28 Feb 2022, 08:55
"ދިރިއުޅުން ކުރުވެފައި ވަގުތު ދާލެއް އަވަހެވެ. ހަޔާތަކީ ފިލްމެއް ފަދައިން އަލުން އޮޅައިލެވި މާޒީއަށް ދެވޭނެ އެއްޗެއް ނޫނެވެ. އެންމެ ވަގުތެއްވެސް ބޭކާރުކޮށްނުލާ ދާއިމީ މަންޒިލަށްޓަކާ ތައްޔާރުވާށެވެ."
***
ސަމަރު އިރުކޮޅެއްވާންދެން އައިމަލްގެ ހަރަކާތްތައް ދެކެން ކުޑަދޮރުން ބޭރަށް ބަލަން ހުއްޓެވެ. ޚަރީފު މޫސުމްގެ އެންމެ ރީތި މަންޒަރު އޭނަ ފޯނުގައި ރައްކާކުރަމުން ދިޔައީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ.
"ތިވަރަށް ދެރަކޮށްލާއިރުވެސް ރުޅިއެއްނާދޭ. މީ އަޖައިބެއްނު."
ކުއްލިއަކަށް ފަހަތުން މީހަކު އައިގޮތަށް ލޯމަތީގައި އަތް އެޅުމުން ސިހި ހަޅޭއްލަވައިގަނެވުނެވެ.ފަހަތުގައި ހުރި އައިމަލް ފެނުމުން ލިބުނު ސިހުމާއި އެއްވަރަށް އެހިނދުކޮޅު އުފާވެރި އިހުސާސްތަކެއް ހިތުގައި ހިނގައިލިއެވެ. ނަމަވެސް އައިމަލް އަނގަ ހުޅުވާލުމާ ހަމައަށެވެ.
"އަހަރެންގެ ފޮޓޯ ނަގައިގެން ނުވާނެ. އެއްވެސް ރައިޓެއް ނޯންނާނެ..." އައިމަލްގެ ލޮލުން ކަނިބުރައިގެން ދިޔަހެން ހީވުމާއެކު ސަމަރުގެ އުފާތައް ސޮއްސާލައިގެން ގޮސް ފައިދަށަށް އެޅުނެވެ. އެހިތް ކުދިކުދިވެއްޖެއެވެ. އައިމަލްގެ ހިތުގައި އޭނައަށްޓަކާ ލޯބީގެ ޒައްރެއްވެސް ނުވެއެވެ. އެއްފަރާތުން ވެވޭ ލޯތްބަކީ ވޭނެކެވެ.
އައިމަލް ލޯމަތިން ގެއްލެން ދެން ބަސް ހުއްޓިފައި ހުރެވުނެވެ.
***
ސަމަރު ރޮމުންގޮސް ލޯ ރަތްވެ ދުޅަވެފައިވާތަން ފެނި އަލާޔާ ފިނިފެން ގެނެސް މޫނު ދޮއްވާލަދިނެވެ. ސުވާލުތައް ކުރުމުގެ ބަދަލުގައި އަލާޔާ މަސައްކަތްކުރީ ސަމަރު ހެއްވާލެވޭތޯއެވެ. ކޮމެޑީއެއް އަޅުވާލައިގެން ސަމަރު ހަމަޔަކަށް އެޅުމުން އަމިއްލައަށް އެ ހާދިސާ ކިޔައިދިނެވެ. އައިމަލް އޭނައާއިމެދު ކަންތައް ކުރާގޮތުން ދެރަވެ ހިތްފަޅައިގެން ދާ ވަރުކަމަށް ބުނެލީ ކަރުނަތިއްކެއް ވައްޓައިލަމުންނެވެ.
"އައި ޑޯނޯ ހީޒް އެވްރީތިން ޓު މީ....."
"ތިހެންވީމަ ހިތަށް ހަމަޖެހުމާއި އަމާންކަން ނުލިބެނީ. އޭނައަކީ ސަމަރުގެ ހުރިހާ އެއްޗެއްކަމުގައި ވާތީ. އެހެނެއްނޫން. ﷲގެ ލޯބިފުޅު ފުރަތަމަ ހިތުގައި އޮންނަންވީ. އެހެން އެންމެންދެކެ ލޯބިވާންވީ ﷲއަށްޓަކާ....."
"އެހެންތަ؟ އެކަމަކު އަލާޔާފަދައިން މަގޭ އީމާންކަން ވަރުގަދައެއްނޫން...."
"ނޫން. އަހަރެންވެސް އަދި ހަމަ ވަރަށް ދެރަކޮށް މިއުޅެނީ. ޓްރައިން މައި ބެސްޓް . ހިތަށް ވިސްނައިދޭން އެހާ މަސައްކަތްކުރަން. އެހެންވެކަން ނޭގޭ ހާޓްބްރޭކް ނުވެ ހިފެހެއްޓެނީ. ހަގީގަތުގައި ކުރިން މީހުންނާއި ކައިވެނިކުރިޔަސް ރައްޓެހިވިޔަސް ލޯބި އެ ލަފުޒުގެ މާނަ ނޭގުނީ. އެއީ ކިހާވަރެއްގެ ޖަޒުބާތެއްކަމާއި އޭގެ ފޮނިކަން އިހުސާސްވެސް ނުކުރެވުނީ. އެހެންހުއްޓާ މަޑުމަޑުންގޮސް ލޯބިދަސްވާންފެށީވެސް ގުރުއާން ކިޔަވަން ފެށީމަ. ދީނަށް ލޯބިކުރެވެން ފެށި ހިސާބުން އެނގުނީ. އޭގެ ކުރިން ދިރިއުޅުމަށް އައި ފިރިހެނުންގެ ފަރާތުން ލިބުނު އަނިޔާއާއި ހިތްދަތިކަން ބައިވަރު ފިލާވަޅުތަކެއް ދަސްކޮށްދިން......"އަލާޔާ ބުނަމުން ދިޔައެވެ.
"އެހެންވެ އަލާޔާ ތިހާ ސްޓްރޯންގް ކުއްޖަކަށްވީ. ތިހާ ކޫލް ވީ.. އަހަރެންނަށް ލޯބިވެވުނީ. އަދި އެކަމުގެ ސަބަބުން ހާޓްބްރޭކްވީ. މިހާ ބޮޑު ހިތްދަތިކަމެއް ދެރަކަމެއް އެހެން އިންސާނަކަށް ދިމާނުވާނެ. ކެތްކުރާނީ ކިހިނެއް؟ އޭނަ އަހަރެންދެކެ ހޭޓްކުރޭ......." ސަމަރު ބާލީސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.
"އެހެން ވިސްނާތީ. ހުރިހާ ހިތާމަތަކާއި ހިތްދަތިކަމަކީ އިމްތިހާނެއް...."
"އެ ކިހިނެއްތަ؟"
"މި އާޔަތް ކިޔައިބަލަ...." އަލާޔާ ޤުރުއާނުން އާޔަތެއް ދެއްކުމުން ސަމަރު ވިސްނުންތެރިކަމާއެކު މާނައަށް ދާންދެން ކިޔައިލުމުން ހަގީގަތުގައިވެސް ގައިން ހީބިހިނެގިއެވެ. ބަގަރާ ސޫރަތުގެ ސަތޭކަ ފަންސާސް ފަސްވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ" ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނު ކުރައްވާހުށީމެވެ. ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ."
"އެއްވެސް ކަމެއް ދާއިމަށް ދެމިގެނެއް ނުދާނެ. ޓަނެލްގެ އަނެއްކޮޅުން ލައިޓް ފެންނާނެ. އަނދިރީގައި ވެސް ކެތްތެރިކަމާއެކު ހިނގަމުން ހިގަމުންގޮސް އެ ޓަނެލްއިން ނިކުމެވޭނީ އަލިކަމުގެ ތެރެއަށް ކަން ސަމަރުއަށްވެސް އެނގޭނެ. ﷲ ޖައްލަ ޖަލާލުހޫއާއިމެދު ޔަގީންކަން އޮތުމުން އެކަން ގަބޫލުކުރެވޭނީ. އޭރުން ކެތްކުރާނެ. ހިތާމަތަކާއި ހިތްދަތިކަމަށް ކެތްކުރުމުން ފާފަ ފުއްސަވާނެ. އެހުރިހާ ކަމެއް ގަބޫލުކޮށް ގިނަގިނައިން ދުޢާކޮށް ހިތާމަތައް ފިއްލަވާނެކަމުގެ ޔަގީންކަން އޮތުމުން ހިތާމައަކަށް ހިތުން ޖާގައެއް ނޯންނާނެ.............." އަލާޔާ ބަލައިލާ ލެކްޗާސްތަކުން ހަނދާން ހުރި މިންވަރެއް ސަމަރުއާއި ހިއްސާކުރިއެވެ." ހުރިހާކަމެއް ނިމެނީއޭ ހީކޮށް މާޔޫސްވާއިރަށްވެސް މިރެކްލްއެއް ހަމަ ވެދާނެ....."
"މިއީ މިރެކްލްއެއް....." ސަމަރު ބަނޑުގައި އަތް ޖައްސައިލިއެވެ.
"ހޫމް. ދެން ހަދަންވީ ގޮތަކީ ހަޔާތުގެ ލަގަން ބޭނުންގޮތަކަށް ދިޔަނުދީ ސަމާލުވެގެން ވަކި މަންޒިލެއް ޚިޔާރުކުރުން. އޭރުން މި މަންޒިލުން ޖަންނަތަށް ދެވޭނީ....."
ސަމަރުގެ ހިތަށް ފިނިކަމެއް ލިބުނެވެ.
"އަލާޔާފަދަ މަޖާ ކުއްޖަކުވެސް ދަރުސް ދޭންވެއްޖެއްޔާ ހާދަ ސީރިޔަސްއޭ. އަދި ހަގީގަތުގައިވެސް ވަރަށް އިންސްޕަޔާ ވެއްޖެ.." ސަމަރު އަލާޔާގެ ކަނދުރަށް އަތް ވައްޓައިލިއެވެ.
"މިހާރު ބޭނުންވަނީ އެންމެ ކަމެއް. ފޭކް ރުގުޔާއާއިމެދު އެވެއަރނެސް އިތުރުކުރަން ޕްރޮގްރާމެއް ކަހަލަ އެއްޗެއް ހުށަހަޅަން. ސަބަބަކީ އައިމަލްގޮތަށް އަންހެންކުދިންނާއި ފްލާޓްކުރަން ރުގުޔާގެ ނާޖާއިޒު ފައިދާ ނަގާ މީހުން އުޅޭތީ. ރުގުޔާ ކުރަނީ އަންހެންކުއްޖަކަށް ވަންޏާ މަހުރަމެއް ގާތުގައި ހުންނަން ޖެހޭނެ....."
"ސަލާރުގެ ޔޫޓިއުބު ޗެނެލް ތްރޫކޮށް ތިކަން ކުރަމާ. އައިމަލް އޭނައަށް ވާވަރުކޮށްފި. އެކަމަކު އެހެން ވިކްޓިމްއިން ސަލާމަތްކޮށްދޭން އަހަރެމެން ޖެހޭ...."
އަލާޔާއާއި ސަމަރު ވާހަކަދައްކަމުންގޮސް ބަގީޗާތެރެއަށް ނުކުތްތަނާ އައިމަލް ފޯނުގައި ހުއްޓާ ފެނުނެވެ. ހީވާގޮތުން ޝެނަންއަށް ގުޅައިގެންނެވެ.
"އައިމަލްއާއިހެދި އުޅޭކަން ދައްކާނެކަމެއް ނެތް. މެސެޖްކޮށްފައި ބުނޭ މިހިސާބުން ތިއީ ދަންނަ މީހެއްވެސް ނޫނޭ..."
"އެކަމަކު........."
"އޭނައާއިހެދި މޮޔަވެފައި ފަހަތުން ދުވެދުވެ އުޅެފައި ކުއްލިއަކަށް ދުރަށް ދިޔައީމަ އޭނައަށް ޝޮކެއް ލިބޭނީ. އިގޯގައި ސްލެޕެއް އެ ޖަހައިލެވުނީ. އިގޯ ބްރޫޒް ވެ ހާޓްވެ ދެވަނަ ފަހަރަށް އަންހެންކުއްޖަކާއި ދިމާލަށް ބަލައިލަން ފޫހިވެދާނެ........ "އަލާޔާ ހިނިގަނޑެއް ޖަހައިލިއެވެ."މާބޮޑަށް ފަހަތުގައި އުޅުމުން ބައެއް ފިރިހެނުން ފޫހިވެސްވާނެ. އަންއެވެއިލަބްލް އެއްޗެއް ހޯދަން އެމީހުންވެސް ފޯރި ދައްކާނީ. އެނގެއެއްނު..."
"ޔޫ އާ ރައިޓް...މަށަށް ނުވިސްނެނީ ކީއްވެތަ؟" ސަމަރު ހީގަތެވެ.
"އެކްސްޕީރިއެންސް މަދީ.." އަލާޔާއާއި ސަމަރު ހީހީފައި ދައްކާ ވާހަކައެއް ނޭގިގެން އައިމަލް ފާޑަކަށް ބުމަ އަރުވާލައިގެން ބަލަން ހުއްޓެވެ. ސަމަރުގެ ފަރުވާކުޑަކަމުން އުދަގޫވީފާޑަކަށް ދެތިންފަހަރު އެކުދިންނަށް ނަޒަރު ހިންގައިލިއެވެ.
***
ހައިޝަމް ފެނުމުން ކަމާލުއްދީން އަށް ލިބުނު ޝޮކްގެ ސަބަބުން ހިތަށް ހަމަލާއެއް އަތުވެދާނެކަމަށް އައިމަލް ހީކުރިއެވެ. ނަމަވެސް ބައްޕަގެ ހިތް އެއަށްވުރެ ވަރުގަދައެވެ. އެހުރިހާ ދުވަސްވާންދެން އެންމެނަށް އޮޅުވާލައިގެން އޭނަ ފުރިހަމަ ސިއްހަތެއްގައި ހުރެ އަނބުރާ އައުމުން ސުވާލު ތައް އުފެދުނެވެ. ނަމަވެސް ހައިޝަމްގެ ވާހަކަތަކުން ކަމާލުއްދީން ހެއްލުނެވެ. އޭނައާއިމެދު ޑްރަގްގެ ތުހުމަތުތަކެއްކޮށްގެން އެތައް އަހަރެންވާންދެން އެހެން ގައުމެއްގެ ޖަލެއްގައި ހައްޔަރުވެފައި އޮތްކަމަށާއި ބައްޕައަށް އެ ޚަބަރު އަހަން އުދަގޫވެދާނެތީ ސިއްރުކުރީކަމުގައެވެ. އޭނައަކީ ގޭންގެއްގެ ވެރިޔެއްކަން އޭނަ ބައްޕައަށް ސިއްރުކުރިއެވެ.
***
ސަލާރުއާއި އަލާޔާގެ ކައިވެނި ކުރެވުނީ މިސްކިތެއްގައެވެ. އެހާ އަވަހަށް ސިއްރުން ކައިވެނިކުރަން އަލާޔާވެސް ބޭނުންވީ ހައިޝަމްގެ އުދަގުލެއް ފޯރަފާނެތީއެވެ. އަވަހަށް ރަށަށްދާންވެސް ބޭނުންވުމުންނެވެ. މައިދައިތަ އޭނަދެކެ ނަފްރަތުކުރާއިރު އެކަނިވެރި ދިރިއުޅުމެއް ޚިޔާރުކުރަން ފަސޭހަވާނެތީއެވެ. މާޒިން މަހާ ހަނާ އަދި ސަމަރު އެ ކުޑަ ހަފްލާގައި ބައިވެރިވިއެވެ. އެއަށްފަހު އެންމެން އެކީ ރެސްޓޯރެންޓަކަށްގޮސް ކައިގެން ގެއަށް އައިއިރު ފެންޑާގައި ލާޓޭ އަށް އިންސާފުކުރަން ކަމާލުއްދީންގެ ދެމަފިރިންނާއި ސަބޫރު އައިމަލް އަދި ހައިޝަމް ތިބިތަން ފެނުނެވެ.
"ހާދަ ލަހުން ކޮންތަނަކުން ތިއައީ؟" ސޫފިޔާނާ އެހިއެވެ." އެކަކުވެސް ފޯނެއް ނުނަގާ...."
"މިސްކިތަށް ދިޔައީ..." ސަލާރު ހުރީ ކަޅު ކުރުތާއެއްލައިގެންނެވެ. ތުނބުޅި ނުބާލައި ދެތިން ދުވަސްވުމުން ހަރުކުލައެއް ޖެހިއެވެ.
"އެއީ ކީއްކުރަންތަ؟"
"މުސްލިމެއް ވިއްޔާ މިސްކިތަށް ފަސްވަގުތު ދާން ޖެހޭ ދޯ މަންމާ...." ސަލާރު އޭނަގެ މަންމަގެ ގާތަށް މަޑު ހިނގުމެއްގައި ގޮސް އަތުގައި އޮތް ކައިވެނީގެ ސެޓްފިކެޓް ދެއްކިއެވެ. ސޫފިޔާނާއަށް ގޮނޑިން ތެދުވެވިއްޖެއެވެ. ބުމަކައިރިކޮށް ލެވި ތުންފަތް ފިތައިލެވުނެވެ. ލޮލުން ރުޅިވެރިކަމުގެ އަލިފާން އަނދައިގަތެވެ. ކަޅި ހުއްޓުނީ އަލާޔާގެ މޫނަށެވެ.
"މަންމާ. ސަލާރުއާއި އަލާޔާހާ ގުޅޭ ކުއްޖެއްނެތް. ދެމީހުންވެސް މަސައްކަތްކުރަނީ ދީނަށް އުޅެން. މަންމަ އެކުދިންނަށް ހެޔޮ ދުޢާކޮށްދީ.." ސަމަރު އަވަހަށް ބުނެލިއެވެ." އަޅުގަނޑަށްވެސް މިހުރިހާ ދުވަހު އުޅެވުނީ ދުނިޔޭގެ ރީތިކުލަތައް ފަހާ ދުވުމުގައި. ދުނިޔެއަށް ފޮނުއްވުމުގެ ބޭނުން އޮޅިފައި ހުރެވުނީ.އަލާޔާގެ ފަރާތުން ވަރަށް ގިނަ އެއްޗެހި އޮޅުން ފިލައިފި. އެދެމީހުން އެދަނީ ރަގަޅު މަގުގައި. އަޅުގަނޑުވެސް ރަށަށް ގޮސް ޖޮބްގައި ހުންނާނީ........"
"ސަމަރު........." ސޫފިޔާނާ އިނގިލި ހިއްލައިލިއެވެ.
"އެހެނެއްނޫން. ތިއަށް ކިޔަނީ އެކްސްޓްރީމްވުން..އަލާޔާ ސަލާރުގެ މިއުޒިކްގެ ފިއުޗާ އެހާ ބްރައިޓްކޮށް އޮތްވާ އެ ކެރިއާވެސް ހަލާކުކޮށްލައިފި. ކުއްލިއަކަށް ސަލާރު ގެ ދިރިއުޅުމަށް އައިސް އަނެއްކާ ކޯނޗެއް ހަދަން ތިއުޅެނީ؟ ވަޓް ދަ ހ* އިޒް ރޯންގް ވިތް ޔޫ؟" ސަބޫރު ހަޅޭއްލަވައިގަތެވެ.
ސަބޫރު ބޭނުންވަނީ މަޝްހޫރުވުމެވެ. މޮޑެލްކުރުމަށް ޝައުގު ހުންނަވަރުން އޭނަ ހުންނަނީ ފުރުސަތަކަށް ބަލަބަލައެވެ.
"ސަލާރު އަމިއްލައަށް ތި ދިރިއުޅުން ޚިޔާރުކުރީ. ފަހުން ދުވަހަކުން ކުރެވުނުކަމާއިމެދު ހިތާމަނުކުރާނެ ކަމަށް އުއްމީދުކުރަން. ސަމަރުވެސް ބޭނުން ޖޮބަކަށް ދާންވީ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް. މައިންބަފައިންގެ ބަސް ގަބޫލުކުރާވަރަށް ވުރެ ދަރިން ބޮޑެތިވީމަ ތާ އަހަރެންގެ ބަސް ގަބޫލުނުކޮށް އަމިއްލައަށް ފެންނަގޮތް ޚިޔާރުކުރީ." ސޫފިޔާނާ ނުރުހުނަސް ރީތިކޮށް ވާހަކަދެއްކިއެވެ.
އަލާޔާ ޅީދަރިއެއްގެ ގޮތުގައި އެންމެ ހިނދުކޮޅަކަށްވެސް ކުރިމަތިން ފެންނާން އޭނަ ބޭނުންނުވީއެވެ.
އޭނަ ދެކުނު ގޮތުން އަލާޔާއަކީ ސަލާރުއަށް ނުބައި ނުފޫޒެކެވެ.
***
ސަލާރު ހަނާއަށް ބައިސްކަލް ދުއްވަން ދަސްކޮށްދޭ މަންޒަރު ބަލަން ހުރެފައި އަލާޔާ ފޮޓޯއެއް ނެގިތަނާ މީހެއްގެ ހިލަންވިއެވެ. އަލާޔާ ފަހަތަށް އެނބުރި ބަލައިލިއިރު ދާދި ގާތުގައި ހުރީ ހައިޝަމްއެވެ. ހަނާއަކީ ތިމާގެ ދަރިއެއްކަން އެނގުމަށްފަހުވެސް ގުޅުން ރަގަޅުކުރަން ހައިޝަމް މަސައްކަތެއްނުކުރެއެވެ. އެފަދަ އިހުސާސްތަކެއް ހިތުގައި ލައްވާފައިނެތް ހިތް ހަރުމީހަކީ ކަން ނޭގެއެވެ. އައިމަލްވެސް އެހާ ހަރުކަށިކަން ދެއްކުމަށްފަހު ހަނާއާއި އޮތް ގުޅުން އެނގުމާއެކު ބޮޑުބޭބެއެއްގެ ލޯބި ދޭކަންވެސް އެބަހުއްޓެވެ. ބައްޕަ އެވަރުވެސް ނުވިއެވެ.
"ހަނާ ގޮވައިގެން ރާއްޖެ ތިދަނީ؟"
"އާނ..." އަލާޔާގެ ހިތަށް ފިނިވާގޮތްވިއެވެ. ހައިޝަމްފަދަ ނުފޫޒުުގަދަ މީހަކު ދެކޮޅުހަދައިފިއްޔާ އޭނައަށް ހަނާ ނުގެންދެވިދާނެކަމުގެ ބިރު ހީވިއެވެ. ނަމަވެސް އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ.
"ހާސްނުވޭ. އަހަރެން ހަނާ ބަހައްޓާނީ އޭނަގެ މަންމަ ގާތުގައި. އަންހެންދަރިންނަށް މަންމަގެ ހައްގު ބޮޑަށް އޮންނާނީ. މަގޭ ފިރިހެންދަރި ގާތުގައި ހުރީމަ މަށަށް ފުދޭނެ.. އެކަމަކު ހަނާއަކީ މަގޭ ލޭ ވީމަ ޚަރަދުވެސް ކުރާނަން. ހަނާގެ ނަމުގައި އެކައުންޓެއް ހުޅުވައްޗޭ އިނގޭ......................"
"އޯ...އެހެންވީމަ ޑަބަލް ލައިފެއް. ދެފުށްކެހެރި މުނާފިގުންގެ ތިކަހަލަ ކިތަންމެ ޑެވިލިޝް ސައިޑެއްވާނެ. އެއީ ދެން ޝޮކެއްވެސް ނޫން. އެންމެ ދަރިއެއްތަ ނޫނީ ދަރި ފަތްޗެއްނެތްތަ؟ އެނީވޭސް ހަނާއަށް އެކައުންޓެއް ހުޅުވޭތޯ ބަލާނަން. އެއްޗެއް ނުދިނަސް މިހުރިހާ ދުވަހުވެސް ބެލީ." އަލާޔާ ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލިއެވެ.
"އެކަން އެނގޭ. ކޮންގްރާ އާޒީން. ރަގަޅު ވަފާތެރި ހަޒްބެންޑެއްހެން ހީވޭ."
"ތެންކިއު" އަލާޔާގެ ނަޒަރު ސަލާރުއަށް ހުއްޓުނެވެ.
"އަދި އަހަރެން ހަނާ ފޮނުވުމުގައި ޝަރުތެއް އެބައޮތް.ކޮންމެ ޗުއްޓީއެއްގައި ހަނާ މިކޮޅަށް ފޮނުވަންވާނެ....."
"މްމމްް..." އަލާޔާ މަޑުމަޑުން ބުނެލިއެވެ.
ހައިޝަމްއަށްވުރެ ހަނާގެ ދޮންބައްޕައާއި ހަނާގެ އޮތް ގުޅުން މާ ރަގަޅެވެ. ނަމަވެސް ދިރިއުޅުމަކީ އެހެން ކަހަލަ އެއްޗެކެވެ. ބައެއްފަހަރު ދޮންބައްޕައިންނަކީ އަންހެންދަރިންނަށް ހުރި ބޮޑު ބިރެކެވެ. ނަމަވެސް އޭނަ ސަލާރުއަށް އެއަށްވުރެ އިތުބާރުކުރެއެވެ.
"އަހަރެން މިއަދު ވާހަކައެއް ބުނެފާނަން. އަހަރެން ހަގީގަތުގައި އާޒީންދެކެ ލޯބިވިން. މެރީކުރީ ހަގީގަތުގައި މާޒީއަށް ފިލަންވެގެން އައިސް ލިބުނު ހިތި ތަޖުރިބާއަކާއި ގުޅިގެން އެކަމަކު އާޒީން އަހަރެންގެ ގާތުގައި ބުނި އެއްޗަކުން ފޫހިވީ. އަހަރެން ހީކުރީ އިނޮސެންޓް ރަގަޅު ކުއްޖެއްކަމަށް. އެކަމަކު އާޒީން އަމިއްލައަށް އެއްބަސްވީ ސަލާރުއާއި ދެމީހުންގެ އޮތީ ކިހާ ގާތް ގުޅުމެއްކަމާއި އާޒީން ރުޅިވާން ޖެހުނީ ކީއްވެކަން. އެފަހުން އަހަންނަށް އާޒީންއަށް އިތުބާރެއްނުކުރެވުނު. ފޫހިވި. ސަބަބަކީ އަހަންނަކީ އެހެން މީހުންގެ ހައްގަށް އަރައިގަންނަ ހިތްވާ މީހެއް ނޫންކަން. އެކަމަކު........ވެލް. އެންމެ ރަގަޅަށް ހުރިހާކަމެއްވެފައި އޮތީ. އަހަރެން ވިލަންއަކަށް ހެދީ ދުނިޔޭގެ އަނިޔާވެރި އާދަ. އެކަމަކު އެހެން ބުނެގެން ސަލާމަތެއްނުވާނެ. އެމީހެއްގެ ނަފުސަކީ އެމީހެއްގެ އަމިއްލަ ކޮންޓްރޯލް ދަށުގައި އޮންނަންވީ އެއްޗެއް. އާޒީންއާއި ސަލާރު ވަރަށް ގުޅޭ. ގުޑް ލަކް...." ހައިޝަމް ހިނިތުންވެލިއެވެ.
އެދެއްކި ވާހަކަތަކާއިމެދު ވިސްނައިލެވުމުން ހިތަށް ނުބައި ގޮތެއްވިއެވެ.
ހައިޝަމް އެންމެފަހުން އޭނަގެ ބޮލުގައި ކުށް އަޅުވައިފިއެވެ.
ތެދެކެވެ. އެންމެންވެސް ކުށްކުރާނެއެވެ. އިންސާނުންވިއްޔާ ފާފަނުކުރާނެ މީހަކު ހުންނާނެހެއްޔެވެ؟ ތައުބާ ލައްވާފައިވޭ ނޫންހެއްޔެވެ؟ އޭނަވެސް ފާފަކުރިއެވެ. ނަމަވެސް އޭނަވަނީ ތައުބާވެފައެވެ. މިއަދު އޭނަ މަސައްކަތްކުރަނީ ތަގުވާވެރިކުއްޖަކަށް ވުމަށެވެ.
***
އެންމެން ތައްޔާރުވެލައިގެން ލަގެޖްތައް ނެރެން ފެށިއެވެ. ސަމަރުއާއި އަލާޔާވެސް ހަނާގެ އަތުގައި ހިފައިގެން ފެންޑާއަށް ނުކުތްއިރު ހައިޝަމް ކޮފީއެއް ބޯން ހުރެފައި ހަނާއަށް ނަޒަރު ހުއްޓައިލިއެވެ.
"ޑޭޑް. ހަނާ ދާން މިއުޅެނީ.." ހަނާ ހައިޝަމްގެ ކައިރިއަށް ދިޔައެވެ. ހައިޝަމް ގުދުވެލާފައި ހަނާގެ މަޑު ކޮލުގައި ހިފައިލިއެވެ.
"ހޮލިޑޭ ލިބޭނީ ކޮންއިރަކުން؟"
"ޑިސެމްބަރުގައި..." ހަނާ ވިސްނާލާފައި ބުނެލިއެވެ." އަންކަލް ބުނި ސްނޯފޯލްވާނެއޭ. ހަނާ ސްނޯއާއި ކުޅެން ބޭނުން. ސްނޯގާލް އެއް ހަދާފައި ސްނޯ ބޯޅަކުޅެ....."
"ޑޯންޓް ވޮރީ ސްވީޓްހާޓް. ބައްޕަ ނުގެނެޔަސް ކާފަ މިހިރީނު.."ކަމާލުއްދީން ފުޅާ ހިނިތުންވުމެއްގައި އައިގޮތަށް ހަނާ އުރައިލިއެވެ. އަދި ނިތްކުރިއަށް ބޮސްދިނެވެ." ކާފަ ދަރިފުޅުމަތިން ވަރަށް މިސްވާނެ.."
"މީޓޫ ގްރޭމްޕްސް.."
ހައިޝަމް އޭނަގެ ބައްޕައާއި ހަނާ ކައިރިއަށް ޖެހިފައި ސެލްފީއެއްނެގިއެވެ. "ބާއި ހަނާ...."
ހައިޝަމްއާއި ހަނާގެ ދޭތެރޭގައި އޮތް ގުޅުމާއިމެދު އަލާޔާ ހައިރާނެއްނުވިއެވެ. މިއީ ފިލްމެއް ވާހަކައެއް ނޫނެވެ. ހަގީގަތެވެ. އަދި ހައިޝަމްގެ މިޒާޖުގައި ހުންނަ ގޮތަކުން އެހާ ފަސޭހައިން މީހުންނާއި ގުޅުން ބަދަހިކުރުމަކީ ވެވޭނެކަމެއް ނޫނެވެ. އެހެންނޫންނަމަ އަމިއްލަ ކޮއްކޮއާއި އޮތް ގުޅުންވެސް ތަންކޮޅެއް ރަގަޅުވީހެވެ.
***
ސަލާރު އޭނަގެ މަންމަގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.
"މަންމަ އަދިވެސް ރުޅިތަ؟"
"ސަލާރުދެކެ އެއްނޫން މަންމަ ރުޅިއައީ..." ސޫފިޔާނާގެ ތުންފަތަކުން ހިނިތުންވުމުގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ.
"ކީއްވެ މަންމަ އެކަމާއި ރުޅި އަންނަންވީ؟"
"ދެމީހުންނާއި އިނދެފައި ހުރި މީހެއް ނޫނީ މިއޮތް ބޮޑު ދުނިޔެއިން ސަލާރުއަށް ނުފެނުނީތީ......." ސޫފިޔާނާ ހަމައެކަނި ސަލާރުއަށް އިވޭވަރަށް ބުނެލީ ތަންކޮޅެއް ދުރުގައި ޑިކީ ހުޅުވައިގެން ލަގެޖް އަރުވަން ހުރި އަލާޔާ ފެނިފައެވެ."އަންހެންވަންތަ ކަމެއް އުޅުމުގައި ނެތް. ލަދު ހަޔާތެއްނެތް. ތެދަށް ބުނަންޏާ މަންމައަށް ދުވަހަކު ޅީދަރިއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ......"
ސަލާރު މަންމަގެ އަތަށް ބޮސްދިނެވެ."މަންމަ ހެޔޮ ދުޢާކޮށްދެއްޗޭ. ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ. އެކީ ނޫޅެވިއްޖެއްޔާ އެނބުރި އަންނާނަން. އެހެންނޫނަސް ކަންފަތެއް ނެތް މީހަކަށް އިންނާނެ މީހަކު ނުވާނެ..ވެޓްއަކަށް ވީމަވެސް ކިހާ ގިނަ މީހުން ޖޯކުޖަހާ.."
ސަލާރުގެ މޮޔަކަމާއިމެދު ސޫފިޔާނާ އަނގަ ހުޅުވުނެވެ. އެކަންފަތަކާއިގެން ސަލާރު ސީރިޔަސްވާ ވަރުން ރުޅި ނާންނަންވީ ކީއްވެހެއްޔެވެ؟ ޕްލާސްޓިކް ސާޖަރީ ހަދަން ދިން ލަފާވެސް ގަބޫލެއްނުކުރިއެވެ. ސަލާރު ބުނީ އެއްވެސް އޮޕަރޭޝަނެއް ކުރަން އެއްބަސް ނުވެވޭނެކަމުގައެވެ. އޭނަގެ ފޯބިއާ ހުންނަކަމުގައެވެ.
ސަލާރުގެ ދުޢާއަކީ އޭނަގެ މަންމައަށް ހެޔޮ ވިސްނުން ދެއްވުމެވެ.
ސަމަރުއަށް އައިމަލް ގެއިން ނުކުތްތަން ފެނުނެވެ. އެކަމަކު ދުރަށް ބަލައިލިގޮތަށް ދެވަނަފަހަރަށް އެ ދިމާލަށް ނަޒަރު ނުހުއްޓަން އަމިއްލަ ޟަމީރަށް ވިސްނައިދިނެވެ. އައިމަލްއާއި އޮތްހާ ގުޅުމެއް މިހިސާބުން ނިމުނީއެވެ. ރާއްޖެ ދިޔުމުން އެހެން ގޮތެއް ފެނިދާނެކަމުގެ އުއްމީދު އޭނަ ދޫކޮށެއްނުލާނެއެވެ. އޭނައަށް ގުރުއާނުގެ ގިނަ އާޔަތްތަކުން އުއްމީދު ލިބުނެވެ. ނާއުއްމީދާއި މާޔޫސްކަން ވެރިވާ ކޮންމެ ފަހަރަކު ފޯނަށް ބަލާލައިގެން އޭނަ ހިތްހަމަޖެހުން ހޯދާފަދައިން އެވަގުތުވެސް ބަލައިލީ ގުރުއާނުގެ މޫރިތި އާޔަތަކަށެވެ. އަދި ހިނިތުންވެލިއެވެ.
***
ރަށަށް އައުމާއެކު އަލާޔާއާއި ސަލާރު އެންމެ ކުރިން އަވަސްވެގަތީ އާއިލާއާއި އެންމެ ގާތް އެކުވެރިންނަށް ކައިވެނީގެ ވަލީމާއެއް ދިނުމަށެވެ. އަބްދަލްވެސް އޭރު ފިހާރައަކުން ވަޒީފާ ހޯދައިގެން ރަށު ކުއްޖަކާއި ރައްޓެހިވެގެން އުޅޭކަމުގައި ބުނެލިއެވެ. ސަލާރު ބުނީ އޭނަގެ ކްލިނިކްގައި މަސައްކަތްކުރުމުން އެއަށްވުރެ ބޮޑު މުސާރަ ދޭނެކަމުގައެވެ.
"ސަލާރު ބާއީ. މުސާރަ މަދުވަނީ މައްސަލަނެތީ. ސަލާރު ބާއިއާއެކު އަބްދަލް އަބަދު އުޅެން ބޭނުންވަނީ ...." އަބްދަލް ސަލާރުގެ ގައިގާ ބައްދައިލިއިރު ލޮލުގައި ކަރުނައިގެ އަސަރުވިއެވެ." ވަރަށް އުފާވަނީ މިކޮޅު އަންނަނީ.މިސްވަނީ ރެކިދައްތަމެން އެންމެން. ދެން އޮތީ އަބްދަލްގެ ޝާދީ......"
ރެކިދައްތަ ސަކީނާ ހަމީދާ އަބްދަލްވެސް ކުރިއެކޭ އެއްގޮތަށް ސަމާސާ މާހައުލެއްގައި ކެއުން ކުރިއަށް ގެންދިޔައެވެ. ސަލާރުއާއި އަލާޔާއަށް މުބާރަކުބާދީ ކިޔާފައި ރެކިދައްތަމެންނަށް ދެވުނު ހަދިޔާއެއްވެސް ދިނެވެ.
***
ސަލާރުއާއި އަލާޔާ އަދި ސަމަރުވެސް ދިރިއުޅެން ނިންމީ މާޒިންގެ އޯޓަމް ވިއުގައެވެ. އަލާޔާގެ މަންމައާއި ބައްޕަ އަދި ލޫތުވެސް ސަލާރުމެންނަށް ހޫނު މަރުހަބާއެއް ކިއެވެ. ރަދްވާގެ ބޭބެ ކޮވިޑްޖެހި ހާލު ބޮޑުވެގެން އެނަ މާލޭގައި ހުރުމުން އަދި ރަދްވާއާއި ދިމާވާގޮތްނުވިޔަސް އޭނަގެ ފަރާތުން މެސެޖްލިބުނެވެ.ރޭގަނޑު ކެއުމަށްފަހު ހަނާވެސް ނިންދަވާފައި ސަލާރުއާއި އަލާޔާ ބެލްކަނީގައި މަޑުކޮށްލިއެވެ. ފަލަކުގައި ހިނިތުންވެލައިގެން އިން ހަނދުވެސް އެދެމަފިރިންނަށްޓަކާ އުފާކުރާފަދައެވެ. ސަލާރު އެދުނީ އަލާޔާ ވަޒީފާއަށް ނުގޮސް ގޭގައި މަޑުކޮށްލުމަށެވެ. އޭނަ އަތުގައި އުމުރަށް އަލާޔާ ބެލެހެއްޓޭނެ ފައިސާ އެބަހުރިކަމުގައެވެ.
"މިއުޒިކުން ލިބުނު ފައިސާ ހަލާލުވާނެ ގޮތެއްނެތް. އިޖުތިމާއީ ފަންޑަކަށް ދިނަސް ހެޔޮތޯ ބަލަން ޝޭޚެއްގެ ގާތުން އަހަން ޖެހޭނީ. ޖޮބަށް މިދަނީ ސަލްމާނު އަތުން ނެގި ދަރަނި އަދާކުރަން އަދި ހައްޖު ދަތުރެއްގެ ބޭނުމުގައި....." އަލާޔާ ސަލާރުގެ ގާތުގައި އިށީނެވެ."ވެޓް ކްލިނިކަކުން ކިހިނެއް ހުރިހާ ޚަރަދުތައް ހަމަޖައްސާނީ؟ އެކަމަކު ސާދާ ދިރިއުޅުމެއް މާ ހިތްގައިމު. ވަގުތީ މަންޒިލެއްގައި އެހާ މޮޅަށް ހުވަފެނީ ދިރިއުޅުމެއް ހޯދަން ހަދައިގެން މިތަނަށް ލޯބި ޖެހިދާނެ........."
"ސަލްމާނު އެހާ ގިނަ ފައިސާ ދިނީ ކީއްވެކަމެއް ނުބުނޭތަ؟"
"މޯޓިވޭޓް ކުރަންށޯ......"
"އިތުރު އެއްޗެއް ނުބުނޭތަ؟ ދެން ހަމަ ކުއްލިއަކަށް އޭނައަށް އަދި ޖެއްސުންކޮށްފައި ހުރި ގާލްއަކަށް ސިމްޕަތީވެގެން އެހާވަރުން ފައިސާ ޚަރަދުކޮށްފާނެތަ؟" ސަލާރުގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
"މްމްމް...ދެން ބުނި ބައިވަރު ސަބަބުތަކާއިހެދި އަލާޔާއަށް އެހީވީއޭ. އެކަމަކު ދެން އެ ރީޒަންސްތަކެއް ނޭހުނު. ކީއްވެގެންނޯ ސަލާރު ގަނޑު ތިހެނީ؟ ބުނޭ ބުނޭ....." އަލާޔާ ސަލާރު ގިލިގިލިކޮށްޓައިލުމުން އަވަހަށް ސަލާމަތްވާން އަލާޔާގެ ދެއަތުގައި ހިފެހެއްޓިއެވެ.
"ޑޯންޓް ޓޯޗާ މީ...ސަލްމާނު ކުރިކަމެއްކޮށްދިނީ އެހާ ދީލަތިވެގެނެއްނޫން. އޭނަ އެފައިސާ ޚަރަދުކުރި ސަބަބަކީ........." ސަލާރު ފުން ނޭވާއެއްދޫކޮށްލިއެވެ.
ނުނިމޭ