25 Feb 2022, 16:20
ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާ ޔޫކްރެއިންގައި ތިބި 15 ދިވެހިން ހަންގޭރީ މަގުން ރާއްޖެ ގެންނަން ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިވަގުތު ޔޫކްރެއިން، ހެންގެރީ ބޯޑަރު ކައިރިއަށް އެ ދިވެހިން ދަތުރު ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުކުމުންދަނީ 14 ދަރިވަރުންނާއި އެތަނުން ދަރިވަރެއްގެ އާއިލާ މެންބަރެއް ކަމަށެވެ.
ފޮރިން މިނިސްޓްރީއާއި ޖަރުމަނުގެ ބާލިންގައި ހުންނަ ދިވެހި ހައި ކޮމިޝަނާ ގުޅިގެން ދިވެހި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ 15 ދަރިވަރުންގެ އިތުރުން ހަރްކީވާއި ނިޕްރޯގައި ބާކީ ތިބި ދިވެހިން ވެސް އެ މަގުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާކަމަށެވެ.
މިވަގުތު ހަރްކީވްގައި ތިބިކަމަށް ފޮރިން މިނިސްޓްރީއަށް ކަށަވަރުވެފައިވަނީ އަށް ދިވެހިންނެވެ. އެއީ ފަސް ދަރިވަރުންގެ އިތުރުން ތިން ބެލެނިވެރިންނެވެ. އަދި ޑްނިޕްރޯގައި ހުރީ އެއް ދަރިވަރެކެވެ.
ޔޫކްރެއިންގައި ތަައުލީމު ހާސިލުކުރުމަށް ރާއްުޖޭގެ 50 ދަރިވަރުން އެ ގައުމުގައި ތިއްބެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުން ވަނީ ރާއްޖެ ގެނައުމަށް މިހާރު އެ ގައުމުން ނެރެފައެވެ.
ބާކީ ތިބި ދަރިވަރުން އެ ގައުމުން ފުރުމުގެ ކުރިން އެ ގައުމުގައި ހަނގުރާމަ ފެށުމާ ގުޅިގެން އެ ދަރިވަރުންނަށް އެ ގައުމުން ނިކުމެވޭ ގޮތްވަނީ ނުވެފައެވެ.
އެހެން ނަމަވެސް ސަރުކާރުން އެ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މިވަގުތު އެ ގައުމުގައި ތިބި ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.