25 Feb 2022, 23:31
އެމްޑީޕީގެ މަސައްކަތް މިއަދު އޮތީ ލަދުވެތިވާން ޖެހޭ ހިސާބެއްގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މިނިސްޓަރު ފައްޔާޒުގެ "ހިންގާލަން" ކެމްޕެއިން މިރޭ ށ. މިލަންދޫގައި ވަނީ އިފްތިތާހުކޮށްފައެވެ.
އެ ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ފައްޔާޒު ވަނީ، 2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީގެ "އޮޑި ނުފެތޭނެ" ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.
"މި އޮޑިއެއް ނުފެތޭނެ. މި އޮޑި ކޮންމެ ކަނޑަކަށް ވެސް ހަމަ ހެޔޮވަރު ވާނެ،" ފައްޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ އޮޑީގެ ސްޕީޑު ކޮންމެވެސް ވަރަކަށް ދަށްވެ، މަރާމާތު ކުރަން ޖެހިފައިވާކަން މިހާރު ގަބޫލުކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މިއަދު މި ޕާޓީގެ ހިންގުން މި އޮތީކީ މި ޕާޓީގެ ސައިޒުގައެއް ނޫން. މި ޕާޓީގެ މެންބަރުންނަށް ހައްގުވާ މިންވަރަކުއެއް ނޫން. އަޅުގަނޑުމެންގެ މި ޕާޓީގެ މަސައްކަތް މި އޮތީ ޙަޤީޤަތުގައި އަޅުގަނޑުމެން ލަދުވެތިވާން ޖެހޭ ހިސާބެއްގައި،" ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން އެމްޑީޕީން މަސައްކަތްތައް ރަނގަޅަށް ރާވާލާ، ސްޕީޑު ބާރުކޮށް، ޕާޓީގެ އަސާސްތައް ނަގަހައްޓަން އިތުރަށް މަސައްކަތް ނުކޮށްފި ނަމަ ޕާޓީއަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް ގެއްލިގެން ގޮސްދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީ އަކީ އެއްބައިވަންތަކޮށް އޮންނަޖެހޭ، ކޮންމެ މީހަކަށްވެސް ޖާގަ އޮތް ޕާޓީއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ކުދިކުދި ސިކުނޑިތަކެއްގައި ފިތުނައިގެ ތެރޭގައި ތާށިވެގެން ތިބެންވީ ޕާޓީއެއް ނޫން މީކީ. އެއަށް ވުރެ މާ ބޮޑު ޕާޓީއެއްމީ އިނގޭތޯ. މި ޕާޓީއަކީ ކޮންމެ މީހަކަށް ޖާގަ އޮތް ޕާޓީއެއް،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ އަންހެނުންނާއި ޒުވާނުން ޕާޓީ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެމީހުން ކުރާ މަސައްކަތް ބަލައިގަންނަ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު މިނަކަށް މި ޕާޓީގައި އަންހެން ބޭފުޅުންގެ ވެސް ޒުވާނުންގެ އަޑެއްވެސް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ބޭނުން ކުރެވޭތަނެއް އަޅުގަނޑުމެންނަށް ނުފެނޭ،" ފައްޔާޒު ވިދާޅުވިއެވެ.
އެއާއެކު ފައްޔާޒު ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެއްޖެ ނަމަ ޕާޓީގެ ކުރީ ސަފަށް އަންހެނުން ނެރެން ކުރަން ޖެހޭ މަސައްކަތްތަކަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުން އަރިހަށް މިރޭ ހުއްޓި އަޅުގަނޑު މި ހުށަހަޅަނީ އަޅުގަނޑުމެންގެ މި އޮޑި މަރާމާތު ކޮށްލާ، އަޅުގަނޑުމެންގެ ފަޅުވެރިންގެ ތެރޭގައި އޮތް ނުތަނަވަސްކަން ނައްތާލާ، ފުރިހަމައަށް އޮޑިއަށް ކޮއްތު އަރުވާލައިގެން އަޅުގަނޑުމެންގެ ކައްޕިތާނުންނަށް މިއޮޑިއައިގެން ކުރިއަށް ދިޔުމަށް އޮޑި ތައްޔާރުކޮށްލުމަށް. އަޅުގަނޑަށް އެކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމާ އަޅުގަނޑު މިތާ އައިސް މިހިރީ،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ކެމްޕޭންތައް ނިމޭ އިރު ޕާޓީ އޮންނާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެފައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މި ޕާޓީގެ ޗެއާޕާސަން ކަމަށް ހޮއްވަވައިދެއްވައިފި ނަމަ ހުއްޓުމެއް ނެތި މި ކެމްޕޭން ނިމުމާއެކު، އެ ހަރަކާތްތައް ކުރިއަށްގެންގޮސް، އިރާދަފުޅުކުރެއްވިއްޔާ 2023 ގައި މި ރާއްޖޭގައި ޑިމޮކްރެޓިކް އަދުލުވެރި ވެރިކަން، އަނެއްކާވެސް އެމްޑީޕީގެ ވެރިކަން ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެ އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި އެމްޑީޕީން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭގެ ތެރޭގައި ޕާޓީގެ ގޮފިތަކާއި ހަރުގެތަކުގެ ހަރަކާތްތައް އަނެއްކާވެސް ފެށުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއް އޮވެ، އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލިސްއެއް އޮވެ، އަޅުގަނޑުމެންގެ ޕާޓީގެ އެއްވެސް ހަރަކާތެއް ޙަޤީޤަތުގައި ނުހިނގާ އޮތް ތަން މި ވޭތުވެދިޔަ ތިން އަހަރު ތެރޭ، މީ ޙަޤީޤަތުގައި އަޅުގަނޑުމެން ދެރަވާން ޖެހޭ ކަމެއް، އަޅުގަނޑުމެން ލަދުވެތިވާން ޖެހޭ ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16ވަނަ ދުވަހުގައެވެ.