24 Feb 2022, 22:19
އިނގިރޭސި ފުޓުބޯޅަ ކުލަބް މެންޗެސްޓާ ޔުނައިޓެޑުން ރަޝިޔާގެ ސްޕޮންސާޝިޕް ދޫކޮށްލައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން ވަނީ ރަޝިޔާގެ އެއާރޯފްލޮޓް ސްޕޮންސާ ދޫކޮށްލާފައެވެ.
އެއާރޯފްލޮޓް އަކީ 2013 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑްގެ ބޮޑު ސްޕޮންސާއެކެވެ. އެންމެ ފަހުން ޔުނައިޓެޑުން ވަނީ 2017 ވަނަ އަހަރު މި އެއްބަސްވުން އައުކޮށްފައެވެ. އެއީ ގާތް ގަނޑަކަށް 40 މިލިއަން ޔޫރޯގެ ސްޕޮންސާއެކެވެ.
ޔުނައިޓެޑުން އެއާރޯފްލޮޓްގެ ސްޕޮންސާ ދޫކޮށްލާފައި ވަނީ މުއްދަތު ހަމަވުމުގެ 18 މަސް ދުވަސް ކުރިންނެވެ.
ޔުނައިޓެޑުން މި ސްޕޮންސާ ދޫކޮށްލާފައި މިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާތަކެއް ދެމުން ދާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން ގިނަ ގައުމުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް ބަސްބުނެ، އެ ގައުމަށް ދަތިކުުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ރަޝިޔާގެ މި ހަމަލާތަކާ ގުޅިގެން އިނގިރޭސި ވިލާތުން ވަނީ ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް އެ ގައުމުގައި ދިރިއުޅުން މަނާކޮށްފައެވެ.
ޗެލްސީގެ އޯނަރު އަބްރަމޮވިޗްއަކީ ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕޫޓިންގެ ވަރަށް އަރިސް މީހެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެއާރޯފްލޮޓް އަކީ ރަޝިޔާގެ އެއާލައިންއެކެވެ. އެ އެއާލައިނުން ދަނީ ދުނިޔޭގެ 52 ގައުމަކުން 146 ޑެސްޓިނޭޝަކަނަށް ދަތުރު ކުރަމުންނެވެ.