ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސް މީހާގެ ދެ ކޮއްކޮގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން ބުނެފި އެވެ.

ލާންސް ކޯޕްރަލް އިސްމާއިލް ޝަފީގު (އިއްސެ) އަށް ހަމަލާ ދިނުމަށް ފަހު އޭނާގެ ދެ ކޮއްކޮ އަށް ވަނީ ވަޅިން ހަމަލާދީފަ އެވެ. ވަޅިން ހަމަލާދީފައި ވަނީ އިއްސެގެ އެއްބަފާ ދެ ކޮއްކޮ، އެ ރަށު ދިލްބަހާރުގޭ އަހުސަން އަބްދުﷲ 24، އާއި އަހުމަދު އަފުސަލް 19، އަށެވެ.

އެ ދެ މީހުންގެ ތެރެއިން އަހުސަންގެ ބަނޑަށް ވަޅިހެރި އިރު އަފްސަލްގެ ބޮލަށް ވަނީ ވަޅިހަރައިފަ އެވެ.

އެ މީހުންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ދެބެންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ބޮލަށް ވަޅި ހެރި އަފްސަލް އަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަނޑަށް ވަޅި ހެރި އަހުސަން އަދި ވެސް އޮތީ ތިނަދޫ ހޮސްޕިޓަލްގަ އެވެ.

އެ ދެބެންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އަހުސަންގެ ބަނޑުގެ ވަރަށް ބޮޑު އޮޕަރޭޝަނެއްކޮށްފައިވާ ކަމަށާއި އެއްވެސް ގޮތަކަށް ބުރަ މަސައްކަތް ނުކުރުމަށް އަހުސަނަށް ޑޮކްޓަރު އަންގާފައިވާ ކަމަށެވެ.

"އަފްސަލް މިހާރު ވަނީ ފަރުވާދިނުމަށް ފަހު ގެއަށް ބަދަލުކޮށްފައި. އަހުސަނު އަށް އަދި ވެސް ދަނީ ފަރުވާދެމުން. މިހާރު އެހާ ސީރިއަސް އެއް ނޫން. އަހުސަންގެ ބަނޑުގެ ބޮޑު އޮޕޮރޭޝަނެއް ވަނީ ކޮށްފައި. އަހުސަން ދެން އެއްވެސް ބުރަ މަސައްކަތެއް ނުކުރުމަށް ޑޮކްޓްރު ވަނީ އަންގާފައި،" އެމީހާ ބުންޏެވެ.

އެ ދެ މީހުންގެ ގަޔަށް ވަޅި ހަރައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ ރަށު ނޫރުއްސަބާހު، އަހުމަދު ނާދީ ސަލީމް،21 އާއި އެ ރަށު އެދުރުގޭ ނިޔާމު މުހައްމަދު،25 އެވެ. އެމީހުން މިހާރު ތިބީ ކޯޓުއަމުރާ އެކު ފުލުހުންގެ ބަންދުގަ އެވެ. އެ ދެ މީހުންގެ އިތުރުން އެ ރަށު ކެނެރީގޭ، އަލީމުއްދީން،34 ވެސް ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ.

ޕޮލިސް އޮފިސަރާއި އޭނާގެ ދެ ކޮއްކޮ އަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު އެ މައްސަލައިގައި ހިމެނޭ އަލީމުއްދީނުގެ ގެއިން ވަނީ ހަމަލާދިން ކަމަށް ފުލުހުން ތުހުމަތުކާ ވަޅި ފުލުހުން ހޯދައިފަ އެވެ.
ގެމަނަފުށީގައި އެ ހަމަލަ ދިނީ ނާދީ ސަލީމް ބާރު ސްޕީޑްގައި ސައިކަލް ދުއްވާތީ މީހުންޝަކުވާ ކުރުމުން ލާންސް ކޯޕްރަލް އިސްމާއިލް އޭނާ ހުއްޓުވުމުން އެކަމުގެ ހިއްހަމަނުޖެހުމުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިމުނުހާ އަވަހަކަށް އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.