ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި ހުރިހާ ދަރިވަރުންގެ ހާލު ވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ޔޫކްރެއިނުގެ ނުރައްކާތެރި ހިސާބުތަކުގައި ތިބި ދަރިވަރުންގެ އަތުގައި ފެނާއި ކާބޯތަކެތި އަދި ފައިސާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުންގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ވެސް ފްރިން މިނިސްޓްރީން ދަނީ ބަލަމުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިންގެ މަޝްރަހު ގޯސްވާތީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމުގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެ މަސައްކަތުގެ ދަށުން ގިނަ ދަރިވަރުން މިހާރު ރާއްޖެގެނެވިފައި ވީ ނަމަވެސް ބޯޑަރު ކައިރީ އޮންނަ ކާކީވްގައި ފަސް ދަރިވަރުން ފުރަން ތައްޔާރުވެ ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ހަނގުރާމަ ފެށި، އެގައުމުގެ ވައިގެ މަގު ބަންދުކޮށްފައިވުމުން އެކުދިން އެހެން ސަރަހައްދުތަކަކަށް ގެންދިއުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.