24 Feb 2022, 22:03
ހަނގުރާމެއްގެ ތެރޭގައި އޮތް ޔޫކްރައިންގައި ތިބި 21 ދަރިވަރަކު ރާއްޖެ އައުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑްގެ ލިމިޓް އިތުރުކޮށްދީފިއެވެ.
ރަޝިއާއިން މިއަދު ޔޫކްރޭނަށް ހަމަލާދޭން ފެށުމާއެކު ޔޫކްރޭންގެ ވައިގެ ސަރަހައްދު އާންމު އުދުހުންތަކަށް ވަނީ ބަންދުކޮށްފައެވެ. އަދި އެގައުމުގައި ތިބި ދިވެހީންނަށް ވެސް ވަނީ ޔޫކްރެއިން އިން ނުނިކުމެވި 'ތާށި' ވެފައެވެ.
ރަޝިއާ-ޔޫކްރައިންގެ މައްސަލަ ގޯސްވާން ފަށެމާ އެކު ޔޫކްރައިންގައި ތިބި ބައެއް ދިވެހި ކިޔަވާ ކުދިން ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ.
ޔޫކްރައިންގެ އެކި ހިސާބްތަކުގައި މިވަގުތު ދިވެހި ކިޔަވާ ކުދިން ތިބިއިރު އެ ކުދިން އެ ގައުމު ދޫކޮށް ދިއުމަށް ފަސޭހަ ކުރުމުގެ ގޮތުން ބީއެމްއެލްއިން މިއަދު ވަނީ 21 ދަރިވަރެއްގެ ކާޑް ލިމިޓް އިތުރުކޮށްދީފައެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު މިރޭ 'ސަން'އަށް ވިދާޅުވީ, ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާ 21 ދަރިވަރެއްގެ ކާޑް ލިމިޓް އިތުރުކޮށްދީފައިވާ ކަމަށެވެ.
"ޓިކެޓާއި އަދި އޭގެ އިތުރުން ޔޫކްރެއިންގައި މިވަގުތު ހިނގާނެ ހަރަދުތައް މެނޭޖް ކުރުމަށް 21 ދަރިވަރެއްގެ ކާޑުގެ ލިމިޓް މިވަނީ އިތުރުކޮށްދީފައި. މީގެއިތުރުން ބައެއް ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ފޮނުވި ފައިސާ ވެސް އާޖެންޓްކޮށް އަޅުގަނޑުމެންވާނީ ފޮނުވައިދީފައި," ސައީދު ވިދާޅުވިއެވެ.
ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައިވާ ޔޫކްރެއިންގައި ތިބި ދިވެހީން ރާއްޖެ ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދާދި ފަހުން އަންގަވާފައެވެ.
ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ވަނީ ބުނެފައެވެ.