ނ. މާފަރު ކައުންސިލުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީ މެންބަރު އަދި އެ ކައުންސިލްގެ ރައީސް އަންވަރު އަބްދުލްޣަނީ އެ ޕާޓީ އިން ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ގޮނޑީގެ ބައި-އިލެކްޝަން، އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މާފަރު ކައުންސިލުން ހުސްވެފައިވާ އެ މަގާމަށް މެންބަރަކު އިންތިހާބް ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އަދި އެ ކައުންސިލުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މާފަރު ކައުންސިލުން ހުސްވެފައިވާ އަންވަރުގެ ގޮޑީގެ ބައި-އިލެކްޝަން އިލެކްޝަނުން އިޢުލާންކޮށްފައިވާ އިރު މި މަހުގެ 17 ވަނަ ދުވަހު ވެސް އެކައުންސިލުން ހުސްވެފައިވާ ގޮނޑިއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހަމަޖައްސާފައިފަ އެވެ.

އެ ގޮނޑިއަކީ އެ ކައުންސިލުގެ މެންބަރު ކަމުގައި ކުރިން ހުންނެވި ޑީއާރްޕީ ކައުންސިލަރު މއ. އަބާ، އިބްރާހިމް މަނިކުގެ މައްޗަށް ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވެ، 28 އަހަރާއި ތިން މަސް ދުވަހުގެ މުއްދަތަށް އަރުވާލަން ހުކުމް ކޮށްފައިވާ މީހަކަށްވާތީ އޭނާއަކީ ކައުންސިލަރެއް ކަމަށް ބެލޭނެ ގަނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ހުސްވެފައިވާ މަގާމެކެވެ.