21 Jul 2010, 05:30
10:00
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ފަންސާސްހާސް އަކަފޫޓްގެ ބިން ވިއްކެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގެ ބިން ތަރައްޤީ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ދެހާސް އަކަފޫޓްގެ ފަސް ބިމާއި، ފަސްހާސް އަކަފޫޓްގެ ތިން ބިމާއި، ހަތްހާސް ފައްސަތޭކަ އަކަފޫޓްގެ ދެ ބިމާއި، ދިހަހާސް އަކަފޫޓްގެ އެއް ބިން، އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ނީލަމުގައި ވިއްކެވުމަށެވެ. އަދި ބިން ވިއްކައިގެން ލިބޭ ފައިސާއިން މާލޭ ހުޅަނގު ދެކުނު ހާބަރުގެ މުޅި ސަރަޙައްދު އެކީގައި ތަރައްޤީ ކުރައްވައި، އެ ސަރަޙައްދުގައި އެކިއެކި ބޭނުންތަކަށް ބޭނުންކުރުމަށް ޢިމާރާތްތައް ބިނާކުރައްވައި، ކުއްޔަށް ދެއްވައިގެން އާމްދަނީ ލިބޭނެގޮތް ހަމަޖެއްސެވުމަށްވެސް ނިންމެވި އެވެ. އަދި އަންނަ މިނިވަންދުވަހު މިކަން އިޢްލާނު ކުރައްވައި، މިކަމާބެހޭ އިތުރު ތަފްޞީލުތައް ހާމަކުރެއްވުމަށްވެސް އިއްޔެގެ ޖަލްސާއިން ނިންމެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އެކްސްޓެންޑަރޑް ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދު، އ.ދ. އަށް ހުށަހެޅުއްވުމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ރާއްޖޭގެ އާކިޕެލާޖިކް ބޭސްލައިނުން ފެށިގެން ދުއިސައްތަ ނޯޓިކަލް މޭލަށްވުރެ ދުރަށް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ދެމިގެންދާނަމަ، ކޮންޓިނެންޓަލް ޝެލްފް ހިމެނޭ ކަނޑުގެ ސަރަޙައްދު ދެނެގަނެ، އެއާބެހޭ މަޢްލޫމާތު، އ.ދ. އަށް ހުށަހެޅުއްވުމަށް ނިންމެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.