ޔޫކްރޭންގައި ތިބި 15 ދިވެއްސަކު ދެ ދުވަސްތެރޭ ރާއްޖެ ގެނެވޭނެ ކަމަށާއި، ބާކީ ތިބި އަށް ދިވެހިން ވީހާވެސް އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފޮރިން މިނިސްޓްރީ ބުނެފިއެވެ.

މިނިސްޓްރީން ބުނީ، އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ ހަންގޭރީ ކޮންސިއުލޭޓެއްގައި ކަމަށެވެ.

އެމީހުން ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.

"ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި. ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެގައުމުން ދިން،" މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، އެ 15 ދިވެހިން ބުޑަޕެސްޓަށް ދިޔުމަށްފަހު، ދެ ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.

ހަރްކީވްގައި ބާކީ ތިބި އަށް ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ވަރަށް ދުރު ހިސާބަކަށް ވުމާއި، ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަރްކީވްގައި ބާކީ ތިބި އަށް މީހުންގެ ތެރެއިން ފަސް ދަރިވަރުންނަކީ، ވިސާ އައު ކުރުން ފަދަ ކަންކަމާ ހެދި ނުފުރުނު ދަރިވަރުން ކަމަށާއި ބާކީ ތިބި ތިން މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ފޮރިން މިނިސްޓްރީން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން،" މިިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިންގައި ތަައުލީމު ހާސިލުކުރުމަށް ރާއްުޖޭގެ 50 ދަރިވަރުން އެ ގައުމުގައި ތިއްބެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުން ވަނީ ރާއްޖެ ގެނައުމަށް މިހާރު އެ ގައުމުން ނެރެފައެވެ.

ބާކީ ތިބި ދަރިވަރުން އެ ގައުމުން ފުރުމުގެ ކުރިން އެ ގައުމުގައި ހަނގުރާމަ ފެށުމާ ގުޅިގެން އެ ދަރިވަރުންނަށް އެ ގައުމުން ނިކުމެވޭ ގޮތް ނުވީއެވެ.