މާޗު ދެވަނަ ދުވަހުން ފެށިގެން އެމްޓީސީސީން, މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސިދާ ބަސް ދަތުރުގެ ޚިދުމަތް ފަށާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސީދާ ދަތުރުތައް ފެށޭނެކަމަށެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ ޓްރެފިކް މާބޮޑަށް ގޯސްނުވާނަމަ ކޮންމެ ދުވަހަކު ވެސް ގަޑިއިރަކު އެއް ދަތުރު އޮންނާނެކަމަށެވެ. އަދި އުންމީދަކީ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރެއް ބޭއްވުންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ބަސްތައް އޮންނާނީ ޓްރެފިކް މާ ގޯސް ނޫނިއްޔާމު ކޮންމެ އެއް ގަޑި އިރަކުން އަދި ޖުލައި ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް އޮންނާނެ،" އާޒިމް ވިދާޅުވިއެވެ.

މިވަގުތު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަހުގައި ދިއުމަށް ފުރަތަމަ ދާންޖެހެނީ ފުރަތަމަ ފިޔަވައްސަށެވެ. ދެން ޖެހެނީ އެތަނުން ދެވަނަ ފިޔަވައްސަށް ދާނެ ބަހެއް ހޯދާށެވެ. އެ ދެ ދަތުރަށް ޖުމްލަ 15 ރުފިޔާ ޚަރަދުވެއެވެ.

ދެވަަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ނުދެވި އޮތީ ބަހުގެ ދަތިކަން ދިމާވެފައިވާތީ ކަމަށް އާޒިމް މީގެކުރިން ވިދާޅުވިއެވެ. ބަސްތައް ލިބުނުހާ އަވަހަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަަށް ސިދާ ބަސް ދަތުރުތައް ފެށޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭރު އާޒިމް ލަފާކުރެއްވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެވަނަ ފިޔަވައްސަށް ސިދާ ދަތުރުތައް ފެށޭނެ ކަމަށެވެ.

މިހާރުވެސް ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު މާލެއާއި ދެވަނަ ފިޔަވައްސާ ދެމެދު ސީދާ ބަހުގެ ޚިދުމަތް ފެށިފައި ނެތުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.