24 Feb 2022, 11:43
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޑްސް ބަލިކުރިއިރު، ޓޮޓެންހަމް ބާންލޭއަތުން 0-1 އިން ބަލިވެއްޖެއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ވެސް ލިވަޕޫލުން ދިޔައީ ލީޑްސްގެ ގޯލަށް ނުރައްކާ ހަމަލާތަކެއް ފޮނުވަމުންނެވެ. އެގޮތުން ރޭގެ މެޗުގައި ލިވަޕޫލުން ލީޑްސްގެ ގޯލަށް އަމާޒުކޮށް 15 ހަމަލާއެއް އުފެއްދިއުރު ލީޑްސްއަށް އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ލިވަޕޫލްގެ އެންޑްރޫ ރޮބާޓްސަން އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ލީޑްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ސްޓުއާޓް ޑަލަސްގެ އަތުގައި ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީ ލިވަޕޫލްގެ މުހައްމަދު ސަލާހް ކާމިޔާބުކޮށް މެޗުގެ ފުރަތަމަ ލީޑު ނެގިއެވެ.
މެޗުގެ ދެވަނަ ގޯލަކީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯ މެޓީޕް މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ހިއްގައިމު ގޯލެކެވެ. އެ ގޯލު ޖެހިތާ ފަސް މިނެޓު ފަހުން ސަލާހް މެޗުގެ ތިން ވަނަ ގޯލު ވަނީ ޖަހާފައެވެ. އެ ގޯލަކީ ލީޑްސްގެ އޭރިއާ ތެރެއިން ސާޑިއޯ މާނޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
އެ ނަތިޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓުގައި މާނޭ ވަނީ ލިވަޕޫލްގެ ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަތަރު ވަނަ ގޯލުޖަހައިފައެވެ.
މެޗުގެ 90 ވަނަ މިނެޓުގައި މާނޭ އޭނާގެ ދެވަނަ ގޯލު އަދި މެޗުގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ރޮބާޓްސަން ތަނަވަސްކޮށްދިން ފުރުސަތުގައި ވާޖިލް ވެންޑައިކް ވަނީ ހަ ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
އެ ނަތީޖާއާއެކު ލިވަޕޫލް އޮތީ ތާވަލްގެ ދެވަނައިގައި 60 ޕޮއިންޓާއެކުގައެވެ. އަދި ލީޑްސް އޮތީ 15 ވަނައިގައެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބަންލޭ އަތުން ޓޮޓެންހަމް ވަނީ ބަލިވެފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ބާންލީގެ ބެން މީ ޖެހި ގޯލުން އެ ޓީމު މޮޅުވިއިރު ޓޮޓެންހަމްއަށްމާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ޓޮޓެންހަމް ރޭގެ މެޗުން ބަލިވުމާއެކު އެ ޓީމު ވަނީ ތާވަލްގެ އަށް ވަނައަށް ވެއްޓިފައެވެ. އަދި މެޗުން މޮޅުވި ބާންލީ އޮތީ ރެލިގޭޝަން ޒޯންގައި ތާވަލެގެ 18 ވަނައިގައެވެ.