ފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބާއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފީނާގެ ރައީސް ހުސައިން އަލް މުސައްލަމްއާއެކު ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މިނިސްޓަރު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ ފީނާގެ ރައީސް ހުސެއިން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނައާ ބައްދަލުވީތީ އުފާކުރާކަމަށެވެ. އަދި ފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފީނާގެ ރައީސް މިއަދު ވަނީ ޔޫތު މިނިސްޓަރު މަހުލޫފްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރުއާ ވެސް ބައްދަލުކުރައްވައިފައެވެ.

ފީނާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ / ޔޫތު މިނިސްޓްރީ

ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އެގޮތުން އެންމެ ބޮޑަށް މަޝްވަރާ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ގޮތްތަކާ ގުޅޭގޮތުންކަމަށް ފީނާގެ ރައީސް ހުސައިން ވިދާޅުވިއެވެ.

އިތުރަށް ހުސައިން ވިދާޅުވީ މި ވަގުތު ރާއްޖޭގައި މުބާރާތެއް ބޭއްވޭ ފެންވަރުގެ ޕޫލެއް ނެތްނަމަވެސް، ވިސްނީ ރާއްޖޭގައި ހުރި ވަސީލަތްތަކަށް ބަލައި ގެނެވިދާނެ މުބާރާތަކާމެދު ކަމަށެވެ. އަދި ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު އޯޕަން ވޯޓާ ސްވިމިން އަކީ ރާއްޖޭގައި ކުރިއެރުވޭނެ ބައެއް ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

"އަހަރެމެން މި ބެލީ ރާއްޖޭގައި މި ވަގުތު ހުރި ވަސީލަތަކާ އެކު ކުރިއަށްދެވޭނެ ގޮތްތަކެއް. އެހެންވެ މި ނިންމީ ފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބާއްވަން. ކުރިއަށް އޮތް ހަތަރު އަހަރު މި މުބާރާތް ބާއްވަން މި މަޝްވަރާކުރަނީ. ގުދުރަތީ ގޮތުން ރާއްޖެއަށް އެބައޮތް އޯޕަން މުބާރާތްތައް ބާއްވަން ރަނގަޅު ފުރުސަތުތަކެއް. ދުނިޔޭގެ މަތީ ފަންތީގެ ފެތުންތެރިން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިންނަށް ތަޖުރިބާއާއި ކުރިއެރުން މި މުބާރާތާއެކު ލިބޭނެ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެޅުމަށް ނިންމާފައިވާ ސްވިމިން ޕޫލްގެ މަސައްކަތަށް އެ ޖަމްޢިއްޔާގެ އެހީތެރިކަން ލިބޭނެކަމަށާއި އެތަނަކީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް ފަހި ތަނަކަށް ވުމަށް ހުންނަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ވެސް އެ ޖަމްޢިއްޔާގެ އެެއްބާރުލުން ލިބޭނެކަމަށެވެ.

ފީނާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ / ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް

މި ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފްވަނީ ފީނާގެ ރައީސް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

"މީގެ ކުރިން ދުނިޔޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބައެއް އިސް ވެރިން ރާއްޖެވަނީ އައިސްފައި. ފީނާގެ ރައީސަކު މިއައީ އަލަށް. އެހެންވީމަ މިއީ ރާއްޖެއަށް ބޮޑު ފުރުސަތެއް. ފީނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނާއި، އެމްއޯސީ އާއި އެސޯސިއޭޝާނާ ގުޅިގެން ގިނަ ކަންކަން ކުރަން ރޭވިފައި މިހާރު މިހިރީ. އެންމެ ބޮޑަށް ފީނާ އިން އެހީވުމަށް ހަމަޖެހިފައި އޮތީ މާލޭގައި އަޅާ ބޮޑު ޕޫލްގެ މަސައްކަތަށް،" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ފީނާގެ ރައީސް ވަނީ މިއަދު ނިބު ރައީސް ފައިސަލް ނަސީމާ ވެސް ބައްދަލުކުރައްވާފައެވެ.

ފީނާގެ ރައީސް ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ޔޫތު މިނިސްޓްރީ

މި ބައްދަލުވުމުގައި ރާއްޖޭގެ ސްވިމިންގެ އިންފްރާސްޓްރަކްޗާއަށް ގެނެވޭނެ ކުރިއެރުންތަކާއި އަދި އެތުލީޓުންނަށް ބޭނުންވާ ޓްރެއިނިންއާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.