23 Feb 2022, 23:17
އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސޭޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ދިވެއްސަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.
ސީޕީ ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރާއްޖޭގައި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެފްބީއައި އާއި ޔޫރަޕިއަން ޔޫނިއަންގެ ދެ ގައުމެއް ގުޅިގެން ކަމަށެވެ.
އުމުރުން 30 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
In a joint operation involving the@FBIand authorities from two European Union nations,@PoliceMvarrested a 30 year old Maldivian man in Male’ on 6th Jan 2022. He is alleged of being a prominent operative associated with the proscribed terrorist organisation “Islamic State”.
— Mohamed Hameed (@M_Hameedh)February 23, 2022
ހަމީދު ވިދާޅުވީ ރާއްޖެއިން ހައްޔަރުކުރި އެ ފިރިހެން މީހާއަކީ, އައިއެސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ މީހެއް ކަމަށާއި, އެގޮތުން މީޑިއާ ކެމްޕެއިންތައް ވެސް އޭނާ ހިންގާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
"ހަރުކަށި ފިކުރުތައް ފެތުރުމާއި އަދި ވަކިން ޚާއްސަކޮށް ޔޫރަޕްގެ ބިމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ގޮވާލުމާއި އެގައުމުތަކުގެ ވެރިންނަށް ގެއްލުން ދިނުން ހިމެނޭ. އޭނާ ދިޔައީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އަދި އެފަދަ އަމަލުތައް ހިންގަމުން," ސީޕީ ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެ މައްސަލަ އަކީ ޓެރަރިޒަމްގެ ބޮޑު މައްސަލައަކާ ގުޅިގެން ހިންގާ ތަހުގީގެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެކަމުގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ރާއްޖެއިން މީގެ ކުރިން ވެސް އައިއެސްއާ ގުޅުހުން ހުރި މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އައިއެސްއާ ގުޅުމަށް ރާއްޖެއިން ބޭރަށް ދިޔަ ބައެއް މީހުންގެ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.