26 Feb 2022, 11:38
ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް އިސްކަން ދޭންޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ “ގެލްވަނައިޒިން މޮމެންޓަމް ފޯ ޔުނިވާސަލް ވެކްސިނޭޝަން” ގެ ނަމުގައި އ.ދ. ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ނައިބު ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އަލިއަޅުއްވައިލައްވައިފައެވެ.
ހަމައެހެންމެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް އިސްކަން ދޭންޖެހިފައިވާކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ އާމްދަނީ މަދު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަން ފާހަގަކުރައްވައިފައެވެ.
ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވެވިއެވެ.
މީގެ އިތުރުން ވެކްސިނަކީ ހަގީގީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތައައްސަބުން އެއްކިބާވެ، އެ މަގުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައިފައިވާ ކަމަށާއި ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ނުލިބެނީސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ނައިބު ރައީސް ވަނީ ގޮވައިލައްވަވައިފައެވެ.