24 Feb 2022, 23:44
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ދުރުވެވަޑައިގަންނަވަން ނިންމަވާފައިވާތީ، މާދަމާ އެ މަސްއޫލިއްޔަތުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
"ސަން"އަށް އެނގިފައިވާގޮތުގައި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާކުރައްވަނީ މިރޭ ފަތިހު 5:50ގައެވެ. އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ލައިދެއްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ތައިރޮއިޑުގެ ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނު ފަރުވާއަށް ސާޖަރީހަދަން ޑޮކްޓަރުން ލަފާދީފައިވާކަން ހާމަކުރެއްވީ މިރެއެވެ.
ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ނައިބް ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.