25 Feb 2022, 09:52
ކޮވިޑް ސާމްޕަލްތަކުން ޕޮޒިޓިވްވާ ރޭޓު ދެން ހާމަކުރާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތިދުވަހުގެ ރޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކޮންމެ ރެއެއްގެ ޕޮޒިޓިވްވާ ރޭޓު ހާމަކުރާއިރު ދެނެނުގަނެވޭ ސަރަހައްދުތައް ހުންނަކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ސަބަބުން ޕޮޒިޓިވްވާ ރޭޓު ސީދާ ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ހަފްތާގެ ފަހުން ރާއްޖެއިން ޕޮޒިޓިވްވާ ރޭޓުގެ އިތުރުން އަތޮޅުތެރެއިން ޕޮޒިޓިވަވާ ރޭޓު ވެސް ހާމަކުރަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
"ވީކްލީގެ ޑޭޓާ މާ އެކިއުރޭޓްވާނެ ޑެއިލީ ޑޭޓާއަށްވުރެ. ކޮންމެ ހަފްތާއެއްގެ އެސްޓިމޭޓެއް ހަދާނެ މިހާރު މި ވީކްގެ ބުދަދުވަހުން ބުރާސްފަތިދުވަހަށް." އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މިހާރެކޭއެއްގޮތަށް ކޮންމެދުވަހަކު ގަވާއިދުން ހާމަކުރާނެއެވެ.
މިދިޔަ 24ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓްކުރީ 3،374 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ ޖުމްލަ 628 މީހުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން މިއަދު 501 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 49 މީހުންނެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 168،124 އަށް އަރާފައެވެ.