ކްލަބު ވެލެންސިއާ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ކާމިޔާބު އެއް ކުލަބެވެ. އެންމެ ގިނަ ސަޕޯޓަރުން ތިބި އެއް ކުލަބުވެސްމެ އެވެ. މިހެންވެ ކުޅިވަރުގެ މައިދާނުގައި ހާއްސަކޮށް ފުޓްބޯޅަ މާހައުލުގައި ވެލެންސިއާ އަކީ ނުފޫޒުގަދަ ކުލަބެކެވެ. ނަމަވެސް ކުލަބު ޖަމިއްޔާތައް ގާނޫނާ ގަވާއިދާ އެއްގޮތަށް އިންތިހާބުކޮށްގެން ހިންގަން ސަރުކާރުން މަޖުބޫރުކުރި ފަހުން އެކަމާ އެންމެ ބީރައްޓެހިކޮށް އުޅޭ ކުލަބަކީ ވެލެންސިއާ އެވެ. މިކަމުގެ ފަހަތުގައިވާ ސަބަބުތަކަކީ ޝައުގުވެރިކުރުވަނިވި ކަންތައްތަކެކެވެ.

އިންތިހާބު ބޭއްވީ ކީހިނެތް؟

ވެލެންސިއާގެ އިންތިހާބު ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެފްއޭއެމް ހައުސްގަ އެވެ. އެ ބައްދަލުވުމަށް މީޑިޔާ ދައުވަތެއް ނުދެ އެވެ. ބައްދަލުވުން ބާއްވާނެކަން އިއުލާނު ކުރިކަމަށް ވެލެންސިއާގެ ބޯޑު މެމްބަރު އަދި ޖެނެރަލް ސެކްރެޓަރީ އަހުމަދު (ދޮނާ) ވިދާޅުވެ އެވެ. އެއީ މިއަދު ނޫސް މެދުވެރިކޮށެވެ. އެކަމަކު ސުވާލަކީ މިހާ ޑިމޮކްރެޓިކް ދުވަސްވަރެއްގައި ޓީވީ އާއި ރޭޑިއޯ އަދި ގަވާއިދުން މީހުން ބަލާހަދާ އޮންލައިން ނޫސްތަކާއި ސަރުކާރުގެ ގެޒެޓް ވެސް އޮއްވައި އާއްމުކޮށް މީހުން އެހާބޮޑަށް ބަލާ ނުހަދާ ނޫހެއްގައި އިއުލާނުކުރީ ކީއްވެތޯ އެވެ؟ ގިނަ ފަހަރަށް މިކަހަލަ ކަންތައްތައްކުރަނީ "އޮޅުވާލުމުގެ" ބޭނުމުގަ އެވެ. ވަކި މަގުސަދެއް ހާސިލްކުރަން ފަސޭހަ ކުރުމަށްޓަކަ އެވެ.

ވެލެންސިއާގެ ހިންގާ ބޯޑަށް 19 މެމްބަރުން ހޮވިއިރު އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް އެބޭފުޅުން ބޯޑަށް އިންތިހާބު ކުރެވުނުކަން އެނގުނީ އެބޭފުޅުން ކުރިމަތި ނުލައްވަނީހެވެ. ޗެއާމަނަކަށް ހޮވީ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅު ރާއީ މުހައްމަދު ރަޝީދެވެ. ޖަލްސާ އަށް ހާޒިރުވީ ކިތައް މެމްބަރުން ކަމެއް އަދި މަގާމުތަކަށް ކުރިމަތިލީ ފަރާތެއް ވެސް، ޖަލްސާގެ މައުލޫމާތެއް ވެސް ވެލެންސިއާ ނޫން ބަޔަކަށް ނޭނގެ އެވެ.

"މަގޭ ނަން ވެސް ޖަހާފައި އޮތީ. އެއީ 19 ހަމަކުރަންވެގެންނޯ. ދެން އެތާ ނުވެސް ތިބި ބައެއްގެ ނަންވެސް ޖަހާފައި އޮތީ. އެ މީހުންނަކަށް ނޭނގެ ޖެހި ކަމެއް ވެސް. ވޯޓުލައިގެނެއް ވެސް ނޫން މީހުން ހަމަޖެއްސީ. ވެލެންސިއާގަ އުޅޭ މީހުންކޮޅު ތިބީ ވެސް،"ނަން ނުޖަހަނަ ޝަރުތުކޮށް އަލަށް އެކުލަވާލި ބޯޑުގައި ހިމެނޭ މެމްބަރަކު ކިޔައިދިނެވެ.

މެމްބަރުން ނެތީބާ؟

"އައި ބަޔަކާއެކީގަ މިކަން ކުރަން އޮންނަނީ. ދެން މީހުން ނައުމަކީ އަހަރުމެންގެ މައްސަލައެއް ނޫން،" އިންތިހާބާ ބެހޭ ގޮތުން ސުވާލުކުރުމުން ވެލެންސިއާގެ އޮފިޝަލަކު ބުންޏެވެ.

އެކަމަކު ވެލެންސިއާގެ މެމްބަރުންނަށް އިންތިހާބު އޮންނަކަން އެނގުނުބާ އެވެ؟ ކްލަބުގެ މެމްބަރުން ތެރެއިން 80 ޕަސެންޓަކީ ވެލެންސިއާ އުފެއްދިއިރު ވެސް ކުލަބުގައި ތިބި މީހުންނެވެ. އެކަމަކު ތަފާތު ފަހަރުތަކުގެ މަތީން ކުލަބުގެ މެމްބަރޝިޕް އެކިފަރާތްތަކަށް ދިފައިވެ އެވެ. ހާއްސަކޮށް 2003 ވަނަ އަހަރު ވަރަށް ގިނަ ބަޔަކަށް މެމްބަރޝިޕް ކާޑު ވެސް ދޫކުރި އެވެ. އެކަމަކު އެ މީހުން މެމްބަރުންގެ ގޮތުގައި ނެތީކީއްވެބާ އެވެ. ކުލަބުގެ ކުޅުންތެރިން މެމްބަރުންނަށް ނުވަނީބާ އެވެ. ގަދަކަމުން ވެސް ކުޅުންތެރިން ޖަލްސާ އަށް ހާޒިރު ކުރެވޭނެ އެވެ. މިކަހަލަ ކިތަންމެ ކަމެއް ފެންނަން ހުރުމުން ވެލެންސިއާގެ އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދުވަސްވީ މީހުން ކުލަބުގައި "ބަގުޑި ބެއްދަނީ ކީއްވެ؟

ވެލެންސިއާ އަބަދުވެސް މެނޭޖްމަންޓުގެ މައްސަލަ ގިނަ ކުލަބެކެވެ. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ވެލެންސިއާގެ މުގުކުގައި އެތިއްބެވީ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (ދޮނާ) އެވެ. މި ބޭފުޅުންނާ، ހާއްސަކޮށް ދޮނާއާ މައްސަލަޖެހިގެން ވެލެންސިއާގެ އެތައް ބަޔަކު މިއަދު ވަނީ ކުލަބާ ދުރަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ކުރީގެ މުއައްސިސް އަދީލް ޖަލީލާއި އަބުދުﷲ އާމިރާއި ބޯގަންވިލާ އަހުމަދު އިސްމާއީލް އާއި ވަޑިހަސަން މަނިކާއި ސައްލި ސައީދާއި ހީނާ އަހުމަދު ސަލީމާއި ހަސަން އަފީފް ފަދަ އެތައް ބޭފުޅުންނެއް ހިމެނެ އެވެ. މި ބޭފުޅުން ދުރަށް ދާން ޖެހޭ އެންމެބޮޑު މައްސަލަ އަކީ ދޮނާމެން ފަދަ ނުފޫޒުގަދަ ބޭފުޅުން ޒަމާނީ ހިޔާލުތަކަށް ބޯ ނުލެބުމާއި ގޮތް ދޫނުކުރުމެވެ. ވެލެންސިއާގެ އިންތިހާބު ސިއްރުން ބާއްވަން ޖެހުނު އެއް ސަބަބަކީ ސާފު އިންތިހާބެއް ބާއްވައިފިނަމަ ދޮނާމެން ހިޔަލީމެންނަށް ނާކާމިޔާބުވެދާނެކަން ކަށަވަރުވުމެވެ. އެކަމަކު އަމިއްލަ އެދުމާހުރެ ކުލަބު ގުރުބާން ކުރަމުންދިއުމުގެ ނަތީޖާ އަކީ ވަރަށް ފަހަކާ ޖެހެންދެން އެންމެ ކާމިޔާބު އެއް ކުލަބުގެ ގޮތުގައި އޮތް ވެލެންސިއާ އަށް މިހާރުވަނީ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމާ ހަނގުރާމަ ކުރަން ޖެހިފަ އެވެ.

އެފްއޭއެމުގެ އިންތިޚާބު

އެފްއޭއެމުގެ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ވެލެންސިއާގެ ގޮނޑި ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. މިވަގުތު ކުލަބުގެ ޓިކެޓް ހޯއްދަވައިގެން ހުންނެވީ ހިޔަލީ އެވެ. އޭނާ ވަނީ އޮގަސްޓްމަހު އޮންނަ އިންތިހާބުގައި އެފް.އޭ.އެމުގެ ނާއިބް ރައީސަކަށް ކުރިމަތިލައްވާނެކަން އިއުލާނުކޮށްފަ އެވެ. ދެން ހުރީ ދޮނާ އެވެ. އޭނާ އަކީ މިހާރުވެސް އެފް.އޭ.އެމުގެ އެކްސްކޯގެ މެމްބަރެކެވެ. ވެލެންސިއާގެ ޓިކެޓްގައި ހިޔަލީ ކުރިމަތިލައްވާއިރު އެހެން ކުލަބެއްގެ ނަމުގައި ދޮނާ ކުރިމަތިލެއްވި ނަމަވެސް މިދެބޭފުޅުން ގުޅިވަޑައިގަތުމުން ދޮނާގެ އެކްސްކޯގެ ސީޓް ޔަގީންކުރުމަށް ވެލެންސިއާގެ ވޯޓަކީ ޔަގީން އެއްޗަކަށްވެދެ އެވެ. މިހާރުގެ ރައީސް އަލީ އާޒިމްއާއެކު އެންމެފަހުގެ އިންތިހާބުގައި ވެސް މިދެބޭފުޅުން ކާމިޔާބު ހޯއްދެވީ މިފޯމިއުލާގެ ދަށުންނެވެ.

މިހެންވެ ވެލެންސިއާގެ ސީޓުގެ ބޭނުމުގައި ސާފު އިންތިހާބެއް ބާއްވަން ދޮނާމެން ބޭނުންނުވަނީ އެހެން ބަޔަކު އިންތިހާބާ ކުރިމަތިލާނެކަމުގެ ބިރު އޮތުމުންނެވެ. ވެލެންސިއާގެ ކުރީގެ ކުޅުންތެރިން ކަމަށްވާ އެފް.އޭއެމުގެ ކުރީގެ ވައިސް ޕްރެޒިޑެންޓް އަބުދުލްހަމީދު އަބުދުލްގަފޫރު (އައްޑޯ) އާއި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) އާއި ކޯޗު މުހައްމަދު ނިޒާމް އަދި އަދީލް ޖަލީލް ފަދަ ބޭފުޅުންނަކީ އިންތިހާބެއް ބާއްވައިފިނަމަ ކުރިމަތިލައްވާނެ ކަމަށް ގަބޫލުކުރެވޭ ބޭފުޅުންނެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ވެލެންސިއާއާ ހަވާލުވުމަށް މިހާރުގެ މެނޭޖްމަންޓާއެކު ހުސްވި އަހަރުގެ ފަހުކޮޅު ވަރަށް ބުރަކޮށް މަސައްކްތަކޮށްފަ އެވެ. ނަމަވެސް މިހާރުގެ މެނޭޖްމަންޓުން ކުލަބު ދޫކޮށްލަން ބޭނުންނުވީ "ކުލަބަށް ހެޔޮ އެދެނީ އަހަރުމެން،" ކަމަށް ބުނެފަ އެވެ. ނަމަވެސް ހަގީގަތަކީ ކޮބައި ހެއްޔެވެ؟