ޔޫކްރެއިންގެ ޚަރްވިކްގައި މިހާރު ތިބި ދިވެހި ފަސް ދަރިވަރުންގެ ހާލަތު ވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޔޫކްރޭންގެ ވެރިރަށް ކިއެވްއާއި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކިވް އާއި އެ ގައުމުގެ އެހެން ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޚަރްވިކްގައި މިވަގުތު ތިބީ ފަސް ދަރިވަރުން ކަމަށާއި އެ ސިޓީގައި ތިބި އެހެން ކުދިން މިހާރު އެނބުރި އައިސްފައިވާ ކަމަށެެވެ.

ފޮރިން މިނިސްޓްރީއާ ޖަރުމަނުގެ ބާލިންގައި ހުންނަ ދިވަހިރާއްޖޭގެ އެމްބަސީން ދަނީ ޔޫކްރެއިންގައި ތިބި ކިޔަވާ ކުދިންގެ ހާލަތު ވަރަށް ގާތުން ބަލައި، ކަންކުރަންވީ ގޮތްތައް ކިޔައިދެމުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޔޫކްރޭންގައި ދިވެހި 35 ކިޔަވާ ކުދިން ތިބިއިރު އޭގެތެރެއިން 25 ދަރިވަރަކު އިއްޔެ ވަނީ ރާއްޖެ އަންނަން ފުރައިފައެވެ.

މީގެ އިތުރުން އިތުރު 14 ދަރިވަރަކު ޔޫކްރެއިންގެ އުތުރުގެ ހިސާބެއް ކަމަށްވާ އިވާނޯ ފްރޭންކިވްސްގައި ތިބިއިރު، އެހެން ސަރަހައްދެއްގައި އިތުރު ދަރިވަރަކު ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި 15 ދަރިވަރުންގެ ހާލަތު ވެސް ގާތުން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫކްރޭންގައި ތިބި ކިޔަވާ ކުދިންގެ ތެރެއިން އެއް ދަރިވަރަކު މިހާރު ރާއްޖެ އައިސްފައިވާއިރު، މިދިޔަ ހުކުރު ދުވަހުވެސް ހަތަރު ދަރިވަރަކު އެ ގައުމު ދޫކޮށް ގޮސްފައިވެއެވެ.

ރަޝިއާއިން ހަނގުރާ ފަށަނީ

ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮންބާސް ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މިއަދު އަމުރުކުރައްވައިފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޕޫޓިން ވިދާޅުވީ ރަޝިއާއިން އިރުމަތީ ޔޫކްރޭނަށް ސިފައިން ފޮނުވަނީ އެ ސަރަހައްދުގެ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކަމަށެވެ. އަދި ޔޫކްރޭން ހިފުމުގެ ވިސްނުމެއް ރަޝިއާއިން ނުގެންގުޅޭ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން އެ ތަގުރީރު ދެއްވި އިރު، ކިއެވްއާއި ޚަރްކިވް އާއި އެ ގައުމުގެ އެހެން ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ރަޝިއާއިން ވަނީ، ޑޮންބަސްގައި އޮންނަ، އެގައުމުން ވަކިވެ ގަތުމަށް މަސައްކަތްކުރާ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ބަލައިގަނެފައެވެ.

ރަޝިއާ އާއި ޔޫކްރޭނުގެ މައްސަލަ ހޫނުވީ ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އާ ގުޅެން މަސައްކަތް ކުރުމުންނެވެ.

ރަޝިއާއިން ބުނާ ގޮތުގައި ޔޫކްރޭނުން ނޭޓޯއާ ގުޅިއްޖެ ނަމަ ނޭޓޯގެ ސިފައިން، ރަޝިއާ އާއި ޔޫކްރޭން ގުޅޭ ބޯޑަރު ކައިރީގައި ރުކުރުވާލާނެއެވެ. އަދި އެއީ ރަޝިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް އެގައުމުން ތުހުމަތު ކުރެއެވެ.