26 Feb 2022, 10:19
ޔޫކްރޭންގައި ތިބި 15 ދިވެހި ދަރިވަރަކު ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް، މިހާރު ހަންގޭރީއަށް އެތެރެވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހި ދަރިވަރުން، ރޭ ރާއްޖެ ގަޑިން 11:30 ހާއިރު ބުދަޕެސްޓަށް އެތެރެވެފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި ކުދިން ރާއްޖެ ގެނެވޭނެ ކަމަށެވެ.
ހަމައެހެންމެ ޔޫކްރެއިންގެ އުތުރުގެ ހިސާބުތަކުގައި މިވަގުތު ތިބި ނުވަ ދިވެހިން، ހަންގޭރީ ބޯޑަރާ ކައިރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބަކަށް ވުމާއެކު، ހާލަތު ހުރި ގޮތުން އެ ކަމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ޔޫކްރެއިން ބޯޑަރު ކައިރީގައި އޮންނަ ބެލާރުސްގައި 140 ދިވެހި ދަރިވަރުން ކިޔަވަމުން އަންނަކަން ފާހަގަކޮށް، މިނިސްޓްރީން ބުނީ ގިނަ ކުދިން ކިޔަވަމުން އަންނަ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މިނިސްޓްރީން އަންނަނީ ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ހާލަތުގެ އިތުރުން، ބެލާރުސްއާއި ރަޝިއާގެ ކުރްސްކްގައި ތިބި ދިވެހިންގެ ހާލަތު ވެސް ވަރަށް ގާތުން ބަލަަމުންނެވެ.
ޔޫކްރެއިންގައި ތަައުލީމު ހާސިލުކުރުމަށް ރާއްުޖޭގެ 50 ދަރިވަރުން އެ ގައުމުގައި ތިއްބެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުން ވަނީ ރާއްޖެ ގެނައުމަށް މިހާރު އެ ގައުމުން ނެރެފައެވެ.
ބާކީ ތިބި ދަރިވަރުން އެ ގައުމުން ފުރުމުގެ ކުރިން އެ ގައުމުގައި ހަނގުރާމަ ފެށުމާ ގުޅިގެން އެ ދަރިވަރުންނަށް އެ ގައުމުން ނިކުމެވޭ ގޮތް ނުވީއެވެ.