ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތައިރޮއިޑްގެ ފަރުވާއަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ އލުން ހަވާލުވެވަޑައިގެންފިއެވެ.

ރައީސް ޞާލިހު ތައިރޮއިޑްގެ ފަރުވާއަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު 6:00ގައި ހަވާލުވެވަޑައިގެންނެވިއެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ވަގުތީގޮތުން އެމަނިކުފާނުގެ މަސްއޫލިއްޔަތު ނައިބު ރައީސާ ހަވާލުކުރެއްވި ފުރަތަމަ ފަހަރެވެ.

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ނައިބް ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.

ރައީސް ޞާލިހު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ސާޖަރީ ކާމޔާބު ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ރައީސް ޞާލިހު ވަނީ އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ޞާލިޙް ވަނީ ތައިރޮއިޑްގެ ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަޑައިގެންނެވިއެވެ.