23 Feb 2022, 23:25
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނާތީ، އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާތީވެ، 15 ދުވަހުގެ މުއްދަތަކަށް އެ މަގުތައް ބަންދު ކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން އަދި ނޭވާ ހިއްލާ މީހުން މި ދުވަސްވަރު އެ މަގުތަކާ ކައިރި ނުވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ތާރު އެޅުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ވަހުގެ އަސަރު، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ކޮށްފާނެތީ އެކަމަށް ރައްކާތެރިވެ، ތިބުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.