ރަޝިޔާ އާއި ޔޫކްރެއިންގެ މެދުގައި ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ސަން" އާ މިރޭ ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމުގެ 20 ޕަސަންޓު މީހުންނަކީ ރަޝިޔާ އާއި ޔޫކްރެއިން މީހުންކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭން އެއްވަނައިގައި އުޅެނީ ރަޝިޔާކަމަށް ވުމުން ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ ޓުއަރިޒަމަށް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަޝިޔާއިން 23،347 ފަތުރުވެރިން ރާއްޖެއައިސްފައި ވެއެވެ. މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ވެސް ރަޝިޔާއިންނެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 208،072 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮފައިވާއިރު، ޔޫކްރޭނުން ޖުމްލަ 30،904 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

"ރަޝިޔާގެ ފައިނޭންޝިއަލް ސިޓުއޭޝަނަށް އަންނަ ބަދަލުތަކުން އެމީހުންގެ ކަރަންސީ ވަރަށް ބޮޑުތަން ދަށްވެއްޖެ މިހާރު ވެސް. އެހެންވީމަ ހިތްވަރު ލާފަ އަންނަން ބޭނުންވާ މީހާއަށް ވެސް ވަރަށް އަގު ބޮޑުވާނެ ރާއްޖެ،" އޭނާ ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ތިބި ރަޝިޔާ އަދި ޔޫކްރެއިން ފަތުރުވެރިންގެ ހާލު ފޮރިން މިނިސްޓްރީއާ ގުޅިގެން ގާތުން ބަލަމުން އަންނަކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. އަދި ހާލަތުގެ ސަބަބުން އަނބުރާ އެމީހުނަށް ގައުމަށް ނުދެވިއްޖެނަމަ ރާއްޖޭގައި ގިނަދުވަހު މަޑުކުރެވޭނެފަދަ ޚާއްސަ ޓުއަރިސްޓް ވިސާއެއް އެމީހުނަށް ފޯރުކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ ޗައިނާގެ ބޯޑަރު ހުޅުވާލައި އެ ގައުމުން ފަރުތުވެރިން އަންނަން ފެށުމުން ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުން ފޫބައްދަން ފަސޭހަވާނެކަމަށެވެ. ނަމަވެސް ޗައިނާއިން ބޯޑަރު ހުޅުވާނެ އިރެއް ބުނަން ނޭނގޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އުންމީދު ކުރަނީ މިއަހަރުތެރޭ ޗައިނާ ފަތުރުވެރިން ފެނިގެން ދިއުން،" އޭނާ ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ލިބުނު ގެއްލުމުން އަދިވެސް ބައެއް ރިސޯޓުތަކަށާއި ރަށްތަކަށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ހަނގުރާމައެއް ފެށުން މިނިސްޓަރު ސިފަކުރައްވަނީ 'ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން' ކަހަލަ ކަމެއްގެ ގޮތުގައެވެ.