ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިޔާއެވެ. އެންމެ ބާރަށް ކުރިއަރަމުން އަންނަ 10 އިގުތިސާދުގެ ތެރޭގައި އެ ގައުމު ހިމެނެ އެވެ. އިންޑިޔާގެ ތައާރަފުގައި އިންޑިޔާ މީހަކު ވާހަކަ ދައްކާ ނަމަ އަދި މިއަށް ވުރެ ގިނަ "އެންމެ" ތައް ކިޔައިދޭނެ އެވެ.

ނަމަވެސް އިންޑިޔާގެ 200 މިލިޔަން މީހުން ނުވަތަ ކޮންމެ ހަ މީހަކުން އެކަކަކީ މިޒަމާނުގައި އަސާސީ އެއްޗެއްސަށް ވެފައިވާ ފޯނާއި ޓީވީ އަދި ވެހިކަލެއް ފަދަ އެއްޗެއް ބޭނުން ކުރަން ނުލިބޭ މީހުންނެވެ.

އިންޑިޔާގެ އަރުނަކަލް ޕްރަދޭޝްއާއި ނަގަލޭންޑާއި މަދިޔަ ޕްރަދޭޝް، މި ތިން ސްޓޭޓްގެ ކޮންމެ ތިން ގޭބިސީއަކުން އެއް ގޭބިސީތަކުގެ އާއިލާތައް މިހާރު ވެސް ދިރިއުޅެނީ މިއިން އެއްވެސް ވަސީލަތަކާ ނުލައެވެ.

އިންޑިޔާގެ ބޯހިމެނުން 2011 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގެ މައުލޫމާތު އެ ގައުމުގެ ރެޖިސްޓްރާ ޖެނެރަލް އާއްމުކުރެއްވީ އިއްޔެ އެވެ. އެ މައުލޫމާތުން އިންޑިޔާ މީހުން ދިރިއުޅެމުން އަންނަ ގޮތް ސާފުވެއެވެ. ގެއެއްގައި ދިރިއުޅެނީ ކިތައް މީހުންކަމާއި ގެތައް އެމީހުން އަލިކުރަނީ ކިހިނެތްކަން އެނގެ އެވެ. ފެން ހޯދަނީ ކިހިނެތްކަން ވެސް އެނގެ އެވެ.
އިންޑިޔާގެ ބޯހިމެނުމުގައި ހޯދާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ފަސް ވަސީލަތެއް މީހުންގެ އަތުގައި ހުރީ ކިހާވަރަކަށްތޯ ބަލާފައި ވެއެވެ. އެއީ ރޭޑިއޯ ނުވަތަ ޓްރާންސިޓާ އާއި ފޯނާއި ޓީވީއާއި ކޮމްޕިއުޓަރު އަދި ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކެވެ.

ބޯހިމެނުމުގެ ފުރަތަމަ ފިޔަވަހީގެ މައުލޫމާތުތަކުން އެނގިފައި ވަނީ ރޭޑިއޯ ހުރި ގޭބިސީތައް މަދުވެފައިވާ ކަމެވެ. އަދި އެ މަދުވި މިންވަރަށް ޓީވީ ބޭނުންކުރާ ގޭބިސީތައް ވަނީ އިތުރުވެފައެވެ. އެގޮތުން ރަށްފުށު ހިސާބުގައި ތިންބައިކުޅަ އެއްބައި ގޭބިސީތަކުގައި ޓީވީ ގެންގުޅޭއިރު އާބަން ސަރަހައްދުތަކުގެ 75 ޕަސެންޓް ގޭބިސީގައި ޓީވީ ގެންގުޅެއެވެ.

މިދިޔަ އަހަރު އިންޑިޔާގައި އޮތް ބޯހިމެނުމަކީ މޯބައިލް ފޯނާއި ލޭންޑް ލައިން ފޯނު ގެންގުޅެނީ ކިހާމީހުންނެއްތޯ ބެލި ފުރަތަމަ ބޯހިމެނުމެވެ.

ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން 63 ޕަސެންޓް ގޭބިސީގައި ލޭންޑްލައިން ފޯނު ގެންގުޅޭއިރު މޯބައިލް ފޯނު ގެންގުޅެނީ 53 ޕަސެންޓް ގޭބިސީގައެވެ. ނަމަވެސް ދެ ވައްތަރު ގެންގުޅެނީ އެންމެ ހަ ޕަސެންޓް ގޭބިސީގަ އެވެ.

ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ލެޕްޓޮޕް ގެންގުޅޭ ގޮތަށް ބަލާއިރު އާބަން ސަރަހައްދުތަކުގެ 20 ޕަސެންޓް ގޭގައި އެއިން ކޮންމެ ވެސް އެއް ބާވަތެއް ގެންގުޅެއެވެ. ނަމަވެސް ރަށްފުށު ހިސާބުތަކުގައި އެ އަދަދު އުޅެނީ ފަސް ޕަސެންޓްގަ އެވެ.
އަދި އިންޓަނެޓް ކަނެކްޝަނާއެކު ކޮމްޕިއުޓަރު ހުރީ ރަށްފުށު ހިސާބުތަކުގެ އެއް ޕަސެންޓް ގޭބިސީގަ އެވެ. އަދި އާބަން ސަރަހައްދުތަކުގައި ވެސް އެ އަދަދު އުޅެނީ ވަކި މައްޗަކު ނޫނެވެ. އެއީ އެންމެ އަށް ޕަސެންޓެވެ.

ދަތުރުފަތުކުރުމުގެ ވަސީލަތްތައް ލިބިފައިވަނީ އިންޑިޔާގެ ދެބައިކުޅައެއްބައި މީހުންނަށެވެ. އެގޮތުން ކާރެއް ލިބިފައިވަނީ ފަސްޕަސެންޓް ގޭބިސީއަށް ކަމަށް ވާއިރު ސައިކަލް ލިބިފައިވަނީ ވެސް އެންމެ 21 ޕަސެންޓް ގޭބިސީއަށެވެ. ނަމަވެސް 45 ޕަސެންޓް ގޭބިސީގައި ބައިސިކަލް ހުރެ އެވެ.

އިންޑިޔާގެ 2011 ވަނަ އަހަރުގެ ބޯހިމެނުމުން ލިބިފައިވާ މިމައުލޫމާތުތަކުން އެނގެނީ އެގައުމު އިގުތިސާދީ ގޮތުން ކިތަންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އައި ނަމަވެސް އާބާދީގެ ބޮޑުބައެއްގެ ދިރިއުޅުމުގެ ފެންވަރު މަތިވަމުން ނުދާކަމެވެ. -- ދަ ޓައިމްސް އޮފް އިންޑިޔާ