14 Mar 2012, 11:16
އުތުރު ކޮރެޔާ އަތުން 4-0 ބަލިވެ ޗެލެންޖް ކަޕުން ޗެމްޕިއަން އިންޑިޔާއާއި މުބާރާތުން ކެޓުމުން ކޯޗު ސަވިއޯ މެދީރާ މަގާމުން ވަކިކުރަން ނިންމައިފި އެވެ.
އިންޑިޔާގެ ފެޑަރޭޝަނުން ބުނަނީ ކޯޗު މިވަގުތު މަގާމުގައި ދެމި ހުރި ނަމަވެސް އޭނާގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށެވެ. އަދި އިންޑިޔާ ކުޅެން ޖެހޭ މެޗުތަކެއް ކުރިއަށް ނެތުމުން އެގްރީމަންޓް ހަމަވުމުގެ ކުރިން އޭނާ މަގާމުން ވަކިކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. މި ގޮތަށް ނިންމަން ބޭނުންވީ އޭނާ އަށް މުސާރަދޭނެ ޖެހޭނެތީ އެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިންޑިޔާ ކޮޅަށް އުތުރު ކޮރިޔާއިން ޖެހި ފުރަތަމަ ލަނޑު ޖެހީ ދިނީ ޖޮން ކަވަންގް ކި އެވެ. ދެ ވަނަ ލަނޑު ޖަހާ މެޗުގެ ލީޑް ފުޅާކުރީ ރައި ކަވަންގް ހެޔޮކް އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕަކް ނަމް ޗޯލް އެވެ. ހަތަރު ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރައި ޗީލް މަޔޮންގެވެ.
ގްރޫޕް ބީގެ ހުރިހާ މެޗެއް އިއްޔެ ކުޅެ ނިމުނުއިރު، ގްރޫޕް ބީން ސެމީއިން ޖާގަ ކަށަވަރު ކުރި ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން އުތުރު ކޮރެޔާ އާއި ޕިލިޕީންސްއެވެ. އެގޮތުން އުތުރު ކޮރިޔާ ސެމީއިން ޖާގަ ކަށަވަރު ކުރިއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެޓީމް ކުޅުނު ތިން މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ކޮރިޔާއަށް ލިބޭއިރު، ދެ ވަނަ ޓީމެއްގެ ގޮތުގައި ސެމީއިން ޖާގަ ކަށަވަރުކުރި ޕިލިޕީންސްއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އަދި މުބާރާތުން ވަކިވާން ޖެހުނު ތަޖިކިސްތާނަށް ތިން ޕޮއިންޓް ލިބުނު އިރު، އަވައްޓެރި އިންޑިޔާ މުބާރާތުން ކެޓީ ހުސްއަތާ ޕޮއިންޓެއް ނުލިބި އެވެ.
ޖުމްލަ އަށް ޓީމް ވާދަކުރާ މިމުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މުބާރާތުގެ ގްރޫޕް އޭ ފަޅިން ސެ މީގެ ޖާގަ ކަށަވަރު ކުރި ދެޓީމަކީ ތުރުކުމެނިސްތާނާއި ފަލަސްތީނެވެ. މި ގްރޫޕުގައި ވާދަކޮށް ކެޓީ ރާއްޖެ އާއި ނޭޕާލެވެ.
މުބާރާތުގެ ސެމީފައިނަލް މެޗްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ގޮތުން، އަންނަ ހުކުރު ދުވަހު ކުޅެވޭ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ނުކުންނަ ދެޓީމަކީ ގްރޫޕް އޭގެ އެއްވަނަ ތުރުކުމެނިސްތާނާއި ގްރޫޕް ބީގެ ދެވަނަ ޓީމު ކަމުގައިވާ ޕިލިޕީންސް އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މެންދުރު 1:45 ގަ އެވެ. ހަމަ އެދުވަހު ކުޅެވޭ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ކަށަވަރު ކުރި އުތުރުކޮރެޔާ އާއި ގުރޫޕް އޭ ފަޅިން ސެމީގެ ޖާގަ ކަށަވަރު ކުރި ދެ ވަނަ ޓީމް ކަމަށްވާ ފަލަސްތީނެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން ހަވީރު 5:45 ގައެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ރާއްޖޭގަޑިން މެންދުރު 1:45 ގަ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހު ރާއްޖޭގަޑިން ހަވީރު 5:45 ގަ އެވެ.
މިމުބާރާތް ކުރިއަށް ދާނީ ނޭޕާލްގެ ކަތަމަންޑޫގެ ދެ ސްޓޭޑިއަމް ކަމަށްވާ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގެ އިތުރުން ހަލްޗޯވްކް ސްޓޭޑިއަމްގަ އެވެ.