ހާއްސަ ޕްރޮމޯޝަނަކާއެކު މަންތާ އެއާއިން އައްޑޫ ދަތުރުތައް މިއަދު ފަށައިފިއެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހާ ހަަމައަށް މަންތާ އެއާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި ދިވެހިންނަށް ޓިކެޓު ވިއްކާނީ، ކޮޅަކަށް 1250 ރުފިޔާއަށެވެ.

އެ ޕްރޮމޯޝަން ނިމުމުން، އަންނަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑުއަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ ފެށޭ އަގަކީ 1،450 ރުފިޔާއެވެ.

މަންތާއިން މީގެ ކުރިން ބުނީ، އައްޑުއަށް ދަތުރުތައް ފެށުމުން ކޮންމެ ދުވަހަކު ވެސް މާލެއާއި އައްޑޫއާ ދެމެދު އެއް ފްލައިޓް ބާއްވާނެ ކަމަށެވެ.

ހޮނިހިރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު މާލެއިން ފުރާނީ 11:20 ގައި ކަމަށާއި ހޮނިހިރު ދުވަހު ފުރާނީ ހެނދުނު 8:55 ގައި ކަމަށް އެ އެއާލައިނުން ބުންޏެވެ.

މީގެ އިތުރުން ގަމުން މާލެއަށް ކުރާ ދަތުރު، ހޮނިހިރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ފަށާނީ 2:45 ގައެވެ. އަދި ހޮނިހިރު ދުވަހު ފުރާނީ 2:15 ގައެވެ.

މީގެ ކުރިން މަންޓާ އެއާއިން ދަތުރު ކުރަމުން ދިޔައީ ކުޑަހުވަދޫއާއި ދަރަވަންދުއަށެވެ.