25 Feb 2022, 09:58
ދާދި ފަހުން މީސްމީޑިއާގައި ދައުރުވި ވީޑިއޯ އަކުން ފެންނަ މަންޒަރެކެވެ. ނަމާދުކުރުމަށްޓަކައި މަގުމަތީގައި ހައެއްކަމީހުން ހިމެނޭ ސަފެއް ހަދާފައި އޮތެވެ. އެ ސަފުގެ ފަހަތުގައި ސައިކަލެއްގެ މަތީގައި އިނދެ ޒުވާނަކު ނަމާދުކުރާތަން ފެނެއެވެ. ވީޑިއޯގެ ތައާރަފުގައި ލިޔެފައިވާގޮތުން އެއީ ހުކުރު ނަމާދެކެވެ. މި ވީޑިއޯއަށް ވަރަށް ގިނަ ކޮމެންޓުތައް ކޮށްފައި ހުއްޓެވެ. އެހާ ތަނަށް ފެނުނު ގިނަ ކޮމެންޓުތައް ހުރީ އެ ޒުވާނާ ކުށްވެރިކޮށްފައެވެ. އެއީ ނަމާދު ކުރެވޭނެ ގޮތެއްނޫންކަމަށާއި އޭނާގެ ނަމާދު ރަނގަޅުނުވާނެކަމަށް ބުނެފައެވެ. އޭނާ ސަފަށް ނާރައި ވަކިން ދުރުގައި އިން ވާހަކައެވެ. ސައިކަލު މަތީގައި އިނދެގެން ނަމާދުކުރިގޮތުގެ ވާހަކައެވެ. ހަމަ މިއާއެކު، އެ ޒުވާނާގެ ނަމާދު ކަމުދާނެ ކަމަށާއި، އޭނާވިއްޔާ އެގޮތަށްވެސް ނަމާދުކޮށްފިތާއޭ، އެވަރުވެސް ނުވާ މީހުން އުޅެޔޭ ބުނެ ފާޅުކޮށްފައިވާ ހިޔާލުވެސް ހުއްޓެވެ.
ބުނެވިދިޔަ ފަދަ ކަންކަމާމެދު ހިޔާލު ފާޅުކުރާއިރު ވިސްނައިލަންޖެހޭ މުހިންމު ކަމެއްވެއެވެ. އިސްލާމީ ޝަރީޢަތަކީ ހުރިހައި ޒަމާނަކަށް އަދި ހުރިހާ ތަނަކަށް އެކަށީގެންވާގޮތުގައި ބާވައިލައްވާފައިވާ އެންމެ ފުރިހަމަ ނިޒާމެވެ. ﷲ ތަޢާލާ ތަކުލީފުތައް ކަނޑައެޅުއްވިއިރު އެ ތަކުލީފުތައް އަދާކުރެވޭނެ މަގުވެސް ތަނަވަސްކޮށްދެއްވާފައިވެއެވެ.
ހާލަތާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތުގެ ހުކުންތަކަށް ބަދަލު އަންނަ މައިގަނޑު ސަބަބަކީ މުކައްލަފަށް ކުރިމަތިވާ ބުރަ އުނދަގޫ ކަމެވެ. މިއަށް ބޭނުންކުރާ ނަމަކީ المَشَقَّة އެވެ. ހާއްސަ ހާލަތެއްގެ ސަބަބުން، އަޅުކަމެއް އަދާކުމުގައި މީހަކަށް ބުރަ އުނދަގުލެއް (المَشَقَّة އެއް) ކުރިމަތިވެއްޖެނަމަ، އެ ކުރިމަތިވި އުނދަގުލަކީ އޭނާގެ އަޅުކަން އަދާކުރުން ލުއިގޮތަކަށް ހަމަޖެހުމަށް އޮތް ޝަރުޢީ އުޒުރަކަށް ވެދެއެވެ.
ﷲ ގެ ދީނުގައި ދަތި އުނދަގޫކަމެއް ލައްވާފައިނުވާކަމަށް އަންގަވާފައިވެއެވެ.(ޙައްޖު: 78) އެގޮތުން، އެއްވެސް ނަފުސަކަށް އުފުލުމަށް ކުޅަދާނަވެގެންނުވާވަރުގެ ބުރަ އުނދަގުލެއް ނުޖައްސަވާނެކަމަށް އެކަލާނގެ އަންގަވާފައިވެއެވެ.(ބަޤަރާ: 286) އަދި އެކަލާނގެ އަޅުތަކުންގެ މައްޗަށް އެދިވޮޑިގަންނަވަނީ ލުއިފަސޭހަ ގޮތްކަމަށާއި، އުނދަގޫގޮތް އެދިވޮޑިނުގަންނަވާކަމަށްވެސް އަންގަވާފައިވެއެވެ.(ބަޤަރާ: 185، މާއިދާ: 6، ނިސާ: 28) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައި ވެއެވެ. يَسِّرُوا وَلاَ تُعَسِّرُوا، وَبَشِّرُوا وَلاَ تُنَفِّرُوا (متفق عليه) މާނަ: "ފަސޭހަގޮތް ދައްކާހުށިކަމެވެ. އުނދަގޫގޮތް ނުދައްކާހުށިކަމެވެ. އުފާވެރި ޚަބަރުދޭށެވެ. ބިރުގެންނެވުމުން ނުރުހުންތެރިނުކުރުވާށެވެ." ހާލަތާ ގުޅޭގޮތުން، ޝަރީޢަތުގެ ހުކުންތައް ބަދަލުވާގޮތުގެ ބައެއް މިސާލަށް ބަލައިލަމާ ހިނގާށެވެ.
1. ވާޖިބު ކަމެއްގެ ވާޖިބުކަން ކެނޑިގެން ދިއުން:މިސާލަކަށް ހުކުރު ނަމާދަކީ ވާޖިބު އަޅުކަމެކެވެ. އެހެންނަމަވެސް ދަތުރުވެރިޔާއަށް ހުކުރު ނަމާދު ވާޖިބެއް ނުވެއެވެ. ދަތުރުވެރިޔާއަށް ހުކުރު ނަމާދު ވާޖިބުނުވަނީ ދަތުރަކީ ބުރަ އުނދަގޫކަމަކަށްވާތީއެވެ. ކިތަންމެ ފަސޭހަ ދަތުރެއްގައި އުޅުނަސް މި ހުކުން އޮންނާނީ ހަމަ މިގޮތަށެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމަކީ ވާޖިބެކެވެ. ނަމަވެސް ލޯފަންމީހާއާއި ކޮރުމީހާ އަދި ބަލިމީހާއަށްޓަކައި މި ވާޖިބުކަން ކެނޑިގެންދެއެވެ. މިތިންކަމަކީވެސް ބުރަ އުނދަގޫކަން އެކުލެވިގެންވާ ތިންކަމަށްވާތީއެވެ. ހައްޖުގެ އަޅުކަމަކީވެސް ވާޖިބެކެވެ. އެހެންނަމަވެސް އެކަމަށްޓަކައި ލިބެންޖެހޭ ކުޅަދާނަކަން ލިބިފައިނުވާމީހާއަށްޓަކައި އެ ވާޖިބުކަން ކެނޑިގެންވެއެވެ.
2. އަދާކުރަންޖެހޭ ވާޖިބުގެ އަދަދު އުނިވެގެން ދިއުން:ނަމާދުގެ އަސްލަކީ ކޮންމެ ނަމާދެއްވެސް އޭގެ ރަކުއަތްތައް ހަމައަށް އަދާކުރުމެވެ. އެހެންނަމަވެސް، ދަތުރުވެރިޔާއާއި ބަލިމީހާއަށް މިކަމުގައި ލުއިކަން ދެއްވާފައިވެއެވެ. އެފަދަމީހުންނަށް ނަމާދު ޤަޞްރު (ކުރު) ކޮށް ކުރުމުގެ ހުއްދަ ދެއްވާފައި ވެއެވެ.
3. އަދާކުރަންޖެހޭ ވާޖިބު އެއަށްވުރެ ލުއިކަމަކަށް ބަދަލުވުން:ހިނައިގަތުމަކީ ޖުނުބުވެރިޔާއާއި ޙައިޟު ނިފާސްވެރިޔާގެ މައްޗަށް ވާޖިބެކެވެ. އެހެންނަމަވެސް ޝަރުޢީ އުޒުރެއް އޮވެއްޖެނަމަ އެމީހުން ހިނައިގަތުމުގެ ބަދަލުގައި ތަޔަންމުމު ކުރުން ހުއްދަވެދެއެވެ. ހަމަ މިގޮތަށް އުޒުރުވެރިޔާއަށް ވުލޫގެ ބަދަލުގައިވެސް ތަޔަންމުމު ކުރުން ހުއްދައެވެ. ޝަރުޢީ އުޒުރުތަކުގެތެރޭގައި؛ ފެން ނުލިބުން ނުވަތަ ހަށިގަނޑުގައި ފެންޖެއްސުން މަނާވުން ފަދަ ކަންކަން ހިމެނެއެވެ. ރޯދަ ހިފުމަކީ ވާޖިބެކެވެ. ނަމަވެސް ޝަރުޢީ އުޒުރެއްގައިވާމީހާ ރޯދަ ހިފުމުގެ ބަދަލުގައި މިސްކީނުންނަށް ކާންދިނުމުގެ ލުއިކަން ދެއްވާފައިވެއެވެ. ނަމާދުގައި ކޮޅަށް ހުރުމަކީ ވާޖިބެއްނަމަވެސް އުޒުރުވެރިޔާ އިށީނދެގެން ނުވަތަ އޮށޯވެގެން ނަމާދުކުރުން ހުއްދައެވެ.
މިހިސާބުން، ލިޔުން ފައްޓަމުން ގެނައި ވާހަކައިގައި އުޅޭ ޒުވާނާ ކުރި ނަމާދުގެ ވާހަކައަށް އެނބުރިދާނަމެވެ. އޭނާއަކީ އުޒުރުވެރިއެއްކަމަށް ބަލަމާހިނގާށެވެ. މިސާލަކަށް؛ އޭނާ އަކީ އިށީނދެގެން ނަމާދު ކުރާ މީހެކެވެ. އެދުވަހުގެ (ހުކުރު) ނަމާދަށް ދެވުނީ ތަންކޮޅެއް ފަހުންނެވެ. މާބޮޑަށް ފަސްވެފައި ހުރީމައި އަވަސްކޮށްލާފައި ސައިކަލުގައި މިސްކިތަށް ދިޔެއީ ގޮނޑިއެއް ނުލައެވެ. ދިޔަ އިރު ޖާގައެއް ލިބެން އޮތީ މަގުމަތީގައި ހަދާފައި އޮތް ސަފުންނެވެ. (ވީޑިއޯ އިން ފެންނަގޮތުގައި) އެ ސަފުގެ ނިމޭކޮޅު އޮތީ މަގުގެ މެދަކާ ހިސާބުގައެވެ. އެހާލަތުގައި އެ ޒުވާނާ ނިންމީ ސައިކަލު މަތީގައި އިނދެގެން ނަމާދުކުރާށެވެ. އަދި މަގުގެ މެދަކާ ހިސާބުގައި އޮތް ސަފާ އެއްވަރަށް ސައިކަލު ބަހައްޓައިގެން އޭގެ މަތީގައި އިނދެ ނަމާދުކުރަން އޭނާގެ ހިތް ނުރުހުނީއެވެ. ބަލާމީހަކަށްވެސް މާ ރީތި މަންޒަރަކަށްނުވެދާނެކަމަށްޓަކައެވެ. އެހެންވެގެން މަގުގެ އެއްކައިރީގައި ސައިކަލު ބަހައްޓައިގެން އޭގެ މަތީގައި އިނދެ އޭނާ ނަމާދު ކުރީއެވެ. ކަން ހިނގީ މިފަދަ ގޮތަކަށްނަމަ އޭނާގެ އަމަލުގައި ގޯސްކަމެއް އޮތް ކަމަކަށް ނުފެނެއެވެ. އޭނާގެ ނަމާދުވެސް ސައްހަވާނެއެވެ. ކުރިމަތިވެފައިވާ ހާލަތަށް އެކަށީގެންވާގޮތަށް އޭނާއަށް ލުއިފަސޭހަކަން ލިބިދެވޭނެއެވެ. ވާހަކަ ދައްކަމުން މިދާ މައުލޫއާ ގުޅޭ ދަލީލުތަކާއި ފިޤުހީ ގަވާއިދުތަކުން ދޭހަކުރެވެނީ މިގޮތަށެވެ.
4. ވާޖިބު ކަންތައް އަދާކުރަން އޮންނަ ވަގުތަށްވުރެ އަވަހަށް ކުރުން ނުވަތަ ލަހުން ކުރުން:އަސްލަކީ އިސްފަސްނުކޮށް ވާޖިބުތައް އޭގެ ވަގުތުގައި އަދާކުރުމެވެ. އެހެންނަމަވެސް އުޒުރުވެރިޔާއަށްޓަކައި މިކަމުގައި ލުއިކަން ދެއްވާފައިވެއެވެ. މިގޮތުން، ނަމާދު އިސްކޮށާއި ފަސްކޮށް ޖަމްޢު ކުރުމުގެ ހުއްދަ ދަތުރުވެރިޔާއަށް ލިބިގެންވެއެވެ. ހަމަ މިފަދައިން، ނަމާދު ވަގުތެއް ފާއިތުވެގެންދާހާ އިރަށް ދެމިގެންދާ މެޑިކަލް ޕްރޮސީޖާތައް ހެދުން ފަދަ ޒަރޫރީ ބޭނުންތަކުގައި މެދުނުކެނޑި މަސައްކަތްކުރަންޖެހޭ މީހުންނަށްވެސް ނަމާދު ޖަމްޢު ކުރުން ހުއްދަވާނެއެވެ.
އަދި ދަތުރުމަތީގައި ރޯދަ ނުހިފައި ދޫކޮށްލައި އެ ރޯދަ ފަހުން ހިފުމަށް ލަސްކުރުމުގެ ފަސޭހަކަން ދަތުރުވެރިޔާއަށް ދެއްވާފައިވެއެވެ.
5. އަދާކުރަންޖެހޭ ވާޖިބުގެ ސިފަ މުޅިން އެހެން ސިފައަކަށް ބަދަލުވެގެން ދިއުން:ހަނގުރާމައެއްގެތެރޭގައިވުން ފަދަ ނުރައްކާތެރި ހާލަތެއްގައި ތިބެގެންވެސް ފަރުލު ނަމާދު އަދާކުރުން ވާޖިބެވެ. ފަރުލު ނަމާދުތައް އަދާކުރާ ގޮތް އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ކުރިން ބުނިފަދަ ހާލަތުގައި ތިބޭހިނދު ފަރުލު ނަމާދުތައް އަދާކުރަނީ މުޅިން ތަފާތު ގޮތަކަށެވެ. އެހާލަތުގައި ކުރެވޭ ނަމާދަށް صلاة الخوف (ޚައުފު ނަމާދު) އެވެ ކިޔައެވެ. މި ނަމާދާ ބެހޭ ތަފުސީލު، ނިސާ ސޫރަތުގެ 102 ވަނަ އާޔަތުން ލިބޭނެއެވެ.
6. ހުއްދަނޫން ކަމެއް ވަގުތީގޮތުން ހުއްދަވުން:މުޅަ މަހާއި ބަނގުރަލަކީ ހަރާން ތަކެއްޗެވެ. ނަމަވެސް ޒަރޫރީ ހާލަތެއް ކުރިމަތިވެފައިވާ މީހާ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މިއިން އެއްޗެއް ކެއުމާއި ބުއިން ހުއްދަވެދެއެވެ. ކާނެ އެއްވެސް އެއްޗެއް ލިބިފައިނެތި، އިންތިހާއަށް ބަނޑުހައިވެ ފުރާނައަށް ނުރައްކާވެފައިވާ މީހާއަށް މުޅަ އެއްޗެއް ލިބުނުނަމަ އެ އެއްޗެއް ކެއުން ހުއްދަވާނެއެވެ. އަދި އެ މުޅަ ކާނާ ބޭނުން ނުކޮށްފިނަމަ އޭނާ މަރުވެދާނެކަމަށް ބެލެވޭނަމަ އެ މުޅަ ކާނާ ކެއުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ.
ބަޔާންކުރެވުނީ އަހަރެމެންގެ މައްޗަށް ﷲ ކަނޑައަޅުއްވާފައިވާ ތަކުލީފުތައް ފުރިހަމަކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި، ހާލަތާ ގުޅޭގޮތުން ޝަރީޢަތުގެ ހުކުންތަކަށް ބަދަލު އަންނަގޮތުގެ ބައެއް މިސާލެވެ. މިއާގުޅޭ އަދި އިތުރު ވަރަށް ގިނަ ތަފުސީލުތައް ހުންނާނެއެވެ. އެފަދަ ތަފުސީލުތައްވެސް ހޯދައިފިނަމަ އިސްލާމީ ޝަރީޢަތަކީ އަމަލުކުރަން ފަސޭހަ އަދި ހުރިހާ ހާލަތަކަށްވެސް އެކަށީގެންވާ، އެންމެ ފުރިހަމަ ޝަރީޢަތްކަން ހާމަވާނެއެވެ.