ރާއްޖެއިން ޙައްޖަށާއި އުމުރާއަށް މީހުން ފޮނުވާ އަލްސަފާ ޕްރައިވެޓް ލިމިޓެޑުން އުމުރާއަށް ފޮނުވަން އުޅުނު 100މީހުން ނުފުރި އެއާޕޯޓުގައި ތިންގަޑިއިރު ތިބުމަށްފަހު އަނބުރާ ގެއަށް ގޮސްފިއެވެ.

އުމުރާއަށް ދާން އެއާޕޯޓަށް ގޮސް ހުރި މީހަކު "ސަން"އަށް ބުނީ ސައުދީއަށް ދަތުރުކުރަން ބޭނުންވަނީ 48 ގަޑިއިރުގެ ޕީސީއާރު ޓެސްޓެއްކަމަށް އެއާޕޯޓުން ބުނީ ބޯޑިން ވެސް ދިނުމަށްފަހުގައި ކަމަށެވެ. އަދި އެކަމާބެހޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީއަކުން ނުވަތަ ސަފާ ގުރޫޕޫން ވެސް ދީފައިނުވާކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިހާތަނަށް ދަތުރުކޮށްފަ މިތިބީ 72ގަޑިއިރުގެ ޕީސީއާރުގަ،" އޭނާ ބުންޏެވެ.

އުމުރާއަށް ފުރަން މިރޭ އެއާޕޯޓަށް ދިޔަ މީހުންނަށް ވިސާލިބިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ.

"ޕީސީއާރު ފޮނުވައިގެންތާ ވިސާ މިލިބެނީ. ވިސާ ހައްދަން ފޮނުވި 72 ގަޑިއިރުގެ ޕީސީއާރު އެއޮތީ ބަލައިގަނެފަ. އަނެއްކާ ވިސާ ހެއްދިއިރަކު ވެސް ނުބުނެ ދަތުރުކުރަން ބޭނުންވާނީ 48 ގަޑިއިރުގެ ޕީސީއާރެއް ކަމަށް" އޭނާ ބުންޏެވެ.

"މިކަމާ ގުޅިގެން (ސަފާ) ޖަމާއަތުން ބުނީ މާދަމާރޭގެ ފްލަޓުން ޖާގަލިބޭތޯ ބަލަނީއޭމި." އޭނާ ބުންޏެވެ.

އުމުރާއަށް ދާ މީހުން މިހާރު މަސައްކަތްކުރަނީ ޕީސީއާރު ހަދަންކަމަށް އޭނާ ބުންޏެވެ. އަދި ޕީސީއާރު ހަދަނީ ސަފާ ޖަމާއަތުގެ ހަރަދުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

މިރޭ އަށެއް ޖެހިއިރު ފުރަން ދިޔަ 100 މީހުންނަށް ނުފުރިގެން ގެއަށް ދެވުނު އިރު ހުރީ އެގާރަ ވެސް ޖަހާ ބޮޑުވެފައެވެ.