ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައި، ޔޫކްރޭނުގެ ދިފާއުގައި ހަނގުރާމަކުރުމަށް ތައްޔާރު އާންމުންނަށް ހަތިޔާރު ދޭނެކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިފަދައިން ވިދާޅުވެފައިވަނީ ރަޝިއާއިން ޔޫކްރޭނުގެ އެކި ސިޓީތަކަށް ހަމަލާދޭން ފަށާފައި ވަނިކޮށެވެ.

ޒެލެންސްކީ ވިދާޅުވީ އާންމުންނަށް ހަތިޔާރު ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ޔޫކްރޭނުން ވަނީ އާންމުން ހަތިޔާރު ގެންގުޅުމުގެ ހުއްދަ މިފަހަކުން ދީފައެވެ.

މީގެއިތުރުން ޒެލެންސްކީ ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރިކޮށް، މުޒާހަރާ ކުރުމަށް ރަޝިއާގެ ރައްޔިތުންގެ ކިބައިންވެސް އެދިފައެވެ.

ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައިވާއިރު، ޔޫކްރެއިނުގެ ވެރިރަށް ކިއެވް ދޫކޮށް ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ މަސައްކަތް އެ ގައުމުގެ ރައްޔިތުން ދަނީ ކުރަމުންނެވެ.

ފިންލެންޑުން ވަނީ ޔޫކްރޭނުގެ ރެފިއުޖީން ބަލައިގަތުމަށް ތައްޔާރުކަމަށް ބުނެފައެވެ. އަދި އެގައުމުން ވަނީ ރަޝިއާގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފައިވަނީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދެކެވެން ފެށުމާ އެކީގައެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިރުމަތީ ޔޫކްރޭނުގެ ދެ ސަރަހައްދެއް މިނިވަން ދައުލަތްތަކުގެ ގޮތުގައި ބަލައިގަނެ، އެ ސަރަހައްދުތަކަށް ރަޝިއާ ސިފައިން ފޮނުވާފައެވެ.