24 Feb 2022, 13:53
ރަމަޟާން މަހަށް ޚާއްސަކޮށް، ސަން މީޑިއާ ގުރޫޕުން އިންތިޒާމްކޮށްގެން، ސަން އޮންލައިންގެ ޕްލެޓްފޯމްތަކުގައި ގެނެސްދޭ ކުރުވާހަކަ މުބާރާތުގެ ޤަވައިދު އާންމުކޮށްފިއެވެ.
ދިވެހި އަދަބިއްޔާތަށާއި، ދިވެހިބަހުން ކުރުވާހަކަ ލިޔުމުގެ ރޮނގުން މީހުން ޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ސަން މީޑިއާ ގުރޫޕުން އިންތިޒާމް ކުރާ މި ކުރުވާހަކަ ލިޔުމުގެ މުބާރާތަކީ، ކުޅަދާނަ ވާހަކަ ލިޔުންތެރީން އުފެއްދުމާއި ދިވެހިބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު ކުރުވާހަކަތަކެއް ދިވެހި މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ އެެއް ވަނަ ދުވަހަށް 13 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މި މުބާރަތަށް އަތުން ލިޔެގެން ވެސް އަދި ކޮމްޕިއުޓަރުން ޓައިޕްކޮށްގެން ވެސް ވާހަކަ ހުށަހެޅޭނެއެވެ. ވާހަކަ ހުށަހެޅުމުގައި އަމަލު ކުރަންވީ އުސޫލު، ކުރުވާހަކަ މުބާރާތުގެ ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޤަވައިދުގައިވާ ގޮތުން މި މުބާރާތަށް ހުށަހެޅޭނީ 1500 ލަފުޒަށް ވުރެ އިތުރުނުވާ ވާހަކަތަކެވެ. ފުރަތަމަ ސޮފުހާގެ މަތީގައި ވާހަކައިގެ ނަން ޖަހަން ޖެހޭއިރު، އެ ސޮފުހާގައި ވާހަކަ ހުށަހަޅާ މީހާގެ ނަމާއި އައިޑީކާޑުގެ އިތުރުން ފޯނު ނަންބަރު ޖަހައިފައި އޮންނަން ވާނެއެވެ. އަދި އެހެނިހެން ސޮފުހާތަކުގެ ފޫޓަރުގައި ވެސް ވާހަކައިގެ ނަމާއި ހުށަހަޅާ މީހާގެ އައިޑީ ކާޑު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ.
މުބާރާތަށް ވާހަކަ ހުށަހަޅަން ޖެހޭނީ ޕީޑީއެފް ފޯމެޓުގައި، ސަން މީޑިއާ ގުރޫޕަށްމެއިލްކޮށްގެންނެވެ. ވާހަކަ މެއިލްކުރުމުގެ ސުންގަޑިއަކީ މާޗު 20، 2022 ގެ މެންދުރުފަހު 15:00 އެވެ.
ސަންމީޑިއާ ގުރޫޕުގެ ކުރުވާހަކަ މުބާރާތުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއް ވަނަ ލިބޭ ވާހަކައަކަށް 8،000 ރުފިޔާގެ ފައިސާގެ އިނާމެއް ހަމަޖައްސައިފައިވާއިރު، ދެވަނަ އަށް ހޮވޭ ވާހަކައަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ތިން ވަނައަށް ހޮވޭ ވާހަކައަކަށް 3،000 ރުފިޔާ ލިބޭނެއެވެ.
މި މުބާރަތަށް ދިހަ ވާހަކައަށް ވުރެ މަދުން ވާހަކަ ހުށަހަޅައިފިނަމަ މުބާރާތް ބާތިލް ކުރުމަށް ވަނީ ނިންމައިފައެވެ. މުބާރަތަށް ހުށަހެޅޭ ހުރިހާ ވާހަކައެއް ވެސް ސަން މީޑިއާ ގުރޫޕުގެ ސަފުހާގައި ޝާއިއު ކުރެވޭނެއެވެ.