24 Feb 2022, 20:40
ސްޓެލްކޯގެ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާދަމާ ބާއްވަން ނިންމާފައިވާ މި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދާނީ 16:30އިން 18:00އަށެވެ.
ސްޓެލްކޯއިން ބުނީ މިއީ މި އަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އަޅައި، އެ ކުންފުނިން ކުރިއަށް ގެންދާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ބާއްވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.
އިތުރަށް ސްޓެލްކޯއިން ބުނީ މާދަމާ ހަވީރު ބާއްވާ އެ ކުޑަކުދިންގެ ހަވީރުގައި ކުޑަ ކުދިންނަށް ޚާއްސަ ކޮށްގެން ތަފާތު އެކި އެކި ހަދިޔާތަކާއެކު ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ އިތުރަށް، ރޮބޯމޭންގެ ހުށަހެޅުންތަކާ އަދި އޭނާޖީ ސޭވިން އެލްއީޑީ ބޮކި ބެހުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯގެ ސޭވް އެނާޖީ ކެންޕެއިންގައި މިފަހަރު އެންމެ ބޮޑަށް ކަރަންޓު އިޤްތިސާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށްފަހު، އެ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.