މޮސްކޯ (25 ފެބްރުއަރީ 2022) : ރަޝިއާއިން ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް އެއްގަމާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ކަމަށާ ރަޝިއާގެ ލަޝްކަރުތައް މިހާރު އޮތީ ވެރިރަށް ކިޔޭވް އާ އެންމެ 30 ކިލޯމީޓަރުގެ ދުރުމިނުގައި ކަމަށް ޔުކްރޭންގެ މަސްއޫލުވެރިންނާ ހަވާލާދީ މިޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔުކްރޭންގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ރަޝިއާގެ މަގްސަދަކީ ޔުކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށްފަހު ޔުކްރޭންގައި މިހާރުއޮތް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރު ވައްޓާލައި ރަޝިއާއަށް ވާގިވެރިވާ ސަރުކާރެއް ޔުކްރޭންގައި ގާއިމް ކުރުމެވެ. ޔުކްރޭން ބޭނުންކޮށްގެން ނޭޓޯ ރަޝިއާއާ ގާތްނުވެވޭވެ ހަމައެކަނި ގޮތަކީ މިއީ ކަމަށް ރަޝިއާ ދެކޭކަމަށް އެމެރިކާއާއި ޔުކްރޭންގެ މަސްއޫލުވެރިންވަނީ ހާމަކުރައްވާފައެވެ.

ކިޔޭވް

ކިޔޭވް ހިފުމަށް ރަޝިއާގެ ސިފައިން ކުރިއަރަމުން އަންނަނީ ސީދާ ރަޝިއާގެ ސަރަހައްދީ ރޮނގުންނާއި އަދި މިހަނގުރާމައިގާ ރަޝިއާއަށް ވާގިވެރިވާ ރަޝިއާގެ އަވަށްޓެރި ގައުމެއްކަމަށްވާ ބެލަރޫސްގެ ސަރަހައްދީ ރޮނގު ހުރަސްކޮށެވެ. ރަޝިއާ ޔުކްރޭނަށް ދެމުން ގެންދާ ބާރުގަދަ ހަމަލާތަކުގައި ޔުކްރޭންގެ ވައިގެ ދިފާއީ ބާރުތައްވަނީ މުޅިން ކަހަލަ ގޮތަކަށް ހަލާކުކޮށްލާފައެވެ.

މީގެތެރޭގައި ޔުކްރޭންގެ ގިނަ އަދަދެއްގެ ފައިޓާ ޖެޓްތަކާއި ހަމަލާދޭ ހެލިކޮޕްޓަރުތައް ގްރައުންޑްގައި އޮއްވައި ހަމަލާދީގެން ހަލާކުކޮށްލުމާއި ޔުކްރޭންގެ އަސްކަރީ އަދި މަދަނީ އެއާޕޯޓްތަކުގެ ތެރެއިން 15 އެއާޕޯޓް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލުން ހިމެނެއެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ސިފައިންގެ އެތައް ސަތޭކަ މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެ މިލިޓްރީ އިންފްރާސްޓަރު ހަލާކު ކޮށްލާފައިވާއިރު ރަޝިއާގެ ބޭނުމަކީ ކިޔޭވް ހިފުމަށް ހިންގާ ބިންމަތީގެ އޮޕަރޭޝަންގައި ބައިވެރިވާ ރަޝިއާގެ ލަޝްކަރުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ޔުކްރޭންގެ ކިބައިން ނައްތާލުމެވެ. އަދި ނޭޓޯގެ ސިފައިންނާއި ހަތިޔާރު ވައިގެ މަގުން ޔުކްރޭނަށް ފޮނުވުމުގެ ދޮރު ބަންދުކުރުމެވެ.

ކުރިޔަށް އޮތް ސާޅީސް ހަތްގަޑީއިރު ތެރޭގައި ރަޝިއާއިން ކިޔޭވް ހިފައި ޔުކްރޭންގެ ވެރިކަން ފޮރޮޅާލާނެކަމަށް ބެލެވިފައިވާއިރު ޔުކްރޭންގައި ރަޝިއާ ހިންގާ އަސްކަރީ އޮޕަރޭޝަނާ ގާތްނުވުމަށް ރައީސް ވްލަޑިމީރު ޕޫޓިންވަނީ ނޭޓޯއަށާއި އެމެރިކާއަށް އިންޒާރު ކުރައްވާފައެވެ. ޕޫޓިން ވިދާޅުވީ ރަޝިއާ ކުރިމަތިލައިފިނަމަ ތާރީޚުގައިވެސް ތަޖުރިބާ ކޮށްފައިނުވާފަދަ ހިތި އަދި ބިރުވެރި ނަތީޖާތަކަކާ އެމެރިކާއާއި ނޭޓޯގެ ގައުމުތައް ކުރިމަތިލާންޖެހޭނެކަމުގައެވެ. އަދި އަމިއްލަ ސަލާމަތް ބޭނުންނަމަ އެމެރިކާއާއި ނޭޓޯ ޔުކްރޭނަށް ނުވަދެ ދުރުގައި ތިބުމަށެވެ.

ކިޔޭވް

ރަޝިއާގެ އިންޒާރަށްފަހު އެމެރިކާގެ ރައީސް ޖޯ ބައީޑެންވަނީ އެމެރިކާގެ ސިފައިން ޔުކްރޭނަށް ނުފޮނުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ނަމަވެސް ގެރިއްލާ ހަނގުރާމައެއް ރަޝިއާ އާ ދެކޮޅަށް ކުރުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތައް އެމެރިކާ ޔުކްރޭނަށް ފޯރުކޮށްދޭނެކަމާއި ރަޝިއާގެ އިގްތިސާދު އިނދަޖައްސާލުމަށް އަމާޒުކޮށް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ ވެސް މިއަދު ވިދާޅުވެފައިވަނީ އެމެރިކާއާއި ނޭޓޯއިން ޔުކްރޭންގެ ދިފާއުގައި ނުތެދުވި ކަމަށާ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއާއި ނޭޓޯވަނީ ރަޝިއާގެ ޝިކާރައަކަށް ވުމަށް ޔުކްރޭން ދޫކޮށްލާފައި ކަމަށްވެސް ޒިލިންސްކީ ވިދާޅުވިއެވެ. މިއަދު ހެނދުނު އޭނާ ވިދާޅުވިގޮތުގައި ދެންއޮތީ ޔުކްރޭންގެ އާންމު ރައްޔިތުންނަށް ހަތިޔާރު ފޯރުކޮށްދީގެން ރަޝިއާއާ ދެކޮޅަށް ގެރިއްލާ ހަނގުރާމައެއް ފެށުމެވެ.

ގެރިއްލާ ހަނގުރާމައަކީ އަފްޣާނިސްތާނުގެ ތާލިބާނުން އެމެރިކާއާ ދެކޮޅަށް ކުރި ބާވަތުގެ ދިގުލައިގެންދާ ލޭ އޮހޮރުވުން ބޮޑު ފަނާކުރަނިވި ހަނގުރާމައެކެވެ. ނުވަތަ ވޯ އޮފް އެޓްރިޝަން އެވެ. މިފަދަ ހަނގުރާމަތަކުން ކާމިޔާބު ލިބޭއިރު ގައުމު އޮންނާނީ އަފްޣާނިސްތާނާއި ސޮމާލިޔާ ގޮތަށް މުޅިން ފުނޑުފުނޑުވެ ބިމާ ހަމަވެފައެވެ. ތާލިބާނުން 20 އަހަރު ހަނގުރާމަކޮށްގެން އެމެރިކާގެ ބާރުގަދަ ލަޝްކަރުތައް އަފްޣާނިސްތާނުން ބޭރުކޮށްލީ މިގޮތަށެވެ.

ޔުކްރޭންގައި ރަޝިއާ ހިންގާ އަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ބޭނުމަކީ ރަޝިއާގެ ކުރިމަތީގައި އެމެރިކާ އާއި ނޭޓޯ ސައިޒްކޮށްލައި ރަޝިއާއާ އަސްކަރީ ގޮތުން ކުރިމަތިނުލެވޭނެ ކަން އެމެރިކާއާއި ނޭޓޯއަށް ޔަގީން ކޮށްދީ ބިރުދެއްކުމެވެ. އަދި ޔުކްރޭން ޓޫލެއްގެ ގޮތުގައި ބޭނުންކޮށްގެން ރަޝިއާގެ ބަނޑުދަށަށް ނޭޓޯގެ ބާރުތައް އައުމަކީ މުސްތަހީލް ކަމެއްކަމާއި އެކަން ހުއްޓާލުން ނޫންގޮތެއް އެމެރިކާއާއި ނޭޓޯއަށް ނޯންނާނެކަން އަންގައިދިނުމެވެ.

ރަޝިއާ މިގޮތަށް އަމަލުކުރީ ނޭޓޯ ރަޝިއާއާ ގާތްނުވާނެކަމުގެ ގެރެންޓީ ހޯދުމަށް ރަޝިއާ 20 އަހަރުވަންދެން އެދުނު އެދުންތަކަށް އެމެރިކާއާއި ނޭޓޯ ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ރަޝިއާ ގެ ގައުމީ މަސްލަހަތަށް ނުރައްކާ ނުކުރުމަށް ތަކުރާރުކޮށް ރަޝިއާ އެދުނު އެދުންތައް އެމެރިކާއާއި ނޭޓޯ ބޮލާލައި ޖެހުމުންނެވެ. މިހާރުވެސް އެމެރިކާއާއި ނޭޓޯއިން ބުނަނީ ނޭޓޯ ރަޝިއާގެ ބަނޑުދަށަށް ފުޅާނުކުރާނެކަމުގެ ގެރެންޓީ ނުދެވޭނެ ކަމުގައެވެ. ޔުކްރޭންއަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ހުރަހެއް ނޯންނާނެކަމުގައެވެ.