ވިޓަމިން-ސީ އިން މުއްސަނދި މޭވާއެއްކަމަށްވާ ލުނބޮލަކީ ބޮލުން ހަންފޮޅުން ހުއްޓުވަން އެހީތެރިވެދޭ މޭވާއެކެވެ.

ބޮލުން ހަންފޮޅުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ބޮލުން ހަންފޮޅެން ދިމާވާ މައިގަނޑު ސަބަބަކީ ގުދުރަތީ ގޮތުން އުފެދޭ ފަންގަސްއެއް ކަމަށްވާ "މަލަސެޒިއާ ގްލޮބޮސާ" އެވެ. މާ ބޮޑަށް ބޮލުގެ ހަންގަނޑު ތެޔޮވާނަމަވެސް ހަންފޮޅުމުގެ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ލުނބޮލުގެ ސަބަބުން ބޮލުގެ ހަންގަޑަށް ކުރާ ފައިދާތައް ވަރަށްވެސް ގިނައެވެ. އެގޮތުން، ލުނބޮލަކީ ވިޓަމިން-ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއެއްކަމުން އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ. މީގެއިތުރުން، ލުނބޮލުގައި ވާ "ސިޓްރިކް އެސިޑް"ގެ ސަބަބުން ބޮލުގެ ހަންގަނޑުގައި އުފެދޭ ތެޔޮތަކާއި ބޮލުގައި އުނގުޅަން ބޭނުންކުރާ އުފެއްދުންތައް ފިލުވަން އެހީތެރިވެދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ލުނބޮލަކީ "އެންޓި-ބެކްޓީރިއަލް" އަދި "އެންޓި-ފަންގަލް" މޭވާއެކެވެ. އެހެންކަމުން، ބެކްޓީރިއާ އާއި ފަންގަސްއާ ދެކޮޅަށް މަސައްކަތްކޮށް، ބޮލުން ހަންފޮޅުން ހުއްޓުވަން ލުނބޯ އެހީތެރިވެދެއެވެ.

މީގެ އިތުރުން، ލުނބޮލުގެ ދިޔައަކީ ބޯ ހިރުވުން ހުއްޓުވައިދޭ މޭވާއެވެ.

ބޮލުގައި ލުނބޯ ބޭނުންކުރެވޭނެ ބައިވަރުގޮތްތައް ހުރެއެވެ. އޭގެ ތެރޭގައި އެންމެ ފައިދާކުރާ ގޮތްތަކަކީ މިއީއެވެ.

1. ލުނބޮލުގެ ދިޔަ އިސްތަށިގަނޑުގައާއި ބޮލުގެ ހަންގަނޑުގައި އުނގުޅާލުމަށްފަހު އިސްތަށިގަނޑުގެ މޫތަކާއި ހަމައަށް ފޯރަންދެން ބަހައްޓާށެވެ. އެގޮތައް އިރުކޮޅަކު ބެހެއްޓުމަށް ފަހު، ޝޭމްޕޫ ލައިގެން ބޯ ރަނގަޅަށް ދޮވެލާށެވެ.

2. ލުނބޯ ހުތް، ކާށި ތެޔޮ އަދި ހަކުރު އެއްކުރުމަށް ފަހު "ސްކްރަބް"އެއް ހަދާށެވެ. އެއަށްފަހު ބޮލުގައި އުނގުޅާލާށެވެ. މީގެ ސަބަބުން ބޮލުގައި ހުންނަ ތެޔޮތަކާއި ދާތައް ފިލުވައިދޭން އެހީތެރިވެދެއެވެ.

3. ހަންފޮޅުމުގެ ސަބަބުން ބޯ ހިރުވާނަމަ، ލުނބޯދިޔަ އަދި މާމުއި ނުވަތަ ލުނބޯ ދިޔަ އަދި އަލޯވެރާ ބޭނުންކޮށްގެން "ހެއާ މާސްކް"އެއް ހެދިދާނެއެވެ. މި "ހެއާ މާސްކް" ބޭނުންކުރުމުން ބޯ ހިރުވުން ކުޑަކޮށްދެއެވެ.