24 Feb 2022, 10:09
ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮންބާސް ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަމުރުކުރައްވައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޕޫޓިން ވިދާޅުވީ ރަޝިއާއިން އިރުމަތީ ޔޫކްރޭނަށް ސިފައިން ފޮނުވަނީ އެ ސަރަހައްދުގެ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކަމަށެވެ. އަދި ޔޫކްރޭން ހިސާރު ކުރުމުގެ ވިސްނުމެއް ރަޝިއާއިން ނުގެންގުޅޭ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.
ޕޫޓިން އެ ތަގުރީރު ދެއްވި އިރު، ޔޫކްރޭންގެ ވެރިރަށް ކިއެވްއާއި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކިވް އާއި އެ ގައުމުގެ އެހެން ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ ކުރިން ރަޝިއާއިން ވަނީ، ޑޮންބަސްގައި އޮންނަ، އެގައުމުން ވަކިވެ ގަތުމަށް މަސައްކަތްކުރާ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ބަލައިގަނެފައެވެ.
ރަޝިއާ އާއި ޔޫކްރޭނުގެ މައްސަލަ ހޫނުވީ ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އާ ގުޅެން މަސައްކަތް ކުރުމުންނެވެ.
ރަޝިއާއިން ބުނާ ގޮތުގައި ޔޫކްރޭން، ނޭޓޯއާ ގުޅިއްޖެ ނަމަ ނޭޓޯގެ ސިފައިން، ރަޝިއާ އާއި ޔޫކްރޭން ގުޅޭ ބޯޑަރު ކައިރީގައި ރުކުރުވާލާނެއެވެ. އަދި އެއީ ރަޝިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް އެގައުމުން ތުހުމަތު ކުރެއެވެ.
ޔޫކްރޭންގައި ދިވެހި 35 ކިޔަވާ ކުދިން ތިބިއިރު އޭގެތެރެއިން 25 ދަރިވަރަކު އިއްޔެ ވަނީ ރާއްޖެ އަންނަން ފުރައިފައެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ, ޔޫކްރޭންގައި ތިބި ކިޔަވާ ކުދިންގެ ތެރެއިން އެއް ދަރިވަރަކު މިހާރު ވަނީ ރާއްޖެ އައިސްފައި ކަމަށާއި އަދި މިދިޔަ ހުކުރު ދުވަހުވެސް ހަތަރު ދަރިވަރަކު އެ ގައުމު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ބާކީ ފަސް ދަރިވަރުން އަދިވެސް ޔޫކްރޭންގައި ތިބިއިރު އެ ކުދިން ތިބީ ޚަރްވިކްގައެވެ.
އެ ފަސް ކުދިން ވެސް ރާއްޖެ އަންނަން ތައްޔާރުވަމުންދާ ކަމަށް އިއްޔެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.