25 Feb 2022, 06:25
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވައިފިއެވެ.
އެމަނިކުފާނު ހުވާކުރެއްވުން އޮތީ ފަތިހު 5:50ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ.
މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ވަގުތީގޮތުން އެމަނިކުފާނުގެ މަސްއޫލިއްޔަތު ނައިބު ރައީސާ ހަވާލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ މަސްއޫލިއްޔަތުން ދުރުވެވަޑައިގެން ވަގުތީގޮތުން އެ މަސްއޫލިއްޔަތު ނައިބު ރައީސާ ހަވާލުކުރެއްވީ އެމަނިކުފާނު ސާޖަރީއެއް ހައްދަވާތީއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޞާލިޙް ވަނީ ތައިރޮއިޑްގެ ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަޑައިގެންނެވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުން --- ފޮޓޯ/ މަޖިލިސް
ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ނައިބް ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުން --- ފޮޓޯ/ މަޖިލިސް