އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރެވޭނަމަ، ދައުލަތް ފެއިލް ވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ވެސް ތަހުގީގު ކުރެވިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓަރުން ހޯދުމަށް އެ މަނިކުފާނު ވަރަށް ބޮޑަށް އެދިފައިވާނެ ކަމަށެވެ.

"އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓާސް ކޮންޓްރެކްޓު ކުރުމަށް އަޅުގަނޑު ވަރަށް އެދުނިން. ދެން ވެސް މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލް ވާނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ޓްވީޓު ކުރައްވައިފައިވަނީ މުދަލާ ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާނުގައި ދެއްވަވައިފައިވަނިކޮށެވެ.

ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް ޞާލިޙު އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018 ގައެވެ.

އެހެންނަމަވެސް އެ ކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ބުނެ، ކޮމިޝަނަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާއެކު ކޮމިޝަން އުވާލާނެ ކަމުގެ ވާހަކަތަކެއް ދެކެވިގެން ދިޔައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވީ އޭސީސީއަށް އާ މެންބަރުން އައްޔަން ކުރުމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދައިފައިވާ ހޯދުންތައް އެ ކޮމިޝަނަށް ފޮނުވާނެ ކަމަށެވެ. އަދި އެއަށް ފަހު އެ ތަހުގީގު މަސައްކަތް ކުރާނީ އެ ކޮމިޝަނުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭސީސީއަށް އާ މެންބަރުން އައްޔަން ކުރުމަށް ރައީސް އޮފީހުން ވަނީ އިއްޔެ ނަންތައް މަޖިލީހަށް ފޮނުވައިފައެވެ.