ބެއިޖިންގް (25 ފެބްރުއަރީ 2022) : ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ނޭޓޯގެ މަޅިތަކުން ސަލާމަތްވުމަށް ހިންގާ ދިފާއީ އޮޕަރޭޝަނެއްކަމަށް ޗައިނާ ސިފަކޮށްފިއެވެ. ޗައިނާ ބުނީ އެއްވެސް ގައުމަކަށް ގެއްލުމެއްވާން އަދި އެގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް ލޮޅުމެއްއަރަން ނޭދޭކަމުގައެވެ. ނަމަވެސް ޔުކްރޭންގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުވާންޝޫން ޔިންގް ވިދާޅުވީ ރަޝިއާއަކީ ދުނިޔޭގެ ސުޕަޕަވަރެއްކަން އެމެރިކާއާއި ނޭޓޯއަށް ނޭންގުމަކީ އެދެފަރާތުގެ މައްސަލައެއް ކަމަށާއި ނޭޓޯގެ ފިއްތުންތަކުން ސަލާމަތް ވުމަށް އަމިއްލަ ނަފްސުގެ ދިފާއުގައި ހަށިފޮޅާލާފައި ރަޝިއާ ތެދުވާނެކަން އަންދާޒާ ނުކުރެވުމަކީ އެދެފަރާތުގެ މައްސަލައެއް ކަމުގައެވެ.

އަމިއްލަ އެދުން އިސްކޮށްގެން ރަޝިއާ ހިސާރުކުރަން ކުދިގައުމުތަކުގެ ބޭނުންހިފުމުން އެގައުމުތަކަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި ނޭޓޯއިން ކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުވާންޝޫން ޔިންގް ވިދާޅުވިއެވެ. މިއީ ރަޝިއާ ހިސާރުކުރުމަށް އެމެރިކާއާއި ނޭޓޯ އާ ގުޅިގެން ޔުކްރޭން އުޅޭ އުޅުމަށް ކުރި އިޝާރާތެއް ކަމަށްވަނީ ބެލެވިފައެވެ.

ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި އެމެރިކާ ގެންދަނީ ކުއަޑް ގްރޫޕްގެ ނަމުގައި ޗައިނާއާ އިދިކޮޅު ގައުމުތައް ކަމަށްވާ އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމަނައިގެން ޖަމާއަތެއް އުފައްދައިގެން އޭޝިއާގެ އެކި ގައުމުތަކުގައި ޗައިނާގެ އިގްތިސާދީ ހަރަކާތްތަކަށް ފާރަލައި އެގައުމުތައް ޗައިނާއާ ދުރުކުރުމަށް ޑިޕްލޮމެޓިކް ގޮތުންނާއި އިގްތިސާދީ ގޮތުން ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން ދާދިފަހުން އެމެރިކާވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމަނައިގެން އަކުއަސް ގްރޫޕް ގެ ނަމުގައި އަސްކަރީ ޖަމާއަތެއް އުފައްދައިގެންވެސް ޗައިނާއާ ދެކޮޅަށް ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ގޮތުން ހަރަކާތްތެރިވާން ފަށާފައެވެ.

ދެކުނު ޗައިނާ ކަނޑަކީ އެމެރިކާއާއި އިނގިރޭސވިލާއާ އެތަށް ހާސް ކިލޯމީޓަރު ދުރުގައިވާ ކަނޑެކެވެ. އެދެގައުމުން ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑަށް އައިސް ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމަށް ހިންގާ އެކިބާވަތުގެ އަސްކަރީ ހަރަކަތްތަކަކީވެސް ޔުކްރޭންގެ މައްސަލަ ގޮތަށް މުސްތަގްބަލްގައި ބޮޑު އަރާރުމެއް އުފެދި ޗައިނާއިން ހަށަފޮޅާލާފައި އަސްކަރީ ގޮތުން އެސަރަހައްދުގައި ތެދުވުމުގެ ބިރު އޮތް ކަމެއްކަމަށް ސްޓްރެޓީޖިސްޓުން ދެކެއެވެ.