ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިޙް ސަރުކާރުގެ ހިންގުން ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ޞާލިހް މިރޭ ކުރެއްވި ޓްވީޓެއްގައި ވާގޮތުން ސަރުކާރުގެ ހިންގުން ވަގުތީގޮތުން ނައިބު ރައީސާ ހަވާލުކުރައްވާނީ އެމަނިކުފާނު ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކުރައްވާ ސާޖަރީގެ ކަންކަން ކުރިއަށްދާ ވަގުތު ކަމަށެވެ.

ތައިރޮއިޑްގެ ފަރުވާއަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ އިއްޔެއެވެ.

އެގޮތުން ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ނައިބް ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.