ފުލުހުންގެ ގާނޫނާއި އެހެނިހެން ގޮތްގޮތުން ކިތަންމެ ބޮޑު އިހުތިޔާރެއް ފުލުހުންނަށް ލިބިފައިވީ ނަމަވެސް އެ އިހުތިޔާރުގެ ބޭނުންހިފަން ވާނީ ހާލަތާއި ހާދިސާ އަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ފުލުހުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 20 ވަނަ ބުރު ނިންމުން ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ އިހުތިޔާރުގެ ބޭނުންކޮށް، ފިޔަވަޅު އަޅަން ޖެހޭ ކޮންމެ ވަގުތަކު ވެސް އެ ހާލަތަކަށް ބޭނުން ކުރެވޭނެ އެންމެ ދަށް ބާރެއް ބޭނުން ކުރުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ހާއްސަކޮށް ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ހިދުމަތްދޭން ތިބޭ ބަޔަކަށްވާ އިރު އެކަން ފުލުހުން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

"ފުލުހުންނާ ދިމާއަށް އެކިކަހަލަ އެއްޗެތިކިޔައި ދިމާކޮށް ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ހަމަލާދިނުން އާއްމުވި ނަމަވެސް ފުލުހުން ހިދުމަތްކުރަން ވާނީ ކެތްތެރިކަން އިސްކޮށްގެން. ކިތަންމެ ޗެލެންޖުތަކެއް ހުރި ނަމަވެސް މިއީ ގައުމީ ހިދުމަތެއް ކަމަށް ދެކިގެން ގައުމަށް ވަފާތެރިކަމާ އެކު ހިދުމްތްދިނުމުގައި ސާބިތުކަމާ އެކު ދެމިތިބެންޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ފުލުހުންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރި 123 ފުލުހަކަށް ވަނީ ކޯސް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓްދީފަ އެވެ. އަދި އެ ކޯހުގެ އެންމެ މޮޅު ފުލުހެއްގެ ގޮތުގައި ހޮވިފައި ވަނީ ޕޮލިސް ސާޖަންޓް އަހުމަދު ސައީދެވެ.

ފުލުހުންގެ އަސާސީ ކޯހުގެ އެންމެ މޮޅު ފުލުހަކަށް ކޮމިޝަނަރު އޮފް ޕޮލިސްގެ އެވޯޑް ދިނުމަށް ހަމަޖެހިފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް ރޭ ވަނީ އިއުލާން ކޮށްދެއްވާފަ އެވެ.