އެއްވަނައަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ އިނާމަކާ އެކު، "އެމްއެސް ޝޯޓް މޫވީ ޗެލެންޖު" ގެ ނަމުގައި މީޑިއާނެޓުން ކުރުފިލްމް މުބާރާތެއް ތައާރަފުކޮށްފިއެވެ.

މި މުބާރާތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިކުރާ ފިލްމު ތަކުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތަކަކީ:

  • 40 މިނެޓަށް ވުރެ ދިގުނުވުން

  • ވީޑިއޯ 1080ޕީ 50އެފްޕީއެސް ގެ ރިޒޮލިއުޝަނުގައި ހުރުން
  • ސިޔާސީ ނުވަތަ ދީނާ ދެކޮޅު ފިލްމަކަށް ނުވުން

ބައިވެރިވާ ފަރާތްތަކުގެ ތެރެން ޖަޖުން އަދި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ލިބޭ ފިލްމަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަށް 30،000 ރުފިޔާ ދިނުމަށް ވަނީ ހަލަޖެހިފައެވެ.

ގަދަ ތިނަކަށް ދާ ފަރާތްތަކަށް މީޑިއާނެޓާ ގުޅިގެން ތަފާތު ފިލްމު، ސީރީޒްގެ އިތުރުން އެކި ބާވަތުގެ ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ގަވާއިދުމި ލިންކުންޑައުންލޯޑު ކުރެވޭނެއެވެ.

މި ފޯމް ފުރިހަމަ ކުރެއްވުމަށްފަހު[email protected]އަށް މެއިލްކުރުމުން މިމުބާރާތުގައި ބައިވެރިވެވޭނެއެވެ. މިކަމުގެ ސުންގަޑިއަކީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 17:00އެވެ.

އަދި އެ މަހުގެ 25ވަނަ ދުވަހުގެ 17:00ގެ ކުރިން ފިލްމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. މި މުބާރާތުގައި ބައިވެރިކުރާ ފިލްމުތައް ބަލާ މިންވަރު އޭޕްރީލް ދެވަނަ ދުވަހުން މެއި ދެ ވަނަ ދުވަހަށް ގުނޭނެއެވެ.

މީޑިއާނެޓުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ޒުވާން ހުނަރުވެރިންނަށް ފުރުސަތު ދޭ ކުންފުންޏެއް ކަމަށެވެ. އަދި، އެ ކުންފުނީގެ އަމާޒަކީ މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި އަމިއްލަ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.