ޔޫރޮޕާ ލީގުގައި ރޭ ނަޕޯލީ ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ނަޕޯލީގެ ދަޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގުގެ މެޗު އޮތީ ބާސެލޯނާގެ ދަނޑުގައެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅަށް ކުޅެ މެުގެ އަށް ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އަޑަމާ ޓްރައޯރޭ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ ޖޯޑީ އަލްބާއެވެ.

އޭގެ ފަސް މިނެޓު ފަހުން ބާސާއިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ފެރާން ޓޮރެސް ދިން ޕާހަކުން ފްރެންކީ ޑިޖޯން ބޯޅަ ގޯލަށް ފޮނުވާލީ ނަޕޯލީގެ ކީޕަރަށް ބޯޅައަަށް ހަރަކާތްކުރާނެ މާބޮޑޫ ފުރުސަތެއް ނުދީއެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ބާސާގޭ ކީޕަރު ޓާސްޓެޖެން ނަޕޯލީގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އެ ޓީމަށް ޕެނަލްޓީއެއް ދީފައެވެ. ނަޕޯލީއަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިގެން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އެވެ.

ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޖެރާޑް ޕީކޭ ފޮނުވާލި ބޯޅަ ނަޕޯލީގެ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ފުރަތަމަ ހާފު ނިމުނީ 3-1 އިން ބާސާއިން ކުރީގައި އޮވެގެންނެވެ.

ޔޫރޮޕާ ލީގުގައި ރޭ ބާސެލޯނާ އަދި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ދެ ވަނަ ހާފު ފަށައިގެން ވެސް ބާސާއިން ދިޔައީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ. ބާސާއިން މެޗުގައި އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އަޑަމާ ޓްރައޯރޭ ދިން ޕާހަކުން މި ލަނޑު ކާމިޔާބުކުރީ ދާދި ފަހުން ބާސާއަށް ގުޅުނު ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މިއީ އޭނާ ބާސާއަށް ބަދަލުވި ފަހުން ޖަހައިދިން ހަތަރު ވަނަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ނަޕޯލީއިން އިން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕޮލިޓާނޯ އެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު، ޕޯޓޯ އާއި ލާޒިއޯ 2-2 އިން އެއްވަރުވި ނަމަވެސް، ޕޯޓޯ އަނެއް ބުރަށް ދިޔައީ އެގްރިގޭޓު ނަތީޖާއިން ކުރިހޯދައިގެންނެވެ. ރޭންޖާސް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ މެޗު ވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭންޖާސް އަށް ކުރި ލިބުނީ 6-4ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް ދަނޑުގައި 1-0 އިން ސެވިއްޔާ ބަލިވި ނަމަވެސް 3-2 ގެ އެގްރިގޭޓުން ކުރި ލިބުމުން އަނެއް ބުރުގެ ފުރުސަތު ލިބުނީ ސެވިއްޔާ އަށެެވެ.