މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ހުރިހާ ސެންޓަރަކުން ރޭ ބައްދަލުވުމެއް ބާއްވައި، ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް އެއްބަސްވެއްޖެއެވެ.

ހުޅުމާލޭ ރާކަނި ބީޗް ރެސްޓޯރެންޓުގައި ބޭއްވި މި ބައްދަލުވުމުގައި 17 ސެންޓަރަކުން ބައިވެރިވިއެވެ. އެއީ މާލެއާއި ހުޅުމާލޭގައި ހިންގާ ހުރިހާ ސެންޓަރެކެވެ.

އެ ކަމުގައި އިސްވެ ހަރަކާތްތެރިވި މީހެއް ކަމުގައިވާ މުޙައްމަދު ޒާހިރު "ސަން"އަށް ބުނީ އެ ނިންމުމަކީ އާންމުންގެ ފައިދާއަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށެވެ.

"ޑުރައިވަރުންނަށް އެންމެ ގެއްލުން ކުޑަ ގޮތް އަދި ފަސިންޖަރުންނަށް އެންމެ ފެއާ ގޮތަކީ ވެސް މީޓަރު ހަރުކުރުން ކަމުގައި ދެކިގެން އެގޮތަށް ނިންމީ،" ޒާހިރު ބުންޏެވެ.

ޒާހިރު ބުނީ މި ބަދަލުގެ ސަބަބުން އަގުތައް އަތް ނުފޯރާ ފަށަށް އަރައިގެން ނުދާނެ ކަމަށެވެ.

"މާފަންނުން ހެންވޭރު ކޮޅަށް ކުރާ ދަތުރެއް ވެސް ތިރީހަކަށް ރުފިޔާއަށް ކުރެވޭނެ ކަމަށް މި ބަލަނީ. އެއަށް ވުރެ ކުރު ދަތުރެއް ވިއްޔާ އަދި މާ ހެޔޮ ވާނެ" އޭނާ ބުންޏެވެ.

ރޭގެ ބައްދަލުވުމުގެ ބައިވެރިން ވަނީ މި މައްސަލަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމާފައެވެ.

ތެލުގެ އަގުތައް އުފުލެން ފެށުމާއެކު، ގިނަ ޓެކްސީ ޑްރައިވަރުން ތަކެއް ވަނީ ކޮންޓްރޯލް އަގުތަކުގެ ސަބަބުން ގެއްލުން ވަމުން އަންނަ ކަމަށް ބުނެ، ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން، ކާރުތަކުގެ މެއިންޓެނަންސް އާއި އެކު ޖުމްލަ ހަރަދަށް ނަގާފައި ބާކީ މާބޮޑު އެއްޗެއް ނުއޮންނަ ކަމަށް އެމީހުން ބުނެއެވެ.

މީގެ ކުރިން ވެސް ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ ކަންކަން ކާމިޔާބުވާ ގޮތެއް އޭރު ނުވިއެވެ.

މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.