24 Feb 2022, 09:04
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ ގުޅިގެން ބާއްވާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ފީއަލީގެ ޓީމަށް ކުޅުމަށް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމުގެ ސަބަބުން އެރަށުގައި ވޮލީ ކުޅޭ މޮޅެތި ގިނަ ކުޅުންތެރިން އެ އަތޮޅުގެ އެހެން ޓީމުތަކަށް ކުޅެން ނިންމައިފިއެވެ.
ފ. އަތޮޅު ފީއައްޔަކީ ރާއްޖޭގެ ވޮލީގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގައި ކުޅިވަރު ކުޅޭ ދެ ޖަމުއިއްޔާއެއް އޮންނައިރު، އެއީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އާއި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އެވެ.
ވޮލީގައި ފީއައްޔަށް ބަލާއިރު އެރަށުން ވަނީ 2018 ވަނަ އަހަރުގެ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެެވެ. އަދި 2019 ވަނަ އަހަރުގެ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ ތިން އުމުރު ފުރާއެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެއް އުމުރު ފުރާގެ ދެ ވަނަ ހޯދާފައެވެ. އެ އަހަރުގެ މުބާރާތުގެ ގިނަ މަގާމުތަކަށްވެސް ފީއަލީގެ ކުޅުންތެރިން ވަނީ ހޮވިފައެވެ.

2019 ވަނަ އަހަރު ބޭއްވި އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފީއަލީ ޓީމް -- ފޮޓޯ / ވީއޭއެމް
އެރަށަކީ ރާއްޖެތެރޭގެ ފެންވަރުގައި ބޮޑެތި ވޮލީ މުބާރާތްތައް ބާއްވާފައިވާ ރަށެކެވެ. އެރަށުގައި ބޭއްވި މުބާރާތްތަކުގައި ސްރީލަންކާ، އިންޑިއާ، ނޭޕާލްގެ އިތުރުން ޕާކިސްތާނުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ހިމެނޭ ޓީމުތައް ބައިވެރިވެފައިވެއެވެ.
އެރަށުގައި ހުނަރުވެރި، މޮޅެތި ވޮލީ ކުޅުންތެރިން ތިބިއިރު، އޭގެ ތެރެއިން ގިނަ ކުޅުންތެރިން މި އަހަރުގެ އެޓޯލް މުބާރާތުގައި ކުޅެނީ އަތޮޅުގެ އެހެން ރަށްތަކަށެވެ. އެ ކުޅުންތެރިން ބުނާ ގޮތުގައި އަމިއްލަ ރަށަށް ނުކުޅެނީ އެކަށީގެންވާ ފުރުސަތެއް ނުލިބޭތީއެވެ.

ފީއަލީގައި ބޭއްވި މުބާރާތެއްގައި ވާދަކުރި ޓީމަކަށް ގެނައި ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަން ޖަނިތާ -- ފޮޓޯ / ފެޒް
"ސަން" އާ ވާހަކަ ދައްކަމުން އޭގެ ތެރެއިން ކުޅުންތެރިޔަކު ބުނީ އެރަށު ކައުންސިލުން ބައިވެރިވާނެ ޖަމުއިއްޔާއެއް ނިންމީ އެއްވެސް ވަރަކަށް ޖަމުއިއްޔާތަކާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ވޮލީ ކުޅޭ ކުޅުންތެރިންނާވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ކައުންސިލްގެ ނިންމުމަކީ ވަކި ޖަމުއިއްޔާއަކަށް ފޭވާކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ.
"އަޅުގަނޑުމެންގެ މައްސަލައަކީ ކައުންސިލުން އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ގޮތް ނިންމުން. މި ބުނީ ކުޅިވަރު ކުޅޭ ޖަމުއިއްޔާއަކާވެސް އަދި ކުޅުންތެރިންނާވެސް. އަޅުގަނޑުމެން ދެކޭ ގޮތުގައި ކައުންސިލްގެ ނިންމުމަކީ ވަކި ޖަމުއިއްޔާއަކަށް ފޭވާއެއް ކޮށްދިނުމަށް ނިންމި ނިންމުމެއް. އަދި ވަކިން ދެ ޖަމުއިއްޔާއަށް ބަލާކަމުގައިވަނީނަމަ، ރަށު ފެންވަރުގައިވެސް އަދި އަތޮޅު ފެންވަރުގައިވެސް މިހާތަނަށް އެންމެ ރަނގަޅު ކާމިޔާބެއް ހޯދާފައިވަނީ އަޅުގަނޑުމެންގެ ޖަމުއިއްޔާއިން. އެކަމަކު ކައުންސިލުން މިއިން އެއްވެސް ކަމަކަށް ނުބެލީމާ އަޅުގަނޑުމެން މިހެން ނިންމަން މިޖެހުނީ،" ފީއަލީން ވާހަކަ ދެއްކި ކުޅުންތެރިޔަކު ބުންޏެވެ.
ފީއަލީ ކައުންސިލުން ނިންމާފައިވަނީ އެރަށުން މުބާރާތުގައި ބައިވެރިވާނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ގެ ނަންމަތީގައިކަމަށެވެ.
ފިރިހެން އަދި އަންހެން ވޮލީގައިވެސް ފީއަލީ ފާހަގަކުރެވޭއިރު، އެ ރަށުގެ ޖަމުއިއްޔާތަކުގެ ތެރެއިން ފެޒްގ އަކީ ފާހަގަކޮށްލެވޭ ޖަމުއިއްޔާއެކެވެ. އަންހެން ވޮލީގައި އެ ޖަމުއިއްޔާގެ އަންހެން ޓީމު ވަނީ އެ އަތޮޅަށް ހުޅުވާލައިގެން މަގޫދޫ ޒުވާނުންގެ ކުލަބުން ބޭއްވި އެމްޒެޑްސީ ލޭޑީސް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

އެމްޒެޑްސީ ލޭޑިސް ކަޕް ކާމިޔަބުކުރި ފެޒްގެ ޓީމް -- ފޮޓޯ / ފެޒް
އެޖަމުއިއްޔާއިން ވަނީ 2010 ވަނަ އަހަރު ފ. އަތޮޅުގައި ބޭއްވި ގައުމީ ވޮލީ މުބާރާތުގައި ވެސް ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އެއަހަރުގެ މުބާރާތުގައި ޓީމުތަކުން ބިދޭސީ ކުޅުންތެރިން ހިމަނައިގެން ނިކުތްއިރު، ފެޒްއިން ނިކުތީ ސަތޭކާ ޕަސެންޓު އެރަށުގެ ކުޅުންތެރިންނާއެކުއެވެ. އަދި އެ ޖަމުއިއްޔާއިން ވަނީ އެ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައެވެ.
ފެޒްގެ ފިރިހެން ވޮލީ ޓީމަކީވެސް ފާހަގަކޮށްލެވޭ ޓީމެކެވެ. އެ ޓީމުން ވަނީ 2002 އަދި 2003 ވަނަ އަހަރު ފ. އަތޮޅުގައި ބޭއްވި އެ އަތޮޅު ވެރިޔާގެ ވާދައިގެ ތައްޓަށް ކުޅޭ ވޮލީ މުބާރާތް ދެ އަހަރު ކާމިޔާބުކޮށްފައެވެ. އެ މުބާރާތް ބާއްވާފައިވަނީވެސް އެ ދެ އަހަރުގައެވެ.
އެ ޓީމުން ވަނީ ފ. ނިލަންދޫ ޖަމުއިއްޔާއެއް ކަމުގައިވާ، ނިލަންދޫ ޔަންގް ޖަނަރޭޝަން (އެންވައިޖީ) އިން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެންވައިޖީ އިން ފއަތޮޅަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ ތެރެއިން -- ފޮޓޯ / އެންވައިޖީ
ވޮލީގެ އިތުރުން އެ ޖަމުއިއްޔާއިން ވަނީ ފީއައްޔަށް ރީތި ނަންތަކެއްް ހޯދައިދީފައެވެ. އެގޮތުން އެ ޖަމުއިއްޔާގެ އަންހެން ބަށި ޓީމު ވަނީ އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓް ބަށި މުބާރާތް ހަތަރު އަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2012، 2013، 2014 އަދި 2015 އެވެ. އަދި 2016 އާއި 2017 ވަނަ އަހަރު އެ ޖަމުއިއްޔާއިން ވަނީ އެ މުބާރާތުގެ ތިން ވަނަ ހޯދާފައެވެ. ބަށީގެ ތާރީޚުގައިވެސް ރާއްޖޭގެ އެންމެ ކާމިޔާބު ޓީމަކީ ފީއަލީ ޓީމެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާާރާތް 2015 ވަނަ އަހަރު ކާމިޔާބުކުރި ފެޒްގެ ޓީމް -- ފޮޓޯ / ފެޒް
އެންމެ ފަހުން 2017 ވަނަ އަހަރަށްފަހު އެސްޓީއޯ އިން ބާއްވަމުން އައި ބަށި މުބާރާތް ހުއްޓާލިއެވެ. ދެން ފެށުނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާދައިގެ ތައްޓަށް ކުޅޭ "ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް" އެވެ. އެ މުބާރާތް 2017 ވަނަ އަހަރު ބޭއްވިއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފީއަލީ ޓީމެވެ. އެ ޓީމުން މުބާރަތް ކާމިޔާބުކުރީ އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން އަށް ދަތުރުކޮށް، ޒޯންގެ ޗެމްޕިއަންކަންވެސް ހޯދައިގެންނެވެ.

ފަސްޓް ލޭޑި ބަށިބޯޅަ ޗެމްޕިއަންޝިޕް 2017 ވަނަ އަހަރު ކާމިޔާބުުރި ފެޒްގެ ޓީމް -- ފޮޓޯ / ފެޒް
މިކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ ކައުންސިލުން ވަކި ޖަމުއިއްޔާއެއްގެ ނަން މަތީގައި ބައިވެރިވުމަށް ނިންމީ ޖަމުއިއްޔާތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
"މުބާރާތުގައި ބައިވެރިއެެއް ނުވެވޭ ކުލަބު ޖަމުއިއްޔާއެއްގަ ނޫނިއްޔާ. ދެން އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް އަމިއްލައަށް ކުލަބެއް ނުވެސް ހެދުނު. ވަގުތެއް ނުލިބުނު. ދެން ކޮންމެސް ޖަމުއިއްޔާއެއްގެ ނަންމަތީ ބައިވެރިވާންޖެހޭނީ. ނަން ހަމަ ބޭނުންކުރަން. އެއީ ރަނގަޅު ވާހަކައެއް. ކުލަބް ޖަމުއިއްޔާތަކާވެސް މަޝްވަރާކުރިން،" ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވިއެވެ.
ފެޒްގ އިން "ސަން" އާ ވާހަކަދެއްކި އޮފިޝަލަކު ބުނީ ކައުންސިލުން އެ ޖަމުއިއްޔާއާ އެކަމުގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ. އަދި މި ފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ކުޅިވަރު ޖަމުއިއްޔާއަށް ކަނޑައެޅުުގެ ބާރު އެސޯސިއޭޝަންތަކުން ކައުންސިލްތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ.
"ހަމަ ގައިމުވެސް ކައުންސިލުން މި ޖަމުއިއްޔާއަކާ މަޝްވަރާއެއް ނުކުރޭ. ދެން އަޅުގަނޑުމެން ދެކޭ ގޮތުގައި މިކަހަލަ މުބާރާތްތަކުގައި ބައިވެރިވާނެ ޓީމެއް ކަނޑައެޅުމުގެ ބާރު އެސޯސިއޭޝަންތަކުން ކައުންސިލްތަކަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫން. ކަންބޮޑުވާ ކަމެއް. މިހެން މި ދެންނެވީ އޭގެ ސަބަބުން އަޅުގަނޑުމެން ކަހަލަ ކުޅިވަރުގައި އެތައް ކާމިޔާބެއް ހޯދާފައިވާ ޖަމުއިއްޔާތަކަށް ކުރިއަށް ދިޔުމަށް އުނގަދޫވޭ. ކައުންސިލްގެ ފޭވާ ކުރުން ވަރަށް ބޮޑަށް އޮވޭ،" ފެޒްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާާރާތް 2014 ވަނަ އަހަރު ކާމިޔާބުކުރި ފެޒްގެ ޓީމް -- ފޮޓޯ / ފެޒް
މިކަމާ ގުޅިގެން ފީއަލީގެ 12 ކުޅުންތެރިޔަކު އެ އަތޮޅުގެ ބިލެތްދޫއަށް ކުޅޭގޮތަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ނުވަ ފިރިހެން ކުޅުންތެރިންނާއި ތިން އަންހެން ކުޅުންތެރިޔަކު ހިމެނެއެވެ. އަދި މަގޫދޫ ޓީމަށް އެއް ފިރިހެން ކުޅުންތެރިޔަކު ކުޅޭއިރު، މަގޫދޫ އަންހެން ޓީމަށް ތިން ކުޅުންތެރިޔަކު ކުޅޭނެއެވެ.