެކް ނިކަން ހަލުވިކަމާއެކު ނޫސް ސްކޭން ކުރިތަނާ އޭނަގެ ބާޒެއްފަދަ ތޫނު ލޮލުގައި ރަތްކުލައިން ބޮޅެއް އަޅާފައިވާތަން އަޅައިގަތެވެ. އެއީ އާ ފޮތް ފިހާރައެއްގެ ވަޒީފާގެ އިޝްތިހާރެކެވެ.

"އެސިސްޓެންޓް ބުކްކީޕަރ.."

"ސީރިޔަސްކޮށް؟މިއީ ވަޒީފާއެއްތަ؟" މެހެކް ލޯ ހަނިކޮށްލިއެވެ." ހަގީގަތުގައިވެސް ގަޑިއަކަށް ދުއްވައިގެން ދާން ބޭނުމީ ފޮތްތަކުން ހިރަފުސްފޮޅާ އަދި ތަޅުންމަތި ފޮހެންތަ؟އަލްވާ ފޮތް ކިޔާހިތްވާކަން އެނގޭ އެކަމަކު ޔަގީނުންވެސް ސާފުކުރާކަށް ބޭނުމެއްނުވާނެ..."

"ހަޅޭއްފަޅޭއް ނުޖަހަބަލަ." އަލްވާ އަމިއްލަ ތުންފަތުގައި އިނގިލި ޖައްސަމުން މެހެކް ހިމޭންވާން އެދުނެވެ." އެމީހުން މުސާރަދެނީ ކިހާ ވަރަށްތޯ ޗެކްކޮށްބަލަ.."

އާވާ ނިކަން މަޑުން އެ ޚަބަރުދިނީ އެހެންމީހުންނަށް އިއްވަން ބޭނުންނުވާތީއެވެ. އެއީ ހަމައެކަނި އެ ހުށަހެޅުން ރަގަޅުވީމައެއްނޫނެވެ. އަދި އެއީ އެހާވެސް ނާދިރުކަމަކަށްވީމައެވެ. މެހެކް އަލުން އެ ސަފުހާ ހުޅުވާފައި އަވަހަށް އެސްފިޔަތައް ޖަހައިލާފައި އަނގަވެސް ބޮޑުކޮށް ހުޅުވައިގެން އިނެވެ.

"ހަފްތާއަކު ސަތޭކަ ފަންސާސް ޑޮލަރ؟ މި ޕްރިންޓްކޮށްފައި އިނީ ރަގަޅަށްކަން ޔަގީންތަ؟ އެމީހުން އެކްސިޑެންޓަކުން ސުމެއް އިތުރުކޮށްފައި އިނިއްޔާ؟" މެހެކްއަށް އެހާ އާދައިގެ ވަޒީފާއަށް އެ ދުވަސްވަރު ދިހައަށްވުރެ ގިނައިން ނުލިބޭނެކަން ޔަގީންވިއެވެ.

"އަވަހަށް ދަމާ ހިނގާ. ބާރަށް.. ފޯމް ފުރަން ދިގު ކިޔޫއެއް އޮންނާނެކަން ޔަގީން..." މެހެކް އަލްވާގެ އަތުގައި ހިފާ ދަަމަމުން ދެކުދިން މިސްރާބުޖެހީ ފޮތް ފިހާރައަށެވެ.

***

ނަވޫދުގެ ފައިތިލަ ޗެކްކުރން އިނދެފައި ޗޮކެއް ކަނޑައިލިއެވެ. ސްކޫލް އަންހެންކުއްޖަކު އެހާ ބާރުބޮޑު މަގަކުން ބަލައިނުލާ ދާން ހިނގައިގެން އޭނަގެ ގައިގާ ބައިސްކަލުން ނުޖައްސަންވެގެން އުޅުމުން ނަވޫދުއަށް ލިބުނީ ލަނޑެކެވެ. އޭނަގެ ފައި ފުރޮޅައިލީއެވެ. އޭނައަށް އިތުރަށް ބައިސްކަލް ދުއްވޭނެ ގޮތެއްނެތެވެ. ބައިސްކަލް ދަމަމުން ކޮރެއް ޖަހަމުން އޭނަ މަސައްކަތު ދިޔައެވެ.

"މިއަދު ގަޑިޖެހިއްޖެ.." ލައިލް އޭނަގެ އައިނު ނެގުމަށްފަހު އަތުކުރިން ނިތުގައިވާ ދާތިކިތައް ފޮހެލިއެވެ.

"އަހަރެން ފެންނަންދެން ގަޑި ގުނަންތަ؟" ނަވޫދު މަޖަލަކަށް ބުނުމުން ލައިލް ބޯ ޖަހައިލިތަން ފެނުމުން ނަވޫދު ކަޅިއަަޅައިލިއެވެ.

"އަހަރެންގެ ހުރިހާވެސް މީހަކީ ތީ..." ލައިލް ކޮނޑުމަތިން ބަލައިލީ ދެބައި އުމުރުގެ މީހުންނަށެވެ. މި ދުވަސްވީ ވަޑާންގޭގައި މަސައްކަތްކުރާ ޒުވާނުންނަކީ ހަމައެކަނި އޭނައާއި ނަވޫދުއެވެ.

"ފަޔަށް ކިހިނެއްވީ؟" ނަވޫދު ކޮރެއް ޖަހާފައި ހިނގާތަން ފެނި ލައިލް ސުވާލުކުރިއެވެ.

"ބައިސްކަލުން ވެއްޓުނީ..."

"އެހެންވިއިރު އަދި ބައިސްކަލް ދުއްވަން ދަސްކުރަން އިތުރު ފިލާވަޅު ނަގަންޖެހޭ. މަޑުކޮށްބަލަ އަދި. އަހަރެމެން ދެމީހުން އިއްޔެ ބައިސްކަލް ބަދަލުކުރީމެއްނު. އޭގެ މާނައަކީ.....ހަލާކުކޮށްލީ މަގޭ ބައިސްކަލްތަ؟"ލައިލް ކުށްވެރިކުރާފަދަ ގޮތަކަށް އިނގިލިން ނަވޫދުއަށް އިޝާރާތްކުރިއެވެ.

ވަޑާންގޭގެ އަޑު ކުރިއަށްވުރެ ގަދައެވެ. މޮހޮރުތައް ވެއްޓޭ އަޑާއި ވަކަރުގައި މަރުތޭލުން ޖަހާ އަޑު އަދި ވަކަރު ކީހާ އަޑުވެސްމެއެވެ. ނަވޫދު އޭނަގެ ރީދޫކުލައިގެ ހެޑްފޯނު ކަންފަތުގައި އެޅިއެވެ. އަދި މަސައްކަތެއްނެތި ކަންނެތްކަމާއެކު އެނބުރޭތީ ބޮސް އަޑުލީ ލައިލް ހުރިކަމަށް ހަދާނުލާ ނަވޫދު ހިނގައިގަތީ މަސައްކަތްކުރާ ދިމާލަށެވެ.

"ނަވޫދު. އިތުރު ޝެލްފެއް ހަދަން ރޯޒްކްލިފް އިން އެދިފައި އެބައޮތް. އެމީހުން ބުނީ އެންޓިކް ޑިޒައިންއަކަށޯ. އަދި ފޮތުގެ ސްޓެޗޫއެއް ހަދަންވެސް އެދުނު..."ނަވޫދުގެ ވެރިޔާ ހުމާމް މައުލޫމާތުދިނެވެ.

"އެމީހުން ވަކި ޑިޒައިންއެއް ބުނިތަ؟"

"ނޫން އެމީހުން ނަވޫދުއަށް އިތުބާރުކުރޭ. އެމީހުން ބޭނުންވަނީ ނަވޫދު ޑިޒައިންއެއް ހަދައިދޭން. ހީވާގޮތުން ރޯޒްކްލިފް މީހުންގެ ލޮލުގައި އަޅައިގަތީ ތި އަތްތެރި މަސައްކަތް......." ހުމާމް ފަޚުރުވެރިއެވެ. އަދި ނަވޫދުގް ބުރަކަށީގައި ފިރުމައިލިއެވެ. ނަވޫދަކީ އެތައް އަހަރެއްފަހުން އެ ތަނާއި ގުޅުނު އެންމެ މޮޅު ވަޑިއެވެ. އެންމެ އެކާވީސް އަހަރުގައިވެސް އެހާ އީޖާދީވެފައި ވަކަރު މަސައްކަތުގެ ހުރިހާކަމެއް ދަނެއެވެ. ހުމާމްގެ ވާހަކަ ކަނުލާ އަހަން ހުރި ލައިލް ވެރިޔާ އެއްފަރާތްވުމާއެކު ކައިރިއަށް ޖެހިލިއެވެ.

"ރޯޒްކްލިފް؟ ހަމަރަގަޅަށްތަ؟" ލައިލް ލޯ ބޮޑުކޮށްލިއެވެ.

"ރޯޒްކްލިފްވިއްޔާ ތިހާ ޝޮކްޖެހުނީ ކީއްވެތަ؟"

"އެކުންފުނީގެ ނަން އަޑު ނާހަން ދޯ."ލައިލްގެ ސުވާލުން ނަވޫދު ނިތް އަރުވައިލިއެވެ.

"ގަލެއްގެ ދަށުގައިތަ ދިރިއުޅެނީ؟" ލައިލް ހައިރާންވެ އަންތަރީސްވާވަރުވިއެވެ. އެކުންފުނީގެ އަޑު ނީވުމަކީ ހަމަ އަޖައިބެކެވެ. މުޅި ގައުމު އެ ކުންފުނި ދަނެއެވެ.

"ފާމްއެއްގައި...."ނަވޫދު ހަމަޖެހިލާފައި ކިޔައިލިއެވެ.

"ހަމަތެދެއްތަ؟ ފާމެއްގައި ދިރިއުޅެނީ؟ އަހަންނަށް ޒިޔާރަތްކުރެވޭނެތަ؟" ލައިލް ބުމަ އަރުވައިލިއިރު އިރުކޮޅެއްވާންދެން އަސްލު މައުޟޫމަތިންވެސް ހަނދާން ނެތުނެވެ.

"ނޫން. ދެންމެ ރޯޒްކްލިފްއޭ ކިޔައިގެން ބުނީ ކީކޭތަ؟"ނަވޫދު ޝައުގުވެރިވިއެވެ.

"ސަދަފް މަސައްކަތްކުރަނީ އެކުންފުނީގައި. އަދި ތުންތުންމަތިން ކިޔާގޮތުން ސަދަފްގެ ބައިލޮޖިކަލް ބޭބެއަކީ ރޯޒްކްލިފްގެ ވެރިޔާ. ގޯޝް. އެއީ ރީތިކަމާއި މުއްސަދިކަމުގެ ލާމަސީލު މިސާލެއް..."ލައިލް ހުވަފެނީގޮތަކަށް ކިޔައިލިއެވެ."ސަދަފްގެ ނަން ނާހަމޭ ދެން ނުބުނާތި. ހުރިހާ ފިރިހެނުންވެސް އޭނަ ދަންނާނެ.."

ލައިލް ނަވޫދުގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ސަދަފް އެނގޭކަމުގެ ނިޝާނެއް އެމޫނަކުން ނުފެނުނެވެ. ލައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ރަގަޅަށްވެސް ކްލޫލެސް ދޯ. ވަޑާންކުރުން ނޫން ކަމަކަށް ޝައުގެއްނެތްތަ؟"

ނަވޫދު ކޮނޑު އަރުވައިލިއެވެ.

"އެހެންވިއްޔާ އަހަރެމެންގެ ޝައުގު މުޅިން ތަފާތު..." ލައިލް އިރުގަނޑެއްވާންދެން ނަވޫދުގެ މަސައްކަތަށް ބަލަން އިނެވެ. ނަވޫދު އެކަމަށް ދޭ ސަމާލުކަމާއި ކުދިކުދި ތަންކޮޅުވެސް ފުރިހަމަކަމާއެކު ނިންމާތަން ފެނި އެކަންތަކާއިމެދު އާޝޯޚުވުން ނުހުއްޓެއެވެ. ނަވޫދު މަސައްކަތްކުރާތަން ބަލަން އިންނަ ހިތްވާ ސަބަބަކީ އެއީއެވެ. ލައިލް ދިގު ގޮނޑިއެއް ޖަހަން އުޅުނިއްޔާ އެތައް ފިލާތަކެއްގައި މޮހޮރުޖަހާ ނިންމާލާއިރު އެ ފެންނަނީ ސްކޫލެއްގެ މަޝްރޫއެއް ނުބައިކޮށް ގޮސްފައި ހުރި ފަދައިންނެވެ. ލައިލް ވަޑާންކުރަނީ އޭނައަށް ފުރަތަމަ ވަޒީފާ ދީ އޭނަބަލައިގަތް ބަޔަކީ މިތަން ކަމުގައިވާތީއެވެ. އޭނަ އެކަންތައް ކުރަނީ ހަމައެކަނި ފައިސާގެ ބޭނުމުގައެވެ. ނަވޫދު ތަފާތެވެ. ނަވޫދު މަސައްކަތްކުރާއިރު އޭނަގެ ކަޅު ބައެއްފަހަރު ގަދަ މުށިކުލަ އަރާ ލޮލުގައި އައްޔެއް ނަށާފަދައެވެ. ކޮންމެ ވަކަރުކޮޅެއްވެސް އޭނަ ގެންގުޅެނީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. އެއިން ކޮންމެ ވަަކަރުކޮޅަކަށް ބަލަން އިނދެ އޭގައި އަތްލާ އެ ސްކެޗްކޮށްލާ ޑިޒައިން ކޮންމެ ފަހަރަކު މީހުން ތަލިންކުޅު ހިކޭވަރުކޮށްލައެވެ. އަދި ކަލްކިއުލޭޓަރުގައި ބަޓްންސްތައް ޕަންޗުކޮށް ނަގައިލާ މިންތައް އެހާ އަވަސްވެފައި ފަސޭހައެވެ. އަދި ދުވަހަކުވެސް އެނުބައިވެފައެއް ނެތެވެ. ގޮނޑިއެއް ނިންމައިލުމަށްފަހު އެ ގޮޑި ކިތަންމެ ލޮލުގައި އަޅައިގަންނަ ގޮތް ހުއްޓަސް އެވަރުންވެސް ނަވޫދުގެ ހިތް ހަމަޖެހުނުކަމަކަށް ނުވާނެއެވެ. އޭނަ އެ ގޮނޑީގައި ޑިޒައިންތައް ހަދާ އެ ބިއްލޫރިފަދައިން އޮމާންކޮށްލާނެއެވެ. އެއަށް ރަންމުށިކުލައެއް އަރާވަރަށް ވަރުނީސްކޮށްލުމުން އެއީ ހަގީގަތުގައިވެސް "މާސްޓަރޕީސް" އެކެވެ.

ނަވޫދަކީ ހަގީގަތުގައިވެސް ތަފާތު ވަޑިއެކެވެ. އަދި މޮޅު ކުރެހުންތެރިއެކެވެ. އެ އާދައިގެ ވަޑާންގެ ނަވޫދާއި ލާއިގު ނޫންކަމަށް ލައިލް ދެކުނެވެ. ނަވޫދު އާއި އެކަށީގެންވަނީ އެންމެ ފެންވަރު ރަގަޅު ތަނެކެވެ. އެކަމަކުވެސް އޭނަ މިހިރީ މިތާގައެވެ. ދަވާދުހޭކިފައިވާ ގަމީހާއި ޖިންސާއެކު ހޭވިފައިވާ އިސްތަށިގަނޑާއެކު ނެދަރލޭންޑްސްގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ރޯޒްކްލިފްއަށް ޝެލްފެއް ހެދުމަކީ އެހާ ބޮޑު ޝަރަފެއްކަމުގައި ނުދެކެ ހުރެއެވެ. ލައިލްއަށް އަޑެއް ލައްވައިލެވުނީ ހުމާމް އޭނަގެ ކަންފަތުގައި ހިފާ ދަމައިގަތީމައެވެ.

"މިހިރީ މިހިރީ....އެހެން މީހުންގެ މަސައްކަތް މޮނިޓަރކުރަން ބަހައްޓާފައިތަ ތިހިރީ؟ އެއްވެސް މަސައްކަތެއްނެތި ތިހެން ކޮޅަށް ނުހުރޭ ލައިލް..."

"ތިހާ އަވަހަށް އައީ ކީއްވެ؟" ލައިލް އޭނަގެ ކަންފަތުގައި ފިރުމަމުން މަޑުމަޑުން ކިޔައިލިއެވެ.

"ނަވޫދު. ރޯޒްކްލިފުން ވީހާވެސް އަވަހަށް މި ބޭނުންވޭ. މިއަދު އެމީހުން ފޮތް ފިހާރަ ހުޅުވާ އެކަމަކު ޕަބްލިކަށް ހުޅުވައިލާނީ މާދަން. އެހެންވެ މާދަމާއަށް މީތި ބޭނުންވަނީ...." ހުމާމް އެ ކުންފުނިން އައިސްފައި އޮތް ސިޓީ ކިޔައިލިއެވެ." އަވަހަށް ދުވެފައިގޮސް ބުކްސްޓޯރުން ބޭނުންވާ މިންތައް ނަގައިގެން އާދޭ، ތަންކޮޅެއް ރީތިވެލައިގެން ދައްޗޭ،،"

ނަވޫދުގެ އަތުގެ ހަރަކާތް ލަސްވެ ހުއްޓުމަކަށް އައެވެ. އޭނަ މަރުތެޔޮ މޭޒުމަތީގައި ބޭއްވިއެވެ. އެއްޗެކޭ ބުނަންވެގެން އެނބުރުނުއިރު ހުމާމް ގޮސް އަވަދިވެއްޖެއެވެ. ހަފޫޓްގެ ފޮތް ސްޓެޗޫއެއް އެންމެ ދުވަހަކުން ނިންމާނީ ކިހިނެއްހެއްޔެވެ؟ ނަވޫދު އަތަށް ލައްވާފައި ހުރި ހުދުކުލައިގެ އަންގީ ބޭލުމަށްފަހު ވަޑާން ސާމާނު އަޅާފައި ހުރި ކިޓް ހިފައިގެން އޭނައާއެކު އައުމަށް ލައިލްއަށް އިޝާރާތްކުރިއެވެ.

" ހިނގާ އެ ފޮތް ފިހާރަ ޗެކްކޮށްލަން..."

ނުނިމޭ