24 Feb 2022, 17:25
ރަޝިއާއިން ވަނީ އެ ގައުމުގެ އަވަށްޓެރި ޔޫކްރޭނަށް އަރައިގަތުމަށް ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ފަށާފައެވެ. ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމާއެކު ރަޝިއާއިން ވަނީ އެކަމާ ދެކޮޅު ހަދަން ފަށާފައެވެ. އަދި ޔޫކްރޭނުން އެފަދަ ކަމެއް ކޮށްގެން ނުވާނެކަމަށް ރަޝިއާއިން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.
ނޮވެމްބަރު 2021:
ސެޓެލައިޓް ފޮޓޯތަކުން ޔޫކްރެއިންގެ ބޯޑަރު ސަރަހައްދުގައި ރަޝިއާ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަން ފެށި. އަދި ލައްކައަކަށްވުރެ ގިނަ އަސްކަރީ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށި.
ޑިސެމްބަރު ހަތެއް، 2021:
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފިނަމަ، ހުޅަނގުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވި.
ޑިސެމްބަރު 17، 2021:
އިރުމަތީ ޔޫރަޕާއި ޔޫކްރޭނުގައި ނޭޓޯގެ މިލިޓަރީ ހުރިހައި ހަރަކާތެއް ހުއްޓައިލުމަށް ރަޝިއާއިން އެދުނު. އަދި ކުރީގެ ސޯވިއެޓް ޔޫނިއަންގެ އެއްވެސް ގައުމަކަށް ނޭޓޯގައި ބައިވެރިނުވެވޭ ގޮތް ހަދައިދިނުމަށް އެދުނު.
ޖެނުއަރީ ތިނެއް، 2022:
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފިނަމަ ވިސްނުންތެރިކަމާއެކު ރައްދުދޭނެކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އަރިހުގައި އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވި. އަދި ރަޝިއާ-ޔޫކްރޭންގެ މަސްލަހަތު ރަނގަޅުކުރުމަށް ޑިޕްލޮމެޓިކް މިންގަނޑެއްގެ ތެރެއިން މަޝްވަރާކުރުމަށް ތައްޔާރުވުމަށް ބައިޑަން އެދިލެއްވި.
ޖެނުއަރީ 10، 2022:
އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން ޖެނީވާގައި މަޝްވަރާކުރުންތަކެއް ފެށި. ނަމަވެސް ރަޝިއާއިން އެދޭ އެދުން ބަލައިނުގަނެވޭނެކަމަށް އެމެރިކާއިން ބުނި.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރައިގަންނަން އުޅޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ 24، 2022:
ނޭޓޯއިން ސިފައިން 'ސްޓޭންޑްބައި' ގައި ބެހެއްޓި. އަދި އިރުމަތީ ޔޫރަޕުގައި ބާރުގަދަކުރަން ފެށި. ޔޫކްރެއިނުގައި ހުރި ހުޅަނގުގެ ބައެއް ގައުމުތަކުގެ އެމްބަސީތައް ބަންދުކުރަން ފެށި. އަދި އެމެރިކާއިން އެ ގައުމުގެ 8،500 ސިފައިން އެލާޓަށް ގެނައި.
ޖެނުއަރީ 26، 2022:
އެމެރިކާއިން ރަޝިއާގެ ޑިމާންޑުތަކަށް ސިޓީއަކުން ޖަވާބުދިން. ނަމަވެސް ނޭޓޯގެ "އޯޕެން - ޑޯ" ޕޮލިސީ (ބޭނުން ބަޔަކަށް ގުޅުމުގެ ފުރުސަތު) އޮންނާނެކަމަށް ބުނި. އަދި ރަޝިއާގެ ކަންބޮޑުވުންތައް އިތުރަށް ދިރާސާ ކުރުމަށް ވާހަކަތައް ދެކެވުނު.
ޖެނުއަރީ 27، 2022:
ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިއާއިން ޔޫކްރޭނަށް އަރައިގަންނާނެކަމުގެ އިންޒާރު ބައިޑަން ދެއްވި. ރަޝިއާގެ ސެކިއުރިޓީ ޑިމާންޑުތައް ސީރިއަސްކޮށް ނަގަންޖެހޭނެކަމަށް ޗައިނާއިން ބުނި.
ޖެނުއަރީ 28، 2022:
ރަޝިއާގެ ޑިމާންޑުތަކަށް އިޖާބަ ނުދޭ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވި. ނަމަވެސް މަޝްވަރާކުރުންތަކާއިގެން ކުރިއަށްދާން ތައްޔާރުކަމަށް ޕޫޓިން ވިދާޅުވި.
ޔޫކްރޭނުގެ އިގުތިސާދަށް ނުރަނގަޅު އަސަރުކޮށްފާނެގޮތަށް ހާސްކަން ނުއުފެއްދުމަށް ޒެލެންސްކީ ހުޅަނގަށް ގޮވައިލެއްވި.
ޖެނުއަރީ 31، 2022:
އދ.ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި ރަޝިއާއާއި ޔޫކްރޭނުން ވާހަކަތައް ފެށި.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފިނަމަ ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ އެބައޮތްކަމަށް އެމެރިކާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީންފިލްޑު ވިދާޅުވި.
ރަޝިއާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ އެންވޯއި ވަސިލީ ނެބެންޒްޔާ ވިދާޅުވީ އެ ގައުމުން ޔޫކްރޭނަށް އަރައިގަތުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް. އަދި ބިރުވެރިކަން އިތުރުކުރަން މަސައްކަތް ނުކުރުމަށް ހުޅަނގަށް ގޮވައިލެއްވި.
"މި މަޝްވަރާކުރުމަކީވެސް ހަނގުރާމަ ފެށިދާނެކަމުގެ ބިރެއް،" ނެބެންޒްޔާ ވިދާޅުވި.
ފެބްރުއަރީ އެކެއް، 2022:
ރަޝިއާއިން ޔޫކްރޭނަށް އަރައިނުގަންނާނެކަމަށް ޕޫޓިން ވިދާޅުވި. އަދި ރަޝިއާގެ ޑިމާންޑުތައް އެމެރިކާއިން ބަލައިނުގަންނަކަމުގެ ޝަކުވާ އޭނާ ކުރެއްވި.
"ރަޝިއާގެ ކަންބޮޑުވުންތަކަށް ސަމާލުކަމެއް ނުދޭކަން ވަރަށް ސާފު،" ޕޫޓިން ވިދާޅުވި.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން -- ފޮޓޯ: އޭއެފްޕީ
ފެބްރުއަރީ ހަޔެއް، 2022:
ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމަށް ބޭނުންވާ ސިފައިންގެ 70 ޕަސެންޓު ތައްޔާރުކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވި.
ފެބްރުއަރީ އަށެއް، 2022:
ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން، ޕޫޓިން އާ ބައްދަލުކުރެއްވި. ނަމަވެސް އެއްވެސް އެއްބަސްވުމަކަށް ނާދެވުނު.
ފެބްރުއަރީ 10، 2022:
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް ބައްދަލުވުމެއް ބޭއްވި. އެ ބައްދަލުވުމުން ފައިދާހުރި، އެއްވެސް ނަތީޖާއެއް ނުނެރެވުނު.
ލަވްރޮވް ވަނީ އެ ބައްދަލުވުމަކީ "ވާހަކަ ނުދެއްކޭ މީހަކާއި އަޑު ނީވޭ މީހަކާ ދެމެދު ދެކުވުނު ވާހަކައެއް"ގެ ގޮތުގައި ސިފަކުރައްވާފައި.
ފެބްރުއަރީ 11، 2022:
ބެއިޖިން ވިންޓާ އޮލިމްޕިކްސް މިމަހުގެ 20ގައި ނިމުމުގެ ކުރިން، ރަޝިއާއިން ޔޫކްރޭނަށް އަރައިގަންނާނެކަމަށް ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވި.
އިތުރު 3000 އެމެރިކާ ސިފައިން ޕޮލެންޑަށް ފޮނުވި. އަދި އެމެރިކާގެ ގާތް ރަހުމަތްތެރިންނަށް އިތުރުތަސައްލީއެއްދިނުމަށް އެމެރިކާއިން މަސައްކަތްކުރަން ފެށި.
ޔޫކްރޭނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް އެ ގައުމުތަކުން ބުނަން ފެށި.
ފެބްރުއަރީ 12، 2022:
ޕޫޓިން އާއި ބައިޑަން ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކުރުންތަކެއް ފެށި. ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފިނަމަ އިންސާނިއްޔަތަށްވެސް ނުރައްކާ ވާނެ ކަމަށް ބައިޑަން ވިދާޅުވި. ނަމަވެސް ޑިޕްލޮމެސީއަށް އެމެރިކާ އަބަދުވެސް ތައްޔާރުކަމަށް ވިދާޅުވި.
ރަޝިއާގެ ޑިމާންޑުތަކަށް ރަނގަޅަށް އިޖާބަ ނުދޭކަމުގެ ޝަކުވާ ޕޫޓިން ކުރެއްވި. އަދި އިރުމަތީ ޔޫރަޕުން ނޭޓޯ ދިއުމަށާއި ޔޫކްރޭނަށް ދުވަހަކުވެސް ނޭޓޯ އާ ނުގުޅޭނެހެން ފިޔަވަޅު އެޅުމަށް އޭނާ އެދިވަޑައިގެންނެވި.
ފެބްރުއަރީ 14، 2022:
ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަވާން ފަށައިފިކަމުގެ އިންޒާރު އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ދެއްވި.
"ރަޝިއާ އަސްކަރިއްޔާ އަންނަނީ ވަރުގަދަވަމުން. އަދި ފުޅާވަމުން. ކޮންމެ ދުވަހެއްގައިވެސް ހަނގުރާމަ ފެށިދާނެ،" އޭނާ ވިދާޅުވި.

ރަޝިއާގެ ރޮކެޓު ލޯންޗު ކުރާ އުޅަނދުތައް. ޔޫކްރޭނަށް ހަމަލާ ދިނުމުގެ ކުރިން ރަޝިއާއިން ވަނީ އަވަށްޓެރި ބެލަރޫސްގައި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންގޮސްފަ -- ފޮޓޯ/ ރަޝިއާ ޑިފެންސް މިނިސްޓްރީ
ފެބްރުއަރީ 15، 2022:
އިތުރު މަޝްވަރާކުރުންތަކަށް ތައްޔާރުކަމަށް ޕޫޓިން ވިދާޅުވި. ނަމަވެސް ހުޅަނގުން ރަޝިއާގެ ޑިމާންޑުތަކަށް އިޖާބަ ދޭން ޖެހޭނެކަމަށް ޕޫޓިން ވިދާޅުވި.
އެ މައްސަލާގައި ހަނގުރާމައަކަށް ނުގޮސް ޑިޕްލޮމެޓިކް އުސޫލުތަކާއެކު މައްސަލައަށް ހައްލެއް ގެނެވޭނެކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޮލްޒް ވިދާޅުވި.
ފެބްރުއަރީ 16، 2022:
ރަޝިއާއިން ޔޫކްރޭނު ބޯޑަރު ކައިރީގައި ތިބި ސިފައިން ދުރަށް ޖައްސަމުންދާ ކަމަށް ބުނި. ނަމަވެސް ރަޝިއާގެ އެ ވާހަކަތައް ނޭޓޯއިން ދޮގުކުރި.
ރަޝިއާގެ އެ ވާހަކައިގެ އަސްލު އެނގޭނީ ހެކި ފެނިގެންކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި.
ފެބްރުއަރީ 17، 2022:
ރަޝިއާއިން ޔޫކްރޭނަށް އަވަސް މުސްތަގުބަލެއްގައި އަރައިގަންނާނެކަމުގެ އިންޒާރު ބައިޑަން އާއި ބްލިންކަން ދެއްވި. ރަޝިއާއިން އުޅެނީ ޔޫކްރޭނަށް އަރައިގަންނާންކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވެސް ވިދާޅުވި.
ފެބްރުއަރީ 18، 2022:
ރަޝިއާއިން ޔޫކްރޭނަށް އަރައިގަންނާކެމުގެ ފުރިހަމަ ޔަގީންކަން މިހާރު އެބައޮތް ކަމަށް ބައިޑަން ވިދާޅުވި. ނަމަވެސް އަދިވެސް ވާހަކަދެއްކުންތަކަށް ފުރުސަތު އެބައޮތްކަމަށް އޭނާ ވިދާޅުވި.
ފެބްރުއަރީ 19، 2022:
ޔޫކްރޭނުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަން މަސައްކަތްކުރާ އެ ގައުމުގެ އިރުމަތީގެ ދެ ސަރަހައްދެއްކަމަށްވާ ޑޮނެޓްސްކް އާއި ލުހަންސްކްގައި، ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ހަރަކާތްތައް އިތުރުކުރި. އެ ދެ ސަރަހައްދުގެ ލީޑަރުންނަކީ ރަޝިއާގެ ވެރިކަމަކަށް ތާއިދު ކުރާ، އެގައުމުގެ މަދަދު ލިބޭ މީހުން.
ރަޝިއާއަށް ތާއިދު ކުރާ ހަނގުރާމަވެރިންނާއި ޔޫކްރޭންގެ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޔޫކްރޭނުގެ ސިފައިންގެ މީހަކު މަރުވި.
ފެބްރުއަރީ 21، 2022:
ޑޮނެޓްސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ރަޝިއާއިން ބަލައިގަތް. މިއާއެކު އެތައް ގައުމެއްގެ ނުރުހުން ރަޝިއާއަށް އަމާޒުވި. އަދި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގިނަ ގައުމުތަކުން ނިންމި.
އެ ދެ ސަރަހައްދަކީ ދެ މިނިވަން ގައުމުގެ ގޮތުގައި ބަލައިގަނެ، ރަޝިއާ ސިފައިން އެ "ގައުމު"ތަކަށް ފޮނުވުމަށް ޕޫޓިން އަމުރުކުރެއްވި.

ޔޫކްރޭންގެ ވެރިރަށް ކިއެވްގައި ގޮވުންތަކުގެ އަޑު ގަދަވެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދުމުން ގިނަ ބަޔަކު ކިއެވް ދޫކޮށް ދާން މަސައްކަތް ކުރަނީ -- ފޮޓޯ/ ގެޓީ
ފެބްރުއަރީ 22، 2022:
އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފެށި. އަދި ހުޅަނގުން ރަޝިއާއަށް ދެމުން އައި ފައިނޭންސިން ހުއްޓާލި.
ރަޝިއާއިން މިނިވަންކަމަށް ބަލައިގަތް ދެ ސަރަހައްދަށް ސިފައިން ފޮނުވުމަކީ ޔޫކްރޭނަށް އަރައިގަތުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގިނަ ބަޔަކު ދެކެން ފެށި.
ފެބްރުއަރީ 23، 2022:
ޔޫކްރޭނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ތާއިދުކުރި. އަދި ޔޫކްރޭނުގައި ހުންނަ ރަޝިއާގެ އެމްބަސީ ހުސްކުރުމުގެ މަސައްކަތް ރަޝިއާއިން ފެށި.
ފެބްރުއަރީ 24، 2022:
ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމަށް ފަތިހުގެ ވަގުތެއްގައި ޕޫޓިން އަމުރުކުރެއްވި. އަދި ޔޫކްރޭންގެ ސިފައިން ހަތިޔާރު ބެހެއްޓުމަށް ޕޫޓިން އެންގެވި.
"ހުރިހައި ހަތިޔާރެއް ބަހައްޓާފައި ގެޔަށް ދޭ. އަހަރެން ތަފްސީލުތައް ދޭނަން. ޔޫކްރޭން ސިފައިންގެ ހުރިހައި އެންމެން އާއިލާތަކަށް އަނބުރާ ދޭ." ޕުޓިން ވިދާޅުވި.
އެހެން ގައުމުތަކުން މިކަމުގެ ތެރެއަށް ވަދެގެންނުވާނެކަމަށް ޕުޓިން ވިދާޅުވި.
"އަހަރެމެން ހުއްޓުވާފައި އިތުރު މައްސަލަތައް ޖައްސައި، އަހަރެމެންގެ ގައުމަށް ނުރައްކާ ކުރިމަތި ކުރުވައިފިނަމަ ބަދަލުގައި ވަރުގަދަ ހަމަލާތަކެއް ދޭނަން. މުޅި ތާރީޚުގައިވެސް ނުފެންނަވަރުގެ ރައްދެއް އަހަރެމެން ދޭނަން. ކޮންމެ ގޮތަކަށް މިކަން ނިމުނަސް އަހަރެމެން ތިބީ ތައްޔާރަށް،" ޕޫޓިން އިންޒާރު ދެއްވި.