24 Feb 2022, 11:26
ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި ރޭ އެތުލެޓިކޯ މެޑްރިޑާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.
މެޗުގައި އެތުލެޓިކޯއިން ލަނޑުޖަހައި ލީޑު ނަގާފައިވަނިކޮށް ޔުނައިޓެޑުން ފަހަތުން އަރައި އެއް ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.
މެޗު ފަށައިގެންވެސް އެތުލެޓިކޯއިން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މެޗުގެ ދެ ވަނަ މިނެޓުގައި ޔުނައިޓެޑްގެ އޭރިޔާ ތެރޭގައިހުރެ ޖޯސް ގިމިނޭޒް ފޮނުވާލަސް މަސައްކަތްކުރި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރަކު ބްލޮކް ކުރިއެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ޖާއޯ ފެލިކްސްއެވެ. އޭރިޔާ ބޭރުން ރެނަން ލޮޑީ ނަގައިދިން ބޯޅައެއް އޭނާ ވަނީ ބޮލުން ފޮނުވާލުމުން، ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
ލަނޑަށްފަހު ވެސް އެތުލެޓީކޯއިން ވަނީ އިތުރު ލަނޑެެއް ޖަހަން ހަމަލާތަކެއް އުފައްދާފައެވެ. ޔުނައިޓެޑުން ވެސް ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް އެ ޓީމަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވެއެވެ.
ފުރަތަމަ ހަފު ނިމުނީ 1-0 އިން އެތުލެޓިކޯ ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް އެތުލެޓިކޯއިން ވަނީ ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފައްދާފައެވެ.
ޔުނައިޓެޑުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ 80 ވަނަ މިނެޓުގައެވެ. ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އެންޓޮނީ އެލަންގާއެވެ. އެތުލެޓިކޯގެ އޭރިޔާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ އަދު މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
މިމެޗު 1-1 އިން އެއްވަރުވީއިރު، މި ދެ ޓީމު ބައްދަލުކުރާ ދެ ވަނަ ލެގު އޮންނާނީ ޔުނައިޓެޑްގެ ދަނޑުގައެވެ.
ރޭގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ބެނެފިޝިއާ އަދި އަޖެކްސް އެވެ. މި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 2-2 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަޖެކްސް އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑުޖަހައިދިނީ ޑުސަން ޓަޑިކްއެވެ. އޭގެ އަށް މިނެޓުފަހުން ބެނެފިޝިއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އަޖެކްސްގެ ސެބެސްޓީއޭން ހައްލާ ބައިކޮޅަށް ޖެހި ލަނޑަކުންނެވެ.
އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އަޖެކްސްއަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމުނީ 2-1 އިން އަޖެކްސް އިން ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބެނެފިޝިއާ އަދި އަޖެކްސް ބައްދަލުކުރި މެޗުގެ ތެރެއިން
ބެނެފިޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޯމަން ޔަރަމްޗުކްއެވެ. ބެނެފިޝިއާގެ ދަނޑުގައި މި ދެ ޓީމު އެއްވަރުވީއިރު، ދެ ވަނަ ލެގު ކުޅޭނީ އަޖެކްސްގެ ދަނޑުގައެވެ.