ރެއާލް މެޑްރިޑްގެ ކޯޗު އަދި ކުރީގެ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ، އަލުން އެނބުރި ޗެލްސީ އަށް ގުޅިއްޖެ ނަމަ އޭނާގެ ފަހަތުގައި ބަސްއަހައިގެން ތިބޭނެ ކަމަށް އެކުލަބުގެ ސީނިއާ ދެކުޅުންތެރިން ކަމަށްވާ ކެޕްޓަން ޖޯން ޓެރީ އާއި ޑިޑިއާ ޑްރޮގްބާ ބުނެފި އެވެ.

މިހާތަނަށް ޗެލްސީ އަށް އެންމެ ގިނަ ކާމިޔާބީތަކެއް ހޯދައިދިނީ މޮރީނިއޯ އެވެ. ޗެލްސީ އަށް ކޯޗުކޮށްދިނުމަށް ފަހު، އިންޓަމިލާނާއި ގުޅި މޮރީނިއޯ ވަނީ އެކުލަބަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އިންޓަ އަށް ކޯޗުކޮށްދިނުމަށް ފަހު، މޮރީނިއޯ މިހާރު ހުރީ ރެއާލްގެ ކޯޗުކަމުގަ އެވެ. މިދިޔަ ސީޒަނުގައި މޮރީނިއޯ ވަނީ އެކުލަބަށް ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްދީފަ އެވެ.

ޗެލްސީގެ ކޯޗުކަމާއި މިސީޒަނުގައި ހަވާލުވި އަންދުރޭ ވިޔަސް ބޮއަސް އަށް އެދެވޭ ކާމިޔާބީތަކެއް ހޯދައިނުދެވުމުން މަގާމުން ވަނީ ދުރުކޮށްފައި ވެއެވެ. ޗެލްސީގެ ކޯޗުކަމުގެ މަގާމު ވަގުތީ ގޮތުން މިހާރު ފުރަމުން ދަނީ އެކުލަބުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމުގައި ހުރި ރޮބާޓޯ ޑި މަޓިއޯ އެވެ.

"މޮރީނިއޯ އަކީ މޮޅު ކޯޗެއް. އޭނާ ކުލަބާއި ގުޅިއްޖެ ނަމަ އަހަރެން އޭނާ އަށް އެހީތެރިވެދޭނަން. މިހާރުގެ ކޯޗު ޑި މަޓިއޯ ވެސް އަދާކުރަމުން އެދަނީ ވަރުގަދަ ވަޒީފާއެއް. ޑި މަޓިއޯ އެމަސައްކަތް ކުރަމުން ދަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީ އަށް ޖާގައެއް ހޯދައިދިނުމަށް." ޑްރޮގްބާ ބުންޏެވެ.

ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ވެސް ނުހަނު މަގުބޫލު، މޮރީނިއޯ ދާދި ފަހުން ލަންޑަނަށް ދަތުރެއް ކުރި ނަމަވެސް އޭނާ ވަނީ ޗެލްސީ އަށް ނުދާނެ ކަމަށް ބުނެފަ އެވެ. އޭނާ އަކީ އިނގިރޭސި ގައުމީ ކޯޗުކަމަށް ވެސް ޝޯޓް ލިސްޓް ކޮށްފައިވާ ކޯޗެކެވެ.

ޗެލްސީގެ ކޯޗުކަމުން ދާދިފަހުން ދުރުކުރި ވިޔަސް ބޮއަސް އަށް އެކުލަބުގެ ސީނިއާ ކުޅުންތެރިންތަކެއްގެ ފަރާތުން އެއްބާރު ލިބިފައިނުވާކަމަށް ގިނަ މީޑިއާ ރިޕޯޓްތަކުން ބުނަމުން ދެއެވެ. ނަމަވެސް އެކުލަބުގެ ކެޕްޓަން ޓެރީ ވަނީ މި ރިޕޯޓްތައް ދޮގުކޮށްފަ އެވެ.

"ކޯޗުކަމާއި މޮރީނިއޯ ހަވާލުވުމަކީ އަހަރެން ވެސް އެދޭކަމެއް. ވިޔަސް ބޮއަސް އަކީ މޮޅު ކޯޗެއް. ޗެލްސީ އަށް ރަނގަޅު ކާމިޔާބު ތަކެއް ނުލިބުނީ ކުޅުންތެރިންނަށާއި ކޯޗަށް ހެދުނު ގޯސްތަކަކުން. ވިޔަސް ބޮއަސް އަށް ސީނިއާ ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ލިބުނު. އަހަރެމެން ވިޔަސް ބޮއަސް އަށް ކާމިޔާބު ކުރިމަގަކަށް އެދެން. އަދި އޭނާ އަކީ ޒުވާން ކޯޗެއް." ޓެރީ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވިފަހުން ޑި މަޓިއޯ ވަނީ އެކުލަބު ކުޅުނު ދެމެޗުން ވެސް ކާމިޔާބު ހޯދައިދީފަ އެވެ. އެހެން ކަމުން ގިނަ ފަރާތްތަކުން ވަނީ އޭނާ އަށް ގިނަ ތަޢުރީފްގެ ބަސްތަކެއް ރައްދު ކޮށްފަ އެވެ.