24 Feb 2022, 14:02
މޮސްކޯ (24 ޖަނަވަރީ 2022): ރަޝިއާ ޔުކްރޭނަށް ދެމުން ގެންދާ ބާރުގަދަ ހަމަލާތަކުގައި ޔުކްރޭންގެ އެތައް ސަތޭކަ ބަޔަކު މަރުވެ ޔުކްރޭންގެ އަސްކަރީ އިންފްރާސްޓްރަކްޗާ ގެ ބޮޑުބައެއް ހަލާކުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޔުކްރޭންގެ މަސްއޫލުވެރިންނާ ހަވާލާދީ އެމެރިކާގެ ވޯލްސްޓްރީޓް ޖޯނަލް ބުނާގޮތުން ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭންގެ އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ބަޔަކުވަނީ ޒަޚަމްވެފައެވެ. މަރުވިމީހުންނާއި ޒަޚަމްވި މީހުންގެ އަދަދުތައް ސާފުނުވާކަމަށްވެސް ވޯލްސްޓްރީޓް ޖޯނަލް ބުނެއެވެ.
މިއަދު ހެނދުނު ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮންބާސް ޕްރޮވިންސްގައި ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއް ފެށިކަން އިއުލާން ކުރައްވާފައެވެ. މި އޮޕަރޭޝަން ފެށީ މިނިވަންކަން އިއުލާންކޮށްފައިވާ ޔުކްރޭންގެ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ދެ ސަރަހައްދު ކަމަށްވާ ލޮހާންސްކް އާއި ޑޮނެސްކް އަކީ މިނިވަން ދެދައުލަތް ކަމަށް މީގެ ދެދުވަސްކުރިން ރަޝިއާ ބަލައިގަތުމަށްފަހުގައެވެ. މިދެ ސަރަހައްދު އޮންނަނީ ޑޮންބާސް ޕްރޮވިންސްގައެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ލޮހާންސްކް އާއި ޑޮނެސްކް އަށް ރަޝިއާ ސިފައިން ފޮނުވައި އަސްކަރީ އޮޕަރޭޝަން ފެށީ އެދެސަރަހައްދުގެ ސަރުކާރުން އެކަމަށް އެދިގެންނެވެ. ބޭނުމަކީ އެދެ ސަރަހައްދުގައި ތިބި ޔުކްރޭން ސިފައިން ބޭރުކޮށްލުމެވެ. ލޮހާންސްކް އާއި ޑޮނެސްކް ގައި ރަޝިއާ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަން އަމާޒުކޮށްފައިވަނީ އެސަރަހައްދުން ޔުކްރޭންގެ ސިފައިން ބޭރުކޮށްލުމަށް ކަމަށްވިޔަސް ރަޝިއާ ސިފައިން ގެންދަނީ ޔުކްރޭންގެ އެހެން ސަރަހައްދުތަކުގެ އެއާޕޯޓްތަކަށާއި އަސްކަރީ ބޭސްތައްފަދަ އަސްކަރީ އިންފްރާސްޓްރަކްޗާ ތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ރަޝިއާގެ މަގްސަދަކީ ނޭޓޯގެ ސިފައިންނާއި ހަތިޔާރު ވައިގެ މަގުން ޔުކްރޭނަށް ފޮނުވުމުގެ ދޮރު ބަންދުކުރުމެވެ. އަދި ޔުކްރޭންގެ އަސްކަރީ ބާރު ކަނޑުވާލުމެވެ. ރަޝިޔާގެ ރައީސް ވްލަޑިމިރު ޕޫޓިންވަނީ ރަޝިއާއިން ޔޫކްރޭންގައި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ތެރެއަށް ނުވަނުމަށް ނޭޓޯގެ ގައުމުތަކަށާއި އެމެރިކާއަށް އިންޒާރު ކުރައްވާފައެއެ.

ނޭޓޯއަށާއި އެމެރިކާއަށް އިންޒާރު ދެއްވަމުން ޕޫޓިން ވިދާޅުވީ ރަޝިއާއިން ޔުކްރޭންގައި ހިންގާ އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ތެދުވާ ކޮންމެ ފަރާތަކަށް ރަޝިޔާގެ ހަރުކަށި ރައްދު އަންނާނެކަމާއި މަގްސަދު ހާސިލް ނުވަނީސް ރަޝިއާ އަސްކަރީ އޮޕަރޭޝަން ނުހުއްޓާނެ ކަމުގައެވެ.
މީގެ އިތުރުން ރަޝިއާއާ ކުރިމަތިލައިފިނަމަ އެމެރިކާއާއި ޔޫރަޕްގެ ތާރީޚުގައިވެސް ތަޖުރިބާ ކޮށްފައިނުވާ ފަދަ ހިތި ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރުވެސް ޕޫޓިން ދެއްވިއެވެ. ޕޫޓިންގެ ބޭނުމަކީ އެމެރިކާ އާއި ނޭޓޯ ސައިޒްކޮށްލުމެވެ. ޔުކްރޭން ޓޫލެއްގެ ގޮތުގައި ބޭނުންކޮށްގެން ރަޝިއާގެ ބަނޑުދަށަށް ނޭޓޯގެ ބާރުތައް އައުމުގެ ފުރުސަތު ނުދިނުމެވެ. އަދި ނޭޓޯ ރަޝިއާއާ ގާތްނުވާނެކަމުގެ ގެރެންޓީ ހޯދުމެވެ. މިކަމަށް އެއްބަސްވާން އެމެރިކާއާއި ނޭޓޯއަށް މަޖްބޫރު ކުރުވުމެވެ. އަދި ރަޝިއާ އެދޭ މިކަންކަން ފުރިހަމަ ކޮށްދިނުމަށްޓަކައި ސުލްހައިގެ މޭޒުދޮށަށްދާން އެމެރިކާއަށާއި ނޭޓޯގެ ގައުމުތަކަށް މަޖްބޫރު ކުރުވުމެވެ.
ޔުކްރޭންގެ ރައްދު ހަމަލާތަކުގައި ރަޝިއާގެ ދެ ހެލިކޮޕްޓަރާއި ތިން ފައިޓާޖެޓް ވައްޓާލިކަމަށް ޔުކްރޭން ބުނެފައިވެއެވެ.